އައިފޯނަށް "ވަޔަލެސް ޗާޖިން" އަދި އަންނާނެ

އައިފޯނަށް "ވަޔަލެސް ޗާޖިން" އަންނާނެ ކަމަކަށް އެޕަލް އިން ނުބުނެ އެވެ. ނާންނާނެ ކަމަކަށް ވެސް ނުބުނެ އެވެ. އެކަމަކު އެ މީހުން ނުކުރާނެ ކަމަށް ބުނި ބައެއް ކަންތައް ކުރާތީ އެބަ ފެނެ އެވެ.


ސްކްރީން ބޮޑުވުމަކީ ފޯނުގެ ސިފަ ގެއްލޭ ކަމެއް ކަމަށް އެޕަލް އިން ބުންޏެވެ. އެންމެ ހެޔޮވަރު ސައިޒަކީ ފުރަތަމަ އައިފޯނު ކަމަށް ވެސް ބުންޏެވެ. ބިޔަ ސްކްރީންތަކާ ދިމާ އަށް ވާދަވެރިން ދާތީ ކުރި މަލާމާތުގައި ޖެހެވި އައިފޯނުގެ ސައިޒު އެ އޮތީ ބޮޑުވެފަ އެވެ.

އައިފޯނު އާއިލާ އަކީ ކުލަބޮކި ފައްޗެއް ނޫނެވެ. އެޕަލް އަށް އެންމެ ކަމުދާ ކުލަތަކަކީ "ސްޕޭސް ގްރޭ"، "ވައިޓް" އަދި "ބްލްކް" އެވެ. ވާދަވެރިންގެ ފޯނުތަކުގައި "ގޯލްޑް"، ރޯޒް ގޯލްޑް"، "މެރީ ގޯލްޑް"، "ޕާޕަލް" އަދި އެހެން ގޮސް ވިއްސާރަދުނީގެ ކުލަތައް ޖައްސާލުމުން އެޕަލް އަށް ރީތިވެއްޖެ އެވެ. ލަސްތަކެއް ނުވެ "ޖެޓް ބްލެކް" އަދި "ރޯޒް ގޯލްޑް" އަދި "ގޯލްޑް" ވެސް އަތުވެއްޖެ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް އާއިލާގައި "އެސް ޕެން" އަކީ ޚާއްސަ ހަތިޔާރެކެވެ. "އެޕަލް ޕެން" އަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެޕަލް އަށް ވަފާތެރި ލިޔުންތެރިން އެއިރު ބުނި ގޮތުގައި އެޕަލުން "ޕެން"އެއް އުފައްދައިފި ނަމަ ސެމްސަންގް ލަދުގަންނަވާލާނެ އެވެ.

އެޕަލް އަށް އެއީ "ތްރީޑީ ޓަޗް" އެވެ. އެންޑްރޮއިޑަށް އެއީ "ފޯސް ޓަޗެވެ. ސްކްރީނަށް ފިތާލައި ހިފަހައްޓާލުމުން އިތުރު އެތައް ކަމެއް ކުރުމަށް މަގުފަހިވެ އެވެ. އެ ދެ ގޮތުން ކުރެ ކޮންމެ ގޮތެއްގައި ވެސް ހާސިލްކުރެވެނީ އެއް ކަމެކެވެ. އެޕަލުން ބުނާ ގޮތުގައި "ތްރީޑީ ޓްޗް" އަކީ "ފޯސް ޓަޗް"އެއް ނޫނެވެ. އެހެން ނަމަވެސް ފެންނަނީ އެއް ކަމެއް ކުރެވޭ ތަނެވެ. އެޕަލުން ބޭނުންވާ ހަގީގީ "ތްރީޑީ ޓަޗް" އަދި އައިފޯނަކަށް ނާދެ އެވެ.

އެޕަލް ވޮޗް އަށް ކޮންމެވެސް މާނައެއްގައި "ވަޔަލެސް ޗާޖިން" އަތުވެއްޖެ އެވެ. އެއީ "މެގްނެޓިކް ޗާޖިން" އެވެ. އެކައްޗެކެވެ. މިހާ ހިސާބުން ވިސްނާ ބަޔަކު ވިސްނަންވީ އައިފޯނަށް ވެސް "މެގްނެޓިކް ޗާޖިން" އަތުވެދާނެ ކަމަށެވެ. އައިފޯނަށް "ވަޔަލެސް ޗާޖިން" ގެނައުމަށް އެޕަލްގެ އިންޖިނޭރުން ވަަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށް އިވެ އެވެ.