ގެލެކްސީ ފޯލްޑް: 1،989 ޑޮލަރުގެ ފޯނު އޭޕްރީލްގައި

ފަތްޖަހައިލެވޭ ގޮތަށް ފޯނެއް އުފައްދަން ސެމްސަންގުން 10 ވަރަކަށް އަހަރު ކުރި މަސައްކަތަށް ފަހު މި ވަނީ އޭގެ ނަތީޖާ ދައްކާލައިފަ އެވެ. މިއީ މެދުން ފަތްޖަހާލާފައި އޮންނައިރު އާދައިގެ ފޯނެއް އަދި ހުޅުވާލުމުން ޓެބްލެޓަކަށް ފުދޭ ފޯނެކެވެ. ފެންވަރުގެ ގޮތުން ފާޑު ކިޔަން އަދި މާކެޓްގައި އަޅާކިޔާނެ މި ފެންވަރުގެ، މިކަހަލަ ފޯނެއް ނެތެވެ.


ސެމްސަންގް ފޯލްޑް އޭޕްރީލް 26 ގައި އެމެރިކާގެ މާކެޓަށް ނެރޭނެ އެވެ. އަދި ޔޫރަޕްގައި މެއި 3 ގައި ވިއްކަން ފަށާނެ އެވެ.

ފޮތެއްހެން ލައްޕާލާފައި އޮންނައިރު މީގެ ސްކްރީން ސައިޒަކީ 4.6 އިންޗި އެވެ. ހުޅުވާލުމުން 7.3 އިންޗި އެވެ. ކުޑަ ސްކްރީން އިންނާނީ ލައްޕާލާފައި އޮންނައިރު އެވެ. ބޮޑު ސްކްރީނަކީ ފޯނު ހުޅުވާލުމުން އެތެރެއިން ފާޅުވާ ބައެކެވެ.

މީގެ 4ޖީ އަދި 5ޖީ ވެސް އެބަހުއްޓެވެ. މީގައި 12ޖީބީގެ ރެމް އާއި 512 ޖީބީގެ ސްޓޮރޭޖް ހިމެނެ އެވެ. ސްކްރީންގެ ސައިޒަށް ފުދޭ ގޮތަށް ދެ ބެޓެރީ ވެސް ހިމެނޭ މި ފޯނުގައި ހަ ކެމެރާ އިނދެ އެވެ. އެއީ ފަހަތުގައި ތިން ކެމެރާ، ބޮޑު ސްކްރީނުގައި ދެ ކެމެރާ އަދި ކުރިމަތީގައި ކެމެރާއެކެވެ. އެއީ ފޯނު ފަތްޖަހާލީމައި ފެންނަން އިންނަ ސެލްފީ ކެމެރާ އެވެ.

ގެލެކްސީ ފޯލްޑް: ވީޑިއޯ

ފަތްޖެހޭ ފޯނު އުފެއްދުމުގެ ފޯރި ގަދަވެފައި ވާއިރު މިއީ ސެމްސަންގުން ފޯނު މާކެޓްގެ މަގާމު ދަމަހައްޓަން މުހިންމު އުފެއްދުމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މިއީ މާކެޓްގައި މިވަގުތު އެންމެ އަގުބޮޑު އެއް ފޯނެވެ. އެއީ 1،989 ޑޮލަރެވެ.