ޓްވީޓްތައް އެޑިޓްކުރެވޭ ގޮތް ހަދަނީ

ޓްވިޓާ ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އަބަދުވެސް އޭގައި އެކުލެވޭ ފީޗާތައް މަދުވުމެވެ. ވަކިން ހާއްސަކޮށް، ޓްވީޓެއްކޮށްލާފައި ދޫކޮށްލާ ފަހުން، އެ ޓްވީޓެއް ދެން އެޑިޓް ނުކުރެވުމަކީ ވެސް ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ.


އުފާވެރި ޚަބަރަކީ ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާއެއް ހިމަނަން މިހާރު ތައްޔާރުވަމުން އައުމެވެ. ޓްވިޓާގައި އެޑިޓް ފީޗާ ހިމަނާ ވާހަކަ ދައްކަމުން އަންނަނީ 2016 އިން ފެށިގެންނެވެ. އެކަމަކު ޓްވިޓާގެ ބާނީ ޖެކް ޑޯޒީ ވިދާޅުވި ގޮތުގައި އެޑިޓް ކުރެވޭ ފީޗާ މާ ލަސްތަކެއް ނުވެ ޓްވިޓާ އަށް އަންނާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްވީޓްތައް އެޑިޓް ނުކުރެވޭ ގޮތަށް މިހާރު ހުންނަނީ ޓްވިޓާއަކީ އެސްއެމްސްއާ ދާދި އެއްކަހަލަ ގޮތަކަށް ބައްޓަންކޮށްފައިވާ އެއްޗަކަށްވާތީ އެވެ.

"އެޑިޓް ކުރެވާ ފީޗާ ހިމެނިޔަސް، ދޫކޮށްލާ ޓްވީޓްތައް އެޑިޓް ކުރާކަށް މާ ގިނަ ވަގުތެއް ނުލިބޭނެ. ގިނަވެގެން ތިރީސް ވަރަކަށް ސިކުންތު އެކަމަށް ލިބޭނީ،" ޖެކް ވިދާޅުވި އެވެ. "ހަމަމިއާ އެކު އަސްލު ޓްވީޓް ވެސް އިންނާނެ ފެންނަ ގޮތަށް."

ޓްވިޓާ އިން ބުނާ ގޮތުގައި ޓްވީޓްތައް އެޑިޓް ކުރުމުގެ ފުރުސަތު ފަހިވިޔަސް، އެކަން އޮންނާނީ ކުރިން ވެސް ލަފުޒުތައް ލިމިޓްކޮށްފައި އޮންނަ އަދަދުގެ ތެރެއަށް ހެޔޮވަރު ކުރެވޭ ގޮތަށެވެ. ޓްވީޓެއްގެ އެންމެ ދިގު މިނަކީ 280 ލަފުޒެވެ. މި ބަދަލު ގެނައި 2017 ގަ އެވެ.

ދެހާސް ހައެއްގައި ވުޖޫދަށް އައި ޓްވިޓާއަކީ މިހާރު 335 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ.