މި އުޅެނީ އިހުގެ ފޯނާ ކުޅެން ނޭނގިގެން

ޓެކްނޮލޮޖީ އަށް އައި ބަދަލުން އެންމެ ބޮޑު ކުރިއެރުމެއް ފެންނަ އެއްޗަކަށް ވާނީ ފޯނެވެ. މިހާރު ކޮންމެ މީހެއްގެ އަތުގައި ވެސް އަތަށް ހެޔޮވަރު މޮބައިލް ފޯނެއް އޮތަސް، އިހު ޒަމާނުގައި ގެންގުޅުނު ބޮޑެތި ފޯނުތައް ބޭނުން ކުރާކަށް މިހާރުގެ ޖީލަކަށް ނުވެސް އެނގޭނެ އެވެ.


މި ވީޑިއޯ އިން ފެންނަނީ މި ކަހަލަ މަންޒަރެކެވެ. އިހުގެ ފޯނާ ކުޅެން ނޭނގިގެން 17 އަހަރުގެ ދެ ފިރިހެން ކުދިން މި ގަންނަ ގަނޑު ވީޑިއޯކޮށްފައި އޭގެ ތެރެއިން އެކެއްގެ ބައްޕަ ފޭސްބުކްގައި ޕޯސްޓްކުރި ވީޑިއޯ ވައިރަލްވެ، އެއަށް މިހާރު ވަނީ 30 މިލިއަނާ ގާތްކުރާ އަދަދަކަށް ވިއުސް ވެސް ލިބިފަ އެވެ.

އެމެރިކާގެ އިލިއޯނިސްގައި ދިރިއުޅޭ ކެވިން ބަމްސްޓްގެ އޭނާގެ 17 އަހަރުގެ ފިރިހެން ދަރިފުޅު ޖޭކް އާއި ބޮޑުބޭބެ ކިޔާ ކައިލް އަށް ދިނީ ނަންބަރުތައް އަނބުރައިގެން އިހުގައި ބޭނުންކުރާ ފޯނުން ތަނަކަށް ގުޅާށެވެ. އެކަން ކުރަން ދިނީ ހަތަރު މިނިޓެވެ.

އޭނާ އަށް އޮތް ޔަގީން ކަމަކީ މި ކުދިންނަށް މި ފޯނު ބޭނުން ކުރަން ނޭނގޭނެ ކަމެވެ. އެހެންވެ ހަތަރު މިނިޓްގެ ޗެލެންޖް އެ މީހުންނަށް ކާމިޔާބެއް ނުކުރެވުނެވެ.

ކެވިން ޑެއިލީ މެއިލަށް ބުނި ގޮތުގައި އިހުގެ ފޯން ބޭނުން ކުރަން ޗެލެންޖެއް ދިނީ ޔޫޓިއުބުން ފެނުނު ވީޑިއޯއަކުން ލިބުނު ހިޔާލަކުންނެވެ. އެގޮތުން ކްރިސްމަސް ޗެލެންޖެއްގެ ގޮތުގައި އޭނާގެ ތިން ކުދިންނާއި އެ މީހުންގެ ކަޒިންތައް ތިން އުމުރު ފުރައަކަށް ބައިކޮށް ރޮޓަރީ ފޯނު ބޭނުން ކުރަން ދިން ޗެލެންޖް އެއްވެސް ކުއްޖަކަށް ކާމިޔާބެއް ނުކުރެވުނެވެ.

ތަފާތަކީ ކުރިން ބޭނުން ކުރި ބޮޑެތި ލޭންޑް ލައިން ފޯނުތަކާ މިހާރުގެ ޖީލު ވަރަށް ވެސް ބީރައްޓެހިވުމެވެ. އެހެންވެ ކުރީގެ އެ ފޯނުތައް މިހާރުގެ ކުދިންނަށް ބޭނުން ކުރަން ނޭނގި ދާނެ އެވެ.