ކާންވީ ގޮތް އަންގައިދޭ ޑިވައިސްތަކެއް ދައްކާލައިފި

މީހާގެ ނޭވާގެ ހާލަތު ދެނެގަތުމަށް ފަހު، އެ މީހެއްގެ ކެއުމުގެ ވައްޓަފާޅި ބަހައްޓަންވީ ގޮތް އަންގައިދޭ ޑިވައިސްތަކެއް، އެމެރިކާގެ ލަސް ވެގަސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ ސީއީއެސް ޓެކް ޝޯގައި ދައްކާލައިފި އެވެ.


ލުމެން އާއި ފުޑްމާބަލް އިން ތައްޔާރުކޮށްފައިވާ މި ޑިވައިސްތަކަކީ ޖީބަށް ލެވޭ ވަރަށް، ގެންގުޅެން ފަސޭހަކޮށް ތައްޔާރުކޮށްފައިވާ ޑިވައިސްތަކެކެވެ. ޑިވައިސްތައް ބޭނުންކުރެވޭނީ އެ އެއަށް ހާއްސަކޮށްފައިވާ މޮބައިލް އެޕެއް މެދުވެރިކޮށެވެ.

މި ޑިވައިސްތަކުން މީހާގެ ކާބަންޑައޮކްސައިޑް ލެވެލް ނުވަތަ ހަށިގަނޑުގެ ގޭހުގެ ހާލަތު އަންގައި ދިނުމާ އެކު، އެ މީހާގެ ކެއުން ބަހައްޓަންވީ ގޮތް އެޕް މެދުވެރިކޮށް ކިޔައިދޭނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މި ޑިވައިސްތައް ވެގެންދާނީ މީހާގެ މެޓަބޮލިޒަމް އަންގައި ދޭނެ އެއްޗެކަށެވެ.

މި ފަދަ ޑިވައިސްތަކެއް ދައްކައިލި ނަމަވެސް، މި އެއްޗިއްސަކީ ސީދާ ސައްތަ އިން ސައްތަ މައުލޫމާތު ފޯރުކޮށްދޭ އެއްޗެހިތަކެއްކަން ކަށަވަރު ކުރުމަށް އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައިވެ އެވެ.

އަލިފާންފޮއްޓެއްގެ ސައިޒަށް ފަރުމާކޮށްފައިވާ ފުޑްމާބަލްގެ "އެއާ" މިހާރު ގަންނަން ވެސް ލިބޭނެ އެވެ. މީގެ އަގަކީ 159 ޑޮލަރެވެ. އެ ކުންފުނިން ބުނި ގޮތުގައި މީގެ 8،000 ޑިވައިސް މިހާރު ވެސް ވަނީ ޕްރި-އޯޑަރު މަރުހަލާގައި ވިއްކާލައިފަ އެވެ.

އިންހޭލާއެއްގެ ސައިޒަށް ތައްޔާރުކޮށްފައިވާ ލުމެންގެ ޑިވައިސްއާ ބެހޭ ގޮތުން މި އީޖާދު ކުރި ޑްރޯ ސީޑާ ބުނި ގޮތުގައި މިއީ ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ވަރަށް ވެސް މުހިއްމު ވަސީލަތަކަށް ވެގެން ދާނެ ކަމަށެވެ.

"އެހެން ގޮތަކަށް ބުނާ ނަމަ މިއީ މީހާގެ ސިއްހީ ހާލަތާ އެކަށީގެންވާ ގޮތަށް ޑައެޓް ބަހައްޓަންވީ ގޮތް އަންގައި ދޭނެ ޑިވައިސްއެއް މިއީ،" އޭނާ ބުންޏެވެ. "މިހާތަނަށް އަހަރެން މީތި ވަރަށް ގިނަ މީހުންނާ އެކު ޓެސްޓް ވެސްކޮށްފިން. ނަތީޖާ ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ."

ލުމެންގެ ޑިވައިސް ކުރިއަށް އޮތް ހޫނު މޫސުމާ ދިމާކޮށް ވިއްކަން ފަށާ އިރު، އަގަކީ 299 ޑޮލަރު އެވެ. އެކަމަކު ޕްރި-އޯޑާ ކުރާ ނަމަ 250 ޑޮލަރަށް ލިބޭނެ އެވެ.