ޓެކްސްޓް މެސެޖަކުން އައިފޯނު ފޫވައްޓާލަނީ

މިއީ މޮޅު ފޯނެކޭ، ހެކް ކޮށްގެން މައުލޫމާތެއް ނުހޯދޭނޭ ބުނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. އެންޑްރޮއިޑުން ހިންގާ ފޯނުތަކުގައި ބާގަނޑުތައް ގިނަ ކަމަށް މަޝްހޫރެވެ. ވާދަވެރި އައިފޯނަކީ ރައްކާތެރި އެއްޗެއް ކަމަށް ވެސް ބުނެ އެވެ. އެކަމަކު މިހާރު ބުނަން ޖެހެނީ ސަލާމަތްވާން ވަންނާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.


އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، ޔޫއޭއީގައި އުޅޭ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު މަންސޫރަށް ޓެކްސްޓް މެސެޖެއް ލިބުނެވެ. މެސެޖްގައި ވަނީ އޭނާގެ މަސައްކަތްތަކާ ގުޅުހުރި ވާހަކަތަކެެކެވެ. މެސެޖްގައި ކިޔައިދީފައި އޮތް ވަރަށް ވުރެ އިތުރަށް އޮޅުންފިލުވަން އެދޭ ނަމަ ދީފައި އޮތް ލިންކަން ފިތާލަން ޖެހެ އެވެ.

މަންސޫރު އެ ލިންކަށް ފިތާލި ނަމަ އޭނާ ބޭނުންކުރާ އައިފޯން ޖާސޫސީ އޭޖެންޓަކަށް ވީހެވެ. ފޯނުގައި ހުރި ނަމަ ހުރިހާ ކޮންޓެކްޓެއް ވަގަށް ނެގީހެވެ. ވައިބާ މެސެޖްތަކާއި ވަޓްސްއެޕް ފަދަ ހުރިހާ އެޕްލިކޭޝަނެއްގެ ޗެޓްތައް އަތުލައިގަތީހެވެ. އޭނާ އެ ލިންކަކަށް ނުފިތަ އެވެ. ގޯހެއް އުޅޭ ކަމަށް ޝައްކުވެގެންނެވެ.

ސެކިޔުރިތީ ރިސާޗް ފާމަކަށް ފޮނުވައިގެން ބެލިއިރު ކަމަކުދާކަށް ނެތެވެ. އެއީ "އެންއެސްއޯ"ގުރޫޕުން ޖަހާފައި ހުރި ވާންކަން ގަދަ ދަންތުރަ އެކެވެ.

އެންއެސްއޯ ގްރޫޕްގެ ވާހަކަ ދައްކާ ކޮޅުން ނުލާނެ އެވެ. އެއީ އިޒްރޭލުގެ ސޮފްޓްވެއާ ކުންފުންޏެކެވެ. މަޝްހޫރުވެފައި ވަނީ "ސައިބާވޯ" ކުންފުންޏެއް ގޮތުގަ އެވެ. މައިގަނޑު މަސައްކަތަކީ ޖާސޫސްކުރުމަށް އެހީތެރިވުމެވެ. ޖާސޫސްކުރުމަށް ސޮފްޓްވެއާ، "ސްޕައިވެއާ" އުފެއްދުމެވެ.

މަންސޫރަށް އޮޅިގެން ނަމަމެސް އެ ލިންކަށް ފިތާލެވުނު ނަމަ އޭނާގެ ފޯނު އަމިއްލަ އަތުން ދޫވެގެން ދާނެ އެވެ. ފޯނު ކޮންޓްރޯލްކުރާނީ، ކަނޑުތައް ހުރަސްކޮށް، އެހެން ގައުމަކުންނެވެ. އޭނާގެ ހަރަކާތްތަކަށް ފާރަލާން އެކުލަވާލެވިފައިވާ ޓީމަކުންނެވެ. އެ މީހުން ބޭނުންވެއްޖެ ނަމަ ފޯނުގެ ކެމެރާ ޖައްސާނެ އެވެ. މައިކް ޖައްސައި ފޯނު އޮތް މާހަލުގައި ދައްކާ ވާހަކަތައް އަޑުއަހާނެ އެވެ. އޯޑިއޯ އަދި ވީޑިއޯ ރެކޯޑްކުރާނެ އެވެ.

އައިއޯއެސްގައި ހުރި ނުރައްކާތެރި ބާގަނޑުގެ ވާހަކަ އެޕަލް އަށް އެންގުނެވެ. އެޕަލުން ވަނީ ލަސްތަކެއް ނުވެ ހަރަކާތްތެރިވެފަ އެވެ. އެ ބާގަނޑު މިހާރަކު ނެތެވެ. އެ ވަރުން އައިއޯއެސް މުޅި އުމުރަށް ރައްކާތެރިކުރެވުނީ ކަމަށް ގަބޫލުކުރަން ވީ ހެއްޔެވެ؟ ގަބޫލުކުރެވޭކަށް ނެތެވެ.

ހެކަރުން އަބަދު ވެސް ކުރި ހޯދަ އެވެ. ސޮފްޓްވެއާ އުފައްދާ މީހުންނަށް ޖެހެނީ ފުޓުނި އަޅާށެވެ. އަޅާއިރަށް ފޫދުއްވާލަ އެވެ. އެ އަށް ވުރެ ގިނަ ވިދު ތޮރުފަ އެވެ. ކިތަންމެ ކުޑަ ވިދެއް ނަމަ ވެސް ހެކަރުން ދެމިގަންނާނެ އެވެ.