ސެމްސަންގުގެ ފައިދާ ދަށަށް؛ ބުނަނީ ވާވޭއާ ހެދި ކަމަށް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސެމްސަންގަށް ފައިދާވާނެ ކަމަށް ކުރި އަންދާޒާ ދިމައެއް ނުވި އެވެ. ފާއިތުވި އަހަރަށް ވުރެ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީ ދަށްވި ސަބަބާ ބެހޭ ގޮތުން ވާހަކަދައްކަން ސެމްސަންގް ބޭނުމެއް ވެސް ނުވި އެވެ.


ސެމްސަންގުން ހާމަކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފައިދާ ދަށްވެފައި ވަނީ "ސެމީކޮންޑަކްޓާ" ވިޔަފާރިންނެވެ. މައިކްރޮޗިޕް ވިޔަފާރިން ސެމްސަންގަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރު ދިމާނުވީ ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒްގެ ސަބަބުން ކަމަށް ބުނާތީ ވެސް އިވެ އެވެ.

މައިކްރޮޗިޕް ވިޔަފާރި އަކީ ސެމްސަންގް އަށް ކާމިޔާބު މަސައްކަތެކެވެ. އެހެން ނަމަވެސް، ވާވޭ އަށް ދަތިކުރުމަށް އެމެރިކާ އިސްވެ އޮވެ ކުރި އުނދަގުލާ ހެދި، ސެމްސަންގަށް ވެސް ވަނީ ހަރުދަނާ ވިޔަފާރިއެއް ނުކުރެވިފަ އެވެ. ވާވޭ ޑިވައިސްތަކުގައި ބޭނުންކުރުމަށް އެ ކުންފުނިން ސެމްސަންގަށް ދޭ ޗިޕް އޯޑަރުތައް ވަނީ މަދުކޮށްފަ އެވެ.

ސެމްސަންގަށް ފައިދާ ނުވި ސަބަބާ ބެހޭ ގޮތުން އެއްޗެއް ބުނަން އެ ކުންފުނިން ބޭނުންނުވި ސަބަބަށް ވިސްނާލާއިރު، ބެލެވެނީ އެއީ މިކަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާތީ ކަމަށެވެ. އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން އެމެރިކާ ސަރުކާރުން މަނާކުރުމާ ބެހޭ ގޮތުން އެއްޗެއް ބުނަން ސެމްސަންގް ބޭނުމެއް ނުވެ އެވެ. ސެމްސަންގަށް ރަނގަޅު ގޮތަކަށް ވާނެ ކަމަށް ބެލެވެނީ ވެސް، ވާވޭ އަށް ގުޑައިނުލެވުމެވެ. ސްމާާޓްފޯން މާކެޓުން ވާވޭ އަށް ޖާގަ ގެއްލުން ވާނީ ސެމްސަންގަށް ބޮޑު ފައިދާއަކަށެވެ.

އައިފޯނުތަކަށް އޯލެޑް ޑިސްޕްލޭ އުފައްދަން އެޕަލުން ދިން އޯޑަރުތަކަށް ހަމަ އަގު ލިބިފައި ނުވާތީ ސެމްސަންގުން ކޯޓަށް ދާން އުޅުނު ވާހަކަ ވެސް އިންޓަނެޓްގައި ވަނީ ފެތުރިފަ އެވެ. މިއީ ވެސް ސެމްސަންގަށް ފައިދާ ދަށްވި ސަބަބެއް ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ސެމްސަންގަށް ވި ގެއްލުމުގެ ބަދަލު އެޕަލުން ދީފައިވާ ކަމަށް ވެސް ބުނެވެ އެވެ. އެހެން ނޫން ނަމަ އަދި ވަކިން ބޮޑު ގެއްލުމެއް ސެމްސަންގް އުފުލަން ޖެހޭނެ ކަމަށް ބުނެވެ އެވެ.

ގެލަކްސީ ފޯނުތައް އިސްތިހާރުކުރުމުގައި އޮޅުވާލާފައި ވާތީ އޮސްޓްރޭލިޔާއިން ސެމްސަންގް ގޮވައިގެން ކޯޓަށް ދިއުމަކީ ވެސް ކުންފުންޏަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ބުނެވެ އެވެ.