އެޕަލްގެ އަމިއްލަ ކްރެޑިޓް ކާޑާއި ޓީވީ ޝޯތައް ލޯންޗްކޮށްފި

އެޕަލް އިން އެ ކުންފުނީގެ އަމިއްލަ ކްރެޑިޓް ކާޑެއް، އެޕަލް ކާޑުގެ ނަމުގައި ތައާރަފްކޮށްފި އެވެ. ކްރެޑިޓް ކާޑުގެ މުޅިން އާ ހިދުމަތްތަކާއި ޒަމާނީ ފީޗާތަކާ އެކު މި ކާޑު ނެރުނު ހަފުލާގައި އެޕަލް އިން ވަނީ އެ ކުންފުނީގެ ޓީވީގެ ހިދުމަތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިއުލާނުކޮށްފަ އެވެ.


އެމެރިކާގައި މި އަހަރުގެ ފަހުކޮޅު ނެރޭ މި ކާޑު އައިފޯނަށް ހާއްސަކޮށްފައި ވާއިރު މީގެ ފިޒިކަލް ކާޑު ވަކިން ވެސް ލިބޭނެ އެވެ. އައިފޯންގައި ބޭނުންކުރާ ކާޑުން ހަދާ ކޮންމެ ޓްރާންސެކްޝަނެއްގެ ދެ ޕަސެންޓް، ކާޑުގެ ވެރި ފަރާތަށް "ކޭޝްބެކް" ގެ ގޮތުގައި ލިބޭނެ އެވެ. އެންމެ ހާއްސަ ކަމަކީ އެޕަލް ކާޑުގައި ފައިސާ ދެއްކުން ލަސްވެގެން ޖޫރިމަނާ ފައިސާ ނުނެގުމާއި އަހަރީ ފީއެއް ނުނެގުން އަދި އިންޓަނޭޝަނަލް ފީއެއް ވެސް ނުނެގުމެވެ.

މި ކާޑު އުފައްދާފައި ވަނީ ގޯލްޑްމަން ޝެކްސް އާއި މާސްޓަކާޑާ ގުޅިގެންނެވެ.

އެޕަލްގެ ކްރެޑިޓް ކާޑު ތައާރަފްކުރަނީ

އެމެރިކާގެ ކަޕަޓީގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބޭއްވި ހާއްސަ އިވެންޓްގައި އެޕަލް އިން ވަނީ އެހެން ބައެއް އާ ހިދުމަތަތްތައް ވެސް ތައާރަފްކޮށްފަ އެވެ. އެކަމަކު އާ އެއްވެސް ޑިވައިސް އެއް މިރޭ ތައާރަފެއް ނުކުރެ އެވެ.

އެޕަލް ޓީވީ ޕްލަސް ދައްކާލަނީ

އެޕަލް ޓީވީ

އެމެޒޯން އާއި ނެޓްފްލިކްސް ފަދަ ކުންފުނިތަކުން ރަސްކަންކުރާ ސްޓްރީން ސާވިސްގެ ކޮންޓްރޯލް ހޯދަން އެޕަލް އިން އަލަށް ތައާރަފްކުރީ އެޕަލް ޓީވީ ޕްލަސް އެޕެވެ. މި އެޕް ތައާރަފްކޮށްދިނީ އެމެރިކާގެ ފިލްމު ޕްރޮޑިއުސަރު ސްޓީވެން ސްޕީލްގާބެވެ. މި އެޕްގައި ހުލޫ އާއި އެޗްބީއޯ ފަދަ ސާވިސްތަކުގެ ކޮންޓެންޓް ވެސް ހިމަނާފައި ވާއިރު އެޕަލްގެ އޮރިޖިނަލް އުފެއްދުންތަކެއް މަޝްހޫރު ތަރިން ބައިވެރިވެގެން ގެނެސްދޭނެ އެވެ. އެގޮތުން ސްޕީލްބާގް ވެސް މި ޕްލެޓްފޯމަށް އުފެއްދުމެއް ގެނެސްދެ އެވެ.

އެޕަލް އިން ވަނީ މި އެޕްލިކޭޝަން އެޕަލްގެ އުފެއްދުންތަކުގެ އިތުރުން ސެމްސަންގް، އެލްޖީ، ސޮނީ އަދި ވިޒިއޯ ފަދަ ސްމާޓް ޓީވީތަކުގައި ވެސް ބޭނުންކުރެވޭ ގޮތް ހަދައިފަ އެވެ.

އެޕަލް ޓީވީގެ ހިދުމަތް 100 އަށް ވުރެ ގައުމަށް ދޫކުރަން ނިންމާފައިވާކަން ވެސް އިއުލާނުކުރި އެވެ.

ނިއުސް ސްޓޭންޑް

އެޕަލް އިން ވަނީ އެޕަލް ނިއުސް ޕްލަސްގެ ނަމުގައި، ދުނިޔެ އަށް މަޝްހޫރު 300 އަށް ވުރެ ގިނަ މަޖައްލާ އާއި ނޫސް ކިޔޭނެ ހިދުމަތެއް ވެސް ތައާރަފްކޮށްފަ އެވެ. އިސްތިހާރުކުރާ މީހުންނަށް ކަސްޓަމަރުންގެ މައުލޫމާތު ނުލިބޭނެހެން ދޭ މި ހިދުމަތަށް މަހަކު ދައްކަން ޖެހެނީ 9.99 ޑޮލަރެވެ. މި ފީ ދައްކައިގެން ހިދުމަތް ހޯދާ މީހަކަށް އެޕަލް ފެމިލީ ޝެއާ މެދުވެރިކޮށް އެހެން މީހުންނަށް އިތުރު ފީއަކާ ނުލައި މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.

އެމެރިކާ އާއި ކެނެޑާގައި މި ހިދުމަތް މިހާރު ވެސް ފަށާފައި ވާއިރު ޔޫރަޕަށް ދޫކުރާނީ މި އަހަރުގެ ފަހުކޮޅު އެވެ.

އެޕަލްގެ އާ ގޭމް ސާވިސް "އެޕަލް އާކޭޑް"

އެޕަލް އާކޭޑް

ގޭމް ކުޅުމަށް ވެސް މުޅިން އާ ހިދުމަތެއް އެޕަލް އާކޭޑްގެ ނަމުގައި ވަނީ ތައާރަފްކޮށްފަ އެވެ. އެޕް ސްޓޯރުގައި ވަކިން ބައެއް އުފައްދައި، އެ ބޭނުންކުރުމަށް ފީއެއް ދެއްކުމުން އޭގައި ހުންނަ ގޭމްތައް އެޕަލްގެ ހުރިހާ ޑިވައިސްއަކުން ކުޅެވޭނެ އެވެ. ހިދުމަތް ފަށާއިރު ވެސް ފެންވަރު ރަނގަޅު 100 އަށް ވުރެ ގިނަ ގޭމް ހިމަނާފައިވެ އެވެ.

މި ހިދުމަތް 150 ގައުމަކަށް ދޭނެ ކަމަށް އިއުލާނުކުރި ނަމަވެސް މީގެ އަގު އަދި ހާމައެއް ނުކުރެ އެވެ.