ވަޓްސްއެޕަށް ފިންގަޕްރިންޓް ފީޗާ މާ ލަހެއް ނުވާނެ

ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ފިންގަޕްރިންޓް ނުވަތަ އިނގިލީގެ ނިޝާނުން ބޭނުންކުރެވޭ ފީޗާއެއް އެ އެޕަށް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަށް އިތުރު ކުރާ އާ ފީޗާ ފުރަތަމަ ހާއްސަވެގެން ދާނީ އެންޑްރޮއިޑް ފޯނުތަކަށެވެ. ނަމަވެސް އާ ފީޗާ ރަސްމީކޮށް ތައާރަފު ކުރާނެ ސީދާ ތާރީހެއް ސާފު ނުވިޔަސް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފިންގްޕްރިންޓް ފީޗާ ވަޓްސްއެޕަށް އަންނާނެ ކަމަށް ބެލެވެ އެވެ.

މި ފީޗާގެ ސަބަބުން އެހެން މީހަކަށް ވަޓްސްއެޕް މެސެޖްތައް ބެލުމުގެ ފުރުސަތެއް ނޯންނާނެ އެވެ. މި ފީޗާ އެކްޓިވޭޓް ކުރެވޭނީ ސެޓިން އަށް ގޮސް، ޕްރައިވެސީން އޯތެންޓިފިކޭޝަން ސެކްޝަނަށް ވަދެލައި، "ފިންގަޕްރިންޓް" ސިލެކްޓް ކުރުމުންނެވެ. އެހެންވީމާ ވަޓްސްއެޕް ބޭނުންކުރާ މީހުން މިކަމަށް އަވަހަށް ތައްޔާރު ވާންވީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ ފީޗާ މާ ލަހެއް ނުވެ، ތަޖުރިބާކޮށްލަން ލިބޭނެ އެވެ. ފޭސްބުކުން މިކަމާ ބެހޭ ތަފުސީލެއް އަދި ނުދިނަސް، އެ ކުންފުނިން ދި އިންޑެޕެންޑެންޓަށް ބުނި ގޮތުގައި ވަޓްސްއެޕަށް ކަސްޓަމަރުން ބޭނުންވާ ކަހަލަ އާ ފީޗާތައް އަންނަން އެބަހުއްޓެވެ.

މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސް، މިހާރު 1.5 ބިލިއަން މީހުން ބޭނުންކުރެ އެވެ.