ގޫގުލް ޕްލަސް ދެމެހެއްޓޭ ވަރަށް ސަޕޯޓްނުލިބޭތީ ބަންދުކުރަނީ

ވާދަވެރިންނާ އެއް ހަމައެއްގައި ހިންގޭނެ ކަމަށް އުންމީދުކޮށް ގޫގުލް އިން ތައާރުފުކުރި ގޫގުލް ޕްލަސް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނުވި އެވެ. އެހެންވެ، ގޫގުލް ޕްލަސް އުވާލަަން ނިންމައި ބޭނުންކުރާ މީހުންގެ ސަމާލުވުމަށް ގޫގުލުން އަންގައިފި އެވެ. ގޫގުލް ޕްލަސް އެކައުންޓެއް އޮތް ނަމަ ދެން އޮތް އިޚުތިޔާރަކީ، ބޭނުން އެއްޗެއް އެކައުންޓްގައި ހުރި ނަމަ، ނަގައި ރައްކާކުރުމެވެ.


ފޭސްބުކް ފަދަ އޮންލައިން ނެޓްވޯކެއް ގޮތުގައި ގޫގުލް ޕްލަސް ދެމެހެއްޓިދާނެ ކަމަށް ހީވި ދުވަސްތަކެއް ވެސް ދިޔަ އެވެ. ނަމަވެސް، ގޫގުލުން ކުރި ހުރިހާ މަސައްކަތަކާ އެކު ވެސް، ގޫގުލް ޕްލަސް ބޭނުންކުރާ މީހުންގެ އަދަދު، ހަރުދަނާ އުސޫލަކުން ދެމެހެއްޓޭ ގޮތް ވަނީ ނުފެ އެވެ. ގޫގުލް ޕްލަސް އޭޕްރީލް 2 ގައި ހުއްޓާލާއިރު، ސަބަބެއް ކަމަށް ބުނެފައި ވަނީ ޚިދުމަތް ބޭނުންކުރާ މީހުން މަދުވުމެވެ.

ގޫގުލް ޕްލަސް ހުއްޓާލުމަށްޓަކައި ތައްޔާވަމުން ދާ ވާހަކަ ގޫގުލް އިން ކުރިން ވެސް ދެއްކި އެވެ. ގޫގުލް ޕްލަސް ބޭނުންކުރާ މީހުން ސަމާލުވުމަށްޓަކައި، ފާއިތުވި އަހަރު ޑިސެމްބަރުގައި ވެސް ގޫގުލް އިން އީމެއިލް މެދުވެރިކޮށް މި ވާހަކަތައް އެންގި އެވެ. ގޫގުލް ޕްލަސް ހުއްޓާލި ނަމަވެސް، މި ނެޓްވޯކް މެދުވެރިކޮށް ދިން ޚިދުމަތްތައް، ގޫގުލްގެ ކޮންމެވެސް އެހެން ޚިދުމަތެއްގެ ތެރެއިން ލިއްބައިދިނުމަށް ގޫގުލް އިން ބޭނުންވެ އެވެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން، ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ގޫގުލް ޕްލަސް އާ އެކައުންޓެއް ނުހެދޭނެ އެވެ. އާ ޕްރޮފައިލް ސަފުހާއެއް އަދި ކޮމިއުނިޓީއެއް ވެސް ނުހިންގޭނެ އެވެ. އަދި ގޫގުލް ޕްލަސް މެދުވެރިކޮށް ލޮގިންކުރެވޭ އޮންލައިން ވެބްސައިޓްތަކަށް ވަނުމުގައި ވެސް ދަތިވެދާނެ އެވެ.

ގޫގުލް ޕްލަސް ފަރުދީ އެކައުންޓްތައް ހުއްޓާލި ނަމަވެސް، ގޫގުލްގެ ވަކި ޚިދުމަތްތަކެއް ބޭނުންކުރާ މީހުންނަށް މިސާލަކަށް، ގޫގުލުން ޚިދުމަތް ގަނެގެން ބޭނުންކުރާ މީހުންގެ އެކައުންޓްތައް ހިނގަ ހިނގާ ހުންނާނެ އެވެ. އެއިން އެއްވެސް ޚިދުމަތެއް ނުހުއްޓޭނެ އެވެ.