ވާވޭ މޭޓް30 ސެޕްޓެމްބަރު 19 ގައި ލޯންޗްކުރަނީ

ވާވޭ މޭޓް30 ލޯންޗްކުރާ ރަސްމީ ހަފުލާ މި މަހު 19 ގައި އޮންނާނެ އެވެ. ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ޖަރުމަންގެ މިއުނިކްގަ އެވެ. މި ހަފުލާގައި ބައިވެރިވުމަށް ވާވޭ އެދޭ ފަރާތްތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.


މޭޓް30 އަކީ ބާރުގަދަ ފޯނަކަށް ވާނެ ކަމަށް ބުނެވެ އެވެ. މި ފޯނާ ބެހޭ ގޮތުން ލީކުވެފައި ހުރި މައުލޫމާތަށް ބަލާއިރު، ވާދަވެރިންނަށް ހިފަހައްޓާލަން އުނދަގޫ ފޯނަކަށް ވާނެ ކަމަށް ބުނެވެ އެވެ. މި ފޯނުގެ ހާޑްވެއާގެ ކުޅަދާނަކަމަށް ތައުރީފުކޮށް ޓެކް ބްލޮގްތަކުގައި އޮލަ ވާހަކަތައް މިހާރު ވެސް އަންނަނީ ދެކެވެމުންނެވެ. މި ފޯނުގައި ހިމަނާފައިވާ ކެމެރާ ވަރުގެ ކެމެރާއެއް ވާދަވެރިންގެ ފޯނެއްގައި އަދި ނެތް ކަމަށް ވެސް ބުނެވެ އެވެ. މޭޓް30 މި ނެރެނީ ވާވޭ އަށް އުނދަގޫ ދުވަސްވަރެއްގަ އެވެ. ޗައިނާ އަށް އިގްތިސާދީ ގޮތުން ދަތިކުރަން އެމެރިކާ ކުރާ މަސައްކަތުގައި ވާވޭ ވެސް އޮތީ ފިތިފަ އެވެ.

އެމެރިކާގެ ކުންފުނިތަކުން ވާވޭއާ އެކު މަސައްކަތް ނުކުރުމަށް އެމެރިކާ ސަރުކާރުން ގޮވާލާފައި ވާތީ، މޭޓް30 ގައި ހުރުމަށް އެދޭ ފުރިހަމަކަން ނުހުރެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ގޫގުލް ޕްލޭ ސްޓޯރު ފަދަ މުހިންމު ބައެއް ސާވިސްތައް މި ފޯނުގައި ނުހުންނާނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ގޫގުލްގެ ސާވިސްތައް މޭޓް30 ގައި ނުހުންނާނެ ކަމަށް ބުނެވޭ ބުނުމާ މެދު އާންމު ހީވުމަކީ، ޕީ30 އަކީ އެންޑްރޮއިޑް އެޕްލިކޭޝަންތައް ނޭޅޭނެ ފޯނެއް ކަމަށެވެ. އެކަމަކު މިއީ ކުށްހީ އެކެވެ.

މޭޓް30 ނެރޭއިރު ގޫގުލްގެ ބައެއް އެޕްލިކޭޝަންތައް ނެތުމަކީ ވެދާނެ ކަމެކެވެ. މީގެ މާނަ އަކީ މޭޓް30 އަކީ އެންޑްރޮއިޑް އެޕްލިކޭޝަން ނޭޅޭނެ ފޯނަކަށް ވުމެއް ނޫނެވެ. އެންޑްރޮއިޑް ފޯނަކަށް، އެންޑްރޮއިޑް އެޕްލިކޭޝަނެއް ނޭޅޭ ސަބަބަކަށް އޮންނަނީ، އެ އެޕްލިކޭޝަނަކީ އެންޑްރޮއިޑްގެ ވަކި އަދަދެއްގައި ބޭނުންކުރަން އުފައްދާފައި ވާ އެޕްލިކޭޝަނަކަށް ވުމެވެ.

މޭޓް30 ފެކްޓަރީގައި އުފައްދައި ނެރޭއިރު ޕްލޭ ސްޓޯރު ނުވަތަ މި ފަދަ ބޭނުންތެރި އެޕްލިކޭޝަނެއް ނެތް ނަމަވެސް، ބޭނުންކުރާ މީހުން އެދޭ ހުރިހާ އެޕްލިކޭޝަނެއް މި ފޯނަށް އެޅުމަށް ވަކި ހުރަހެއް އޮންނާނެ ކަމަށް ނުފެނެ އެވެ. މޭޓް30 އަކީ ވާވޭއިން ނެރޭ ބާރުގަދަ ފޯނެކެވެ. ފޯނު ބޭނުންކުރުމުގައި ބޭނުންކުރާ މީހުންނަށް ދަތިކަމެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. އެންޑްރޮއިޑް ފޯނަކަށް އެޕްލިކޭޝަން އަޅަން އެނގޭ ކޮންމެ މީހަކަށް މިއީ ވަރަށް ފަސޭހަކަމެކެވެ.