ސެމްސަންގް ގެލަކްސީ އެސް10 މަރުކާގައި ތިން ފޯނެއް

ސެމްސަންގް ގެލަކްސީ އެސް10 ތައާރަފްކުރުން ބޯމަތިވެފައި ވާއިރު، ގެލަކްސީ އެސް10 މަރުކާގައި ތިން ފޯނެއް ހިމެނޭ ކަމަށް ބުނެވެ އެވެ. ސެމްސަންގްގައި ވާނުވާ ދަންނަ މީހަކު ބުނި ގޮތުގައި، ގެލަކްސީ އެސް10 މަރުކާގައި ހިމެނޭ ފޯނުތަކަކީ "ގެލަކްސީ އެސް10"، "ގެލަކްސީ އެސް10 ޕްލަސް" އަދި "ގެލަކްސީ އެސް10އީ" އެވެ.


ސެމްސަންގް ގެލަކްސީ މަރުކާގެ ސްމާޓްފޯނުތަކަށް މި އަހަރު ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށް ފެނެ އެވެ. އެންމެ ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބެލެވެނީ ފޯނުތަކުގެ ބައްޓަމަށެވެ. ގެލަކްސީ އެސް10 އެއީ އޭގެ މިސާލެކެވެ.

ގެލަކްސީ އެސް10 ހިމެނޭ ގޮތުން، ސެމްސަންގް ފޯނުތަކުން މި އަހަރު ފެންނާނެ ކަމަށް ބެލެވޭ ޓެކްނޮލޮޖީތަކުގެ ތެރޭގައި "ރިވާސް ވަަޔަލެސް ޗާޖިން" ހިމެނެ އެވެ. ރިވާސް ވަޔަލެސް ޗާޖިން އަކީ، މިސާލަކަށް ގެލަކްސީ އެސް10 އަށް ބަލައިފި ނަމަ، އެސް10ގެ ބެޓެރީން އެހެން ފޯނެއް ޗާޖުކުރުމެވެ. މި ގޮތަށް ބެޓެރީ ޗާޖުކުރުމުގައި، ޗާޖުކުރަން އެދޭ ފޯނަކީ ވަޔަލެސްކޮށް ބެޓެރީ ޗާޖްކުރެވޭ ފޯނަކަށް ވާންޖެހެ އެވެ. ގެލަކްސީ އެސް10ގައި އޯޑިއޯ ޖެކް ޖަހާން ވަކި ޚާއްސަ ތަނެއް ނުއިދެދާނެ އެވެ. ބެލެވެނީ ޗާޖިން ޕޯޓަކީ ހެޑްފޯން ވާގަނޑު ޖަހާ ޕޯޓަށް ބަދަލުކުރާނެ ކަމަށެވެ.

ގެލަކްސީ އެސް10އާ ބެހޭ ގޮތުން އޮތް އެންމެ ބޮޑު އާ ކަމަކަށް ވާނެ ކަމަށް ބެލެވެނީ، ފޯނުގައި ސްޕީކަރު ނެތުމެވެ. މިއީ ކަށަވަރު ނުވި ނަމަވެސް ޒަމާނަށް ވަރަށް އެކަށީގެންވާ ފީޗާއެކެވެ. ސްޕީކަރެއް ބޭނުންނުކޮށް ފޯނުގެ ސްކްރީނުން އަޑު ނިކުންނަ ޓެކްނޮލޮޖީއެއް ސެމްސަންގުން ޓެސްޓްކުރި އެވެ.

ގެލަކްސީ އެސް10 ގައި ހިމެނޭ ކޮންމެ ވެސް އެއް ފޯނެއްގެ މޫނުމަތިން ކެމެރާއެއް ނުފެނެ އެވެ. އިންޓަނެޓަށް އާންމުކޮށް ލީކުކޮށްފައި ހުރި ކުރެހުންތަކުން ފެންނަ ގޮތުގައި، ކެމެރާއެއް ނުވަތަ ސެންސަރަކަށް ފުދޭ ވަރުގެ ބާކޮޅެއް ވެސް މޫނުމަތީގައި ނުހުރެ އެވެ. އެހެންކަމުން، ބެލެވެނީ ކެމެރާ އަދި ސެންސަރުތައް ސްކްރީން ދަށުގައި މަރުކަޒުކުރީ ކަމަށެވެ.

ޓެކްނޮލޮޖީ ޚަބަރުތަކުގައި މިހާރު އެންމެ އާންމު ވާހަކަ އަކީ ގެލަސްކީ އެސް10 އެވެ. މި ވާހަކަތަކުގެ އޮލަކަން، މި މަހުގެ 20އާ ހަމަ އަށް ދެމިގެން ދާނެ އެވެ. އެއީ ގެލަކްސީ އެސް10 އަދި "ގެލަކްސީ ފޯލްޑް"، ފަތްޖަހާލެވޭ ފޯނު އާންމުކުރާ ދުވަހެވެ.