ގޫގުލް ސްޓޭޑިއާ: ގޭމްކުޅުމަށް އިންގިލާބެއް ގެންނާނެ

ގޫގުލް އިން އެ ކުންފުނީގެ ގޭމް ސްޓްރީމް ޕްލެޓްފޯމް "ސްޓޭޑިއާ" މި އަހަރު ތެރޭ ލޯންޗްކުރާނެކަން ގޭމް ޑިވެލޮޕާސް ކޮންފަރެންސްގައި އިއުލާނުކޮށްފި އެވެ.


ގޫގުލް އިވެންޓްގައި އެ ކުންފުނިން ވަނީ މި ހިދުމަތުގައި ބޭނުންކުރެވޭނެ ބައެއް ގޭމްތައް ވެސް ދައްކާލައި ހިދުމަތް ތައާރަފެއް ދީފަ އެވެ.

މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާނީ އެމެރިކާ، ކެނެޑާ، ޔޫކޭ އަދި ޔޫރަޕްގަ އެވެ. ނަމަވެސް މި ހިދުމަތް ލިބޭނެ ގޮތުގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމެއް ނެތި ބުނީ، ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ހިދުމަތް ތައާރަފްކުރުމުގެ އިވެންޓްގައި ބުނީ ޔޫޓިއުބުން ގޭމް ސްޓްރީމްކޮށް ބަލަމުން ދާއިރު "ޕްލޭ" ބަޓަންއެއް ފެންނާނެ ކަމަށާއި އެއަށް ފިތާލުމާ އެކު އެންމެ ފަސް ސިކުންތު ތެރޭގައި ގޭމުގެ ތެރެއަށް ވަދެވޭނެ ކަމަށެވެ. މި ހިދުމަތް ފަށާއިރު ވެސް، ޑެސްކްޓޮޕް، ލެޕްޓޮޕް، ޓީވީ، ޓެބްލެޓް އަދި ފޯނުން ވެސް ގޫގުލް ގޭމް ކުޅެވޭނެ އެވެ. އަދި ބުނީ ވަކި ކޮންސޯލަކުން މި ހިދުމަތް ލިމިޓެއް ނުވާނެ ކަމަށެވެ. އެގޮތުން އިވެންޓްގައި ވަނީ ގޫގުލް ކްރޯމްބުކަކުން ގޭމް ކުޅެފަ އެވެ. އެއީ އޭގެ ހާޑްވެއާ އަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވެސް ބުންޏެވެ.

ލެޕްޓޮޕް ނުވަތަ ޑެސްކްޓޮޕުން ގޭމްކުޅެމުން ގޮސް، ހަމަ އެ ނިމުނު ހިސާބުން ފޯނުން ނުވަތަ އެހެން ޑިވައިސް އަކުން ވެސް އެ ގޭމު ކުރިއަށް ގެންދެވޭނެ އެވެ.

ސްޓޭޑިއާގެ ތައާރަފް

ގޭމިންގެ ހިދުމަތަށް ބޭނުންވާ ހާޑްވެއާއާ ބެހޭ ގޮތުން ވެސް ކުންފުނިން މައުލޫމާތެއް ނުދެ އެވެ. ނަމަވެސް ލެޕްޓޮޕް/ޑެސްކްޓޮޕް ކީބޯޑާއި މައުސް ބޭނުންކޮށްގެން ވެސް ކުޅެވޭނެ ކަމަށާއި ކުންފުނީގެ ހާއްސަ ކޮންޓްރޯލާއެއް ބާޒާރަށް ނެރޭނެކަން ވެސް އިއުލާނުކުރި އެވެ. އެކަމަކު ތާރީހެއް ނުބުނެ އެވެ. މި "ސްޓޭޑިއާ ކޮންޓްރޯލާ" އިން ގޭމިންގެ ތަޖުރިބާ ފުރިހަމަވާނެ ކަމަށް ބުންޏެވެ. މި ކޮންޓްރޯލާ އިން ސްޓޭޑިއާގެ ހުރިހާ އެކްސެސްއެއް ލިބޭނެ އެވެ.

"ސްޓޭޑިއާ" ގެ ތައާރަފެއް ދެނީ

މި ހިދުމަތަށް މިހާރުވެސް Stadia.com އިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އެކަމަކު ރާއްޖޭ ސަރަހައްދަކުން އަދި ރަސްމީކޮށް މިކަން ނުވާނެތީ ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ.