އުކުޅަހު ދަަރިވަރުންގެ އީޖާދު މަގު ބައްތިތަކަށް!

އއ. އުކުޅަހު ސްކޫލްގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ކުދިންކޮޅަކާ ޕްރޮފެސަރު ހަސަން އުގައިލް މިދިޔަ ޖުލައި މަހު ބައްދަލުކުރެއްވި އެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ބޭނުން އެ ކުދިންނަށް އުގައިލް ހިޔާލެއް ދެއްވި އެވެ.


"މިސާލަކަށް ތިޔަ ކުދިންނަށް ކޮށްދެވިދާނެ ކަމެއް މިރަށުގެ މަގު ބައްތިތަކަށް ހިނގާ ކަރަންޓްގެ ޚަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަކީ ނުވަތަ އެފަދަ ނިޒާމެއް ގާއިމްކޮށްދިނުމަކީ،" އުގައިލް ވިދާޅުވި އެވެ.

އުކުޅަހުގައި މިހާރު ކުރިއަށް ދާ ޓެކް ފެއާ އާއި ސައިންސްވެރިންގެ ކޮންފަރެންސްގެ ތައްޔާރީތަކުގައި އެރަށުގެ ރައްޔިތުން އޭރު އުޅުނީ ވަރަށް ބުރަކޮށެވެ. އުގައިލް ދެއްވި ހިޔާލަށް އެކުދިންނަށް އަމަލީ ސިފަ ގެނެވޭނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް، ބައްދަލުވުމުގައި ތިބި ބައެއް މީހުން ހީކުރި އެވެ.

އެކަމަކު ޓެކް ފެއާ އިއްޔެ ހުޅުވި އިރު އެ ދަރިވަރުން ވަނީ އެ މަސައްކަތް ގާތްގަނޑަކަށް ނިންމާލައިފަ އެވެ.

"މިހާރު މީގައި ވާގޮތަކީ މިރަށުގެ ހުރިހާ ސްޓްރީޓް ލައިޓެއް [މިނިޒާމް ތައާރަފް ވުމުން] ދިއްލޭނީ 20 ޕަސެންޓްގައި. އެ ލައިޓްތަކަށް ފުރިހަމަ އަލިކަން އަންނާނީ އޭގެ ކައިރިން މީހަކު ހަރަކާތްތެރި ވުމުން،" ޕްރޮޖެކްޓްގައި އިސްކޮށް އުޅޭ މުހައްމަދު ހިޝާމް ބުންޏެވެ.

"އޭރުން ގާތް ގަނޑަކަށް 40 ޕަސެންޓް ކުޑަކުރެވޭނެ ކަރަންޓަށް ކުރާ ހޭދަ."

އުކުޅަހުގެ މަގު ބައްތިތަކުގެ ކަރަންޓަށް މިހާރު މަހަކު ގާތްގަނޑަކަށް 14،000ރ ގެ ބިލެއް ރަށު ކައުންސިލުން ދައްކަ އެވެ. ހިޝާމާއި ޕްރޮޖެކްޓްގެ އެހެން ބައިވެރިންގެ އަމާޒަކީ ފުރަތަމަ މަރުހަލާގައި އެ ބިލުން 60 ޕަސެންޓް ކުޑަކޮށްލުމެވެ.

އުކުޅަހު ދަރިވަރުން ތަރައްގީކުރަމުން އަންނަ ނިޒާމް މަސައްކަތްކުރާ ގޮތް ދައްކާލަން ހަދާފައިވާ ޑެމޯއެއް --ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޕްރޮޖެކްޓްގައި ހިޝާމްގެ އިތުރުން ދެން އުޅެނީ ރަޔާން ޝިފާޒް ޝައުކަތު، މުހައްމަދު ހުމާމް، އިބްރާހީމް މުނާޒް މުނީރު، ހުސައިން ޒަޔާން އަދި މޫސާ އިރުޝާނެވެ.

ހިޝާމް ބުނި ގޮތުގައި ހަރަކާތަކާ ގުޅިގެން ބައްތިތައް އަލިގަދަވާ ގޮތަށް ހެދި ނަމަވެސް އެ ބައްތިތައް އަލިގަދަ ވާނީ ހިނގާ މީހުންނަށް ޝޮކެއް ލިބޭ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ނިޒާމް ކޮންޓްރޯލް ކުރާ އެޕްލިކޭޝަނުން ހިސާބުތަކެއް ހަދައި، ހަރަކާތްކުރި މީހާގެ މިސްރާބު ހުރި ގޮތް ބަލައިގެން ބައްތިތައް ދާނީ އަލިގަދަ ވަމުންނެވެ.

މަގު ބައްތި ކޮންޓްރޯލް ކުރަން މިކުދިން ތަރައްގީ ކުރަމުން އަންނަ ނިޒާމުން، އެ ބައްތިތައް ބަލަހައްޓާ މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ އެވެ. އެގޮތުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އެމީހުންނަށް ބައްތިތަކުގެ ހާލަތު ދެނެގަނެ، ބޭނުން ވެއްޖެ ނަމަ އަލިގަދަ ކޮށްލުމުގެ ކޮންޓްރޯލް ވެސް އޮންނާނެ އެވެ.

"އެމީހުންނަށް [ޕަވަ ހައުސްގައި އުޅޭ ކަމާ ބެހޭ ފަރާތްތަކަށް] އެއަށް އެކްސެސް ވެގެން އެނގޭނެ ސްޓޭޓަސް އާއި ޑައިގްނޯސިސްއާ ލައިޓްތައް ސެންސާއަށް ކޮންފިގާ ކޮށްލުމާ، ހުރިހާ ކަމެއް ހަމަ އެތާ ތިބެގެން، ލައިޓްތައް ކައިރިއަށް ނުގޮސް ކޮށްލެވޭނެ. އެހެންވީމާ ޓެކްނީޝަނުންގެ ގޮތުގައި ގިނަ ބަޔަކު އުޅޭކަށް ނުޖެހޭނެ،" ހިޝާމް ބުންޏެވެ.

ހިޝާމް، އޭނާ އާއި އެކުވެރި އެހެން ދަރިވަރުންގެ މަސައްކަތް ކިޔައިދެނީ --މިހާރު ފޮޓޯ/ހުސެން ވަހީދު

އެ ދަރިވަރުންގެ އަމާޒަކީ މި އަހަރު ނިމެންވާ އިރަށް އުކުޅަހުގެ މަގުތަކުގައި އެ ނިޒާމް ޓެސްޓް ކުރެވޭ ވަރު ކުރުމެވެ. މިހާރު ވެސް އެކުދިން ވަނީ އޭގެ ނަމޫނާއެއް ދައްކައިލެވޭ ވަރަށް ނިޒާމު ތަރައްގީކޮށްފަ އެވެ. ޓެކްފެއާގައި އޭގެ ނަމޫނާއެއް ހުއްޓެވެ.

"މިހާރު މީނީ މޯޝަން ޑިޓެކްޓާ ހެދިފައި. ދެން މޯބައިލް އެޕްލިކޭޝަނާއި އެހެން ބައިތަކުގެ ޑިވެލޮޕްމެންޓްގައި މިއުޅެނީ،" ހިޝާމް ބުންޏެވެ.

ދެވަނަ މަރުހަލާގައި ކުރާނެ ކަމަކީ ސޯލާ ޕެނަލް އާއި އެނޫން ވެސް ގޮތްގޮތުން ބައްތިތައް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.

މަގު ބައްތިތަކުގެ ކަރަންޓް ހަރަދު ކުޑަކުރާނެ ނިޒާމެއް އުފެއްދުމަށް ހިޔާލު ދެއްވި ބައްދަލުވުމުގައި އުގައިލް ވިދާޅުވީ އެފަދަ ނިޒާމެއް ކާމިޔާބުކަމާ އެކު އުކުޅަހަށް ތައާރަފް ކުރެވިއްޖެ ނަމަ ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ނިޒާމް ބޭނުންކޮށްފާނެ ކަމަށެވެ.

"އޭރުން މީހުން އުޅޭ 200 ވަރަކަށް ރަށުގެ މަސައްކަތް އެ ލިބުނީ ތިޔަ ކުދިންނަށް. އެއޮތީ ކުރާނެ ރަނގަޅު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

އުކުޅަހުގެ ހުނަރުވެރި މި ކުދިންނާއި އއ. އަތޮޅުގެ އެހެން ރަށްރަށުގެ ކުދިން ގުޅިގެން ޓެކްނޮލޮޖީގެ މަސައްކަތް ކުރާނެ ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް އުގައިލް ފައުންޑޭޝަނުން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން "އއ. ސައިންސް އެންޑް ޓެކްނޮލޮޖީ ކޮމިއުނިޓީ"ގެ ނަމުގައި ކޮމިއުނިޓީއެއް އުފައްދަން އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލަރުންނާ ވަނީ މަޝްވަރާކޮށްފަ އެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅޭ ސޮފްޓްވެއާ ޑިވެލޮޕަރު އަހްމަދު މަހްފޫޒަކީ ހިޝާމްމެންގެ ގްރޫޕްގެ ވެސް "ގުރޫ" އެވެ.

މަހްފޫޒް ބުނީ މި އަތޮޅާއި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ތިބި މިފަދަ ހުނަރުވެރި ކުދިންނާ މެދު ބޮޑު އުއްމީދެއް އޭނާގެ އެބަ އޮތް ކަމަށެވެ.

"މިކުދިންނަށް ކޮށްދޭންވީ ކަމަކީ ފުރުސަތު ފަހިކޮށްދިނުން. ހުނަރުވެރި ކުދިން ބައިވަރު އެބަ ތިބި،" ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

.އުކުޅަހު ސްކޫލް ކުދިންގެ މި މަސައްކަތަށް ފަންޑްކޮށްދޭން ސަމާ އައިލެންޑް ރިސޯޓުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ބާރަށް ކުރިއަށް ގެންގޮސް އުކުޅަހުގެ މަގު ބައްތިތައް މި އަހަރު އޮޓޮމޭޓް ކޮށްލުމަކީ އެ ކުދިންގެ އެންމެ ބޮޑު އުއްމީދެވެ.