މޮޒިއްލާގެ ކޮމަން ވޮއިސް އަށް ދިވެހިންގެ އަޑު ހޯދަނީ

އެޕްތަކާއި ވެބަށް ބަސް ދަސްކޮށްދިނުން ނުވަތަ ސްޕީޗް ރިކޮގްނިޝަން އަށް ހާއްސަކޮށް މޮޒިއްލާ އިން ހިންގާ "ކޮމަން ވޮއިސް" ޕްރޮގްރާމަށް ދިވެހި ބަސް އިތުރުކުރުމާ އެކު، ދިވެހި ބަހުން ވާހަކަ ދައްކާ އަޑުގެ ޑޭޓާބޭސް އެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.


ކޮމަން ވޮއިސް އަށް، އެ ބަހަކުން ހުންނަ ލިޔުންތައް ކިޔައިދީ، އަޑުގެ ސާމްޕަލް ދިނުމުން އެ އުފެއްދެނީ އެ ބަހެއްގެ އަޑުގެ ޑޭޓާބޭސްއެކެވެ. މިގޮތަށް ހެދުމުން، އެ ބަހަކުން ލިޔެފައި ހުންނަ އެއްޗެއް އޮޓޮމެޓިކުން ދެނެގަނެ ކިޔައިދޭ އެޕްލިކޭޝަންތައް ހަދަން އޭގެ ބޭނުން ކޮންމެ މީހަކަށް ވެސް ކުރެވޭނެ އެވެ. ދިވެހި ބަހުގެ ސާމްޕަލްތައް ދިނުމުން، ދިވެހިން ހުންނަ އެއްޗެހި ކިޔައިދޭ ގޮތް ހެދޭނެ އެވެ. އަދި ދިވެހި ބަހުން ވާހަކަ ދައްކާ އަޑު އިވުމުން އެ ކީ އެއްޗެއް ދިވެހި ބަހުން އަމިއްލަ އަށް ލިޔެވޭ ގޮތް ވެސް ހެދޭނެ އެވެ.

ކޮމަން ވޮއިސްގައި މިހާރުވެސް ދިވެހި ބަހުގެ އަޑުގެ ސާމްޕަލްތައް ބައެއް ދިވެހިން ދީފައި އެބަހުއްޓެވެ. މޮޒިއްލާގެ މި ވެބްސައިޓްގައި އެ މީހެއްގެ ޕްރޮފައިލެއް ހަދައިގެން ވެސް އަޑުގެ ސާމްޕަލް ދިނުމަށް ރަޖިސްޓްރީކުރެވިދާނެ އެވެ. އެކަމަކު ރަޖިސްޓްރީ ނުކޮށް ވެސް ސާމްޕަލް ދެވޭނެ އެވެ.

ކޮމަން ވޮއިސް އަށް މި ލިންކުން ވަދެވޭނެ އެވެ: https://voice.mozilla.org/dv

މިހާރު ހުރި ސާމްޕަލްތަކުގެ އެހީގައި، ދިވެހި ޖުމްލަތައް ކިޔާފައި ހުރީ ރަނގަޅަށްތޯ ބަލައި އެކަމުގައި ވެސް އެހީތެރި ވެވިދާނެ އެވެ.

ކޮމަން ވޮއިސް ވެބްސައިޓުގައި ދިވެހި ބަހުގެ ސާމްޕަލެއް

މީގެ އަށް މަސް ކުރިން މޮޒިއްލާގެ މެޝިން ލާނިން ގްރޫޕުން ފެށު ކޮމަން ވޮއިސް ޕްރޮގްރާމު ފުޅާކޮށް ތަރައްގީކުރުމަށް މިހާރު ވަނީ އާ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގައި މިހާރު ވެސް 18 ބަހެއްގެ 42،000 ކޮންޓްރިބިއުޓަރުންގެ 1،400 ގަޑިއިރުގެ އަޑުގެ ސާމްޕަލް އެބަހުއްޓެވެ.