ބަޓަފްލައި އައިކިއު: އަމިއްލަ އަށް ވެސް އަލްޓްރާސައުންޑް ސްކޭން ހެދިދާނެ

އަލްޓްރާސައުންޑް ސްކޭން ހަދަން ކޮންމެހެން ހޮސްޕިޓަލްގައި ކިޔޫ ޖެހިގެން އިންނަންޖެހުން ނިމުމަކަށް އަންނަނީ ކަމަށް ވެދާނެ އެވެ. ތަޖުރިބާ ހުރި ނަމަ މިއީ މިހާރު އަމިއްލަ އަށް ގޭގައި ވެސް ކޮށްލެވިދާނެ ކަމެކެވެ


އެމެރިކާގެ ލަސް ވެގަސްގައި ބޭއްވި އެސްއީސީ ޓެކް ޝޯ 2019 ގައި ވަނީ އަލްޓްރާސައުންޑް ސްކޭން އަމިއްލަ ހަދައިލެވޭނެ، އަތަށް ހެޔޮވަރުގެ ޑިވައިސްއެއް ދައްކާލައިފަ އެވެ. މިކަން ފަހިކޮށްދިނީ އެމެރިކާގެ ބަޓަފްލައި ނެޓްވޯކުންނެވެ.

"ބަޓަފްލައި އައިކިއު" ގެ ނަން ދީފައިވާ ޑިވައިސް ސްމާޓް ފޯނާ ގުޅާލައިގެން، މިއަަށް ހާއްސަ އެޕްގެ އެހީގައި މިހާރު ފަސޭހަކަމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލްޓްރާސައުންޑް ސްކޭން ހަދައި އެ ސްކޭން ޑޮކްޓަރާ ވީޑިއޯ ޗެޓް މެދުވެރިކޮށް ހިއްސާކޮށްލެވި ދާނެ އެވެ. އެއީ ހަށިގަނޑުގެ ކޮންމެ ތަނެއް ކަމެއް ވިޔަސް މައްސަލައެއް ނެތެވެ.

އުފާވެރި ހަބަރަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އެޕްރޫވް ވެސް ކޮށްފައިވާ ބަޓަފްލައި އައިކިއު މިހާރު ގަންނަން ވެސް ލިބޭނެ ކަމެވެ. އަގަކީ 2،000 ޑޮލަރެވެ. ނަމަވެސް މި ވަގުތު އެފްޑީއޭ އިން ހުއްދަ ދީފައި ވަނީ ތަޖުރިބާކާރެއްގެ އެހީގައި ޑިިވައިސް ބޭނުން ކުރާށެވެ.

ބަޓަފްލައި ނެޓްވޯކުން ބުނި ގޮތުގައި ޑިވައިސް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ.

އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާއެއްގެ އެހީގައި އެންމެ އާދައިގެ މީހާ އަށް ވެސް ފުރިހަމަ އަލްޓްރާސައުންޑް ސްކޭން ހަދާލައި ޑޮކްޓަރާ ހިއްސާ ކުރަން އެނގޭނެ ގޮތަކަށް ބަޓްފްލައި އައިކިއު ވަރަށް އަވަހަށް ތަރައްގީ ކުރެވިގެން ދާނެ އެވެ.

ބަޓަފްލައި ނެޓްވޯކުން ބުނި ގޮތުގައި އެ މީހުން އީޖާދު ކުރި ޑިވައިސްއަކީ ޓެލެ-މެޑިސިންގެ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.