ގެލަކްސީ ފޯލްޑް ރޫޅާ މަންޒަރުތައް "އައިފިކްސްއިޓް" ވެބްސައިޓުން ނަގައިފި

ފަތްޖެހިފޯނެއް އެންމެ ފުރަތަމަ މާކެޓަށް ނެރުނީ ސެމްސަންގުންނެވެ. އެއީ "ގެލަކްސީ ފޯލްޑް" އެވެ. ފާއިތުފި ހަފުތާގައި، ސްމާޓްފޯން ސިނާއަތުގައި އެންމެ ބޮޑަށް ބަހުސްކުރެވުނީ "ގެލަކްސީ ފޯލްޑް"އާ ބެހޭ ގޮތުންނެވެ.


"އައިފިކްސްއިޓް" އަކީ ސްމާޓްފޯނުތައް އަދި ސްމާޓް ޑިވައިސްތައް ރޫޅައި ބެލުމަށް، ދެވަނައެއް ނެތް ވަރުގެ ބައެކެވެ. އެ މީހުން ތިބެނީ، އަތުޖެހިއްޖެ ނަމަ، ކޮންމެ އެއްޗެއް ވެސް ރޫޅާ ހިތުންނެވެ. "ގެލަކްސީ ފޯލްޑް" ވެސް ވަނީ އެ މީހުންގެ އަތްދަށުވެފަ އެވެ.

"ގެލަކްސީ ފޯލްޑް" ފަލަ ސުރުޚީ އަށް އަރައި، ރަތް އަކުރުން ލިޔެވުނީ ޑިޒައިން ދޯހަޅިވުމުންނެވެ. "އައިފިކްސްއިޓް" އިން ވަނީ އެކަން ކަށަވަރުކޮށްފަ އެވެ.

"ގެލަކްސީ ފޯލްޑް" އުފައްދާފައި ހުރި ގޮތް ބެލުމަށްޓަކައި ރޫޅައި، ހާވާލުމުން ހާމަވި ކަންތައްތައް ހިމަނައި، "އައިފިކްސްއިޓް" ވެބްސައިޓްގައި ލިޔުމެއް ޝާއިއުކުރި ހިސާބުން، ސެމްސަންގް ވަނީ ކެތްމަދުވެފަ އެވެ. އެ ގޮތުގައި އައިފިކްސްއިޓް އަށް ކުރިމަތިވި ހާލަތުގައި، އެ ލިޔުން ވެބްސައިޓުން ނަގައި، އެ ކަން މެދުވެރިވި ގޮތް ވަނި ކިޔައިދީފަ އެވެ.

"އައިފިކްސްއިޓް"އިން ބުނި ގޮތުގައި، އެ ލިޔުން ނެގުމަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. ނަމަވެސް، އެ މީހުންނަށް ޑިވައިސްތައް ފޯރުކޮށްދޭ ފަރާތަކުން، އެ ލިޔުން ނަގައިދިނުމަށް އެދުމުން، އެކަން ކުރީ އެ ފަރާތަށް ކުރާ އިހުތިރާމާއި އަދި އޮންނަ ގާތްކަމެއްގެ ސަބަބުންނެވެ. އެއީ ބާޒާރުން އައިފިކްސްއިޓް އަށް "ގެލަކްސީ ފޯލްޑް"އެއް ގަނެވެންދެނެވެ.

އައިފިކްސްއިޓް އަކީ އެ ވަރުގެ ފޯނެއް ގަނެވޭ ފެންވަރުގެ ބައެއްކަން ހަނދާކޮށްދެމުން ބުނެފައިވާ ގޮތުގައި އެ މީހުން "ގެލަކްސީ ފޯލްޑް" އަދި ވެސް ރޫޅާނެ އެވެ. އެހާ ހިސާބަށް ކެތްތެރިވުމަށް ސަޕޯޓަރުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ސްމާޓްފޯން ސިނާއަތަށް ބާބެއް އިތުރުކޮށް ފަތްޖެހިފޯނެއް އެންމެ ފުތަމަ އުފެއްދި ބަޔަކީ ސެމްސަންގް ކަމަށް ބުނެ އެ ކުންފުނިން ފަޚުރުވެރިވެ އެވެ. ނަމަވެސް، އާންމުންގެ އަތުޖެހޭ ހިސާބަށް "ގެލަކްސީ ފޯލްޑް" ހަމަ ދޫކޮށްލިތަނުން ވަނީ، ފަތްޖެހިފޯނެއް އަދި ނެރެވެން ނެތްކަން ސެމްސަންގަށް އެނގިފަ އެވެ.

"ގެލަކްސީ ފޯލްޑް"ގެ ޑިޒައިންގައި ހުރި މައްސަލަތަކުގެ އިތުރުން އެ ފޯނަށް ޚާއްސަ ސޮފްޓްވެއާ އެޕްލިކޭޝަންތައް ވެސް އަދި ތަސައްރުފުނުފުދާކަން ވަނީ ކަށަވަރުވެފަ އެވެ. މި ސަބަބުތަކާ ހެދި ސެމްސަންގުން ވަނީ "ގެލަކްސީ ފޯލްޑް" އާންމުކުރުން ފަސްކޮށްފަ އެވެ.