އައިފޯން 11، ނުނިވޭ ގަޑި އަދި އެޕަލް ޓީވީ ޕްލަސް ތައާރަފްކޮށްފި

އެޕަލްގެ އާ އައިފޯން މޮޑެލްތަކާއި ސީރީޒް 5 ގެ ގަޑި އާއި އެޕަލް ޓީވީ ޕްލަސް ރޭ ތައާރަފްކޮށްފި އެވެ.


ފޯނުތަކުން އެންމެ ބޮޑަށް ފާހަގަވީ އޭގެ ކެމެރާތަކެވެ. އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި ވެސް ކެމެރާ ވަނީ ވަރުގަދަކޮށްފަ އެވެ. އައިފޯން 11 ގައި އަލްޓްރާ ވައިޑް ލެންސަކާ އެކު ދެ ކެމެރާ ހިމަނާފައި ވާއިރު ޕްރޯ އާއި މެކްސްގައި ތިން ކެމެރާ ހިމެނެ އެވެ. އެއީ ޓެލެފޮޓޯ ލެންސަކާ އެކުގަ އެވެ.

މިދިޔަ އަހަރު ނެރުނު އައިފޯން އެކްސް އާރް އާއި ވާދަކުރަން މިއަހަރު ނެރުނު އާ މޮޑެލް، އައިފޯން 11 ގެ އަގު އެކްސް އާރަށް ވުރެ، 50 ޑޮލަރު އަގު ކުޑަ އެވެ. އައިފޯން 11 ލިބޭނީ 699 ޑޮލަރަށެވެ.

މިދިޔަ އަހަރު ނެރުނު އައިފޯން 10 އެސް އަދި އައިފޯން 10 އެސް މެކްސް އާއި ވާދަކުރަން މި އަހަރު ނެރުނު އާ މޮޑެލްތައް، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގެ އަގު ހުރީ ހަމަ މިދިޔަ އަހަރު ނެރުނު އެ ފޯނުތަކާ އެއް އަގެއްގަ އެވެ.

އާ އައިފޯނުތައް ދައްކާލަނީ

އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގެ ހާއްސަ ފީޗާތައް

- ދެ ސްކްރީން ސައިޒެއް؛ 5.9 އިންޗި އާއި 6.5 އިންޗީގެ އޯއެލްއީޑީ ޑިސްޕްލޭއެއް (ކޮންމެ ޑިސްޕްލޭއެއްގައި 458 ޕީޕީއައި ޕިކްސެލް ޑެންސިޓީ ހުންނާނެ)

- މި ފޯނުތަކުގެ ސުޕަ ރެޓިނާ އެޒްޑީއާރް ޑިސްޕްލޭތަކަށް ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓަމް، އެޗްޑީއާރް 10 އާއެކު ސަޕޯޓުކުރާނެ -- މާނައަކީ ވަރަށް ސާފުކޮށް، މޮޅު ކޮލެޓީގައި އެއްޗެހި ފެންނާނެ

- 64 ޖީބީ، 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖް ލިބޭ

- ފޯނު ފަރުމާކޮށްފައި ވަނީ މެޓް މެޓީރިއަލުން

- ފަހަތު ކެމެރާގައި ތިން ލެންސު ހަރުކޮށްފައިވޭ؛ ވައިޑް، އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސެއް

- ފޮޓޯ އިތުރަށް ސާފުކޮށް ދިނުމަށް ޑީޕް ފިއުޝަން ކިޔާ ފީޗާއެއް

- ކުރީ އަހަރުގެ މޮޑެލްތަކަށް ވުރެ 4 ގަޑިއިރު (ޕްރޯ) އަދި 5 ގަޑިއިރު (ޕްރޯ މެކްސް) އިތުރަށް ބެޓަރީގެ ބާރު ހުރޭ

- ފޭސް އައިޑީގެ އަޕްޑޭޓެއް

- ވައިފައި 6 ސަޕޯޓް ކުރޭ، އެކަމަކު 5ޖީ ނުލިބޭ

- ފަހަތު އަދި ކުރިމަތީ ކެމެ ރާއިން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭ -- ކުރިމަތީ ކެމެރާއިން ފުރަތަމަ ފަހަރަށް ސްލޯމޯ ވީޑިއޯ ވެސް ނެގޭ - ސެލްފީގެ ބަދަލުގައި "ސްލޯފީ" ނެގޭނެ

- ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓެއް

- އަވަހަށް ޗާޖުކޮށްދޭ އެޑަޕްޓަރެއް

- އައިއޯސް 13 ސަޕޯޓުކުރާނެ

- ކުލަތައް؛ މިޑްނައިޓް ގްރީން، ސްޕޭސް ގްރޭ، ސިލްވާ، ގޯލްޑް

- އައިފޯން 11 ޕްރޯ، 999 ޑޮލަރަށް

- އައިފޯން 11 ޕްރޯ މެކްސް، 1099 ޑޮލަރަށް

އެޕަލް އައިފޯން 11: މި ފޯނު ހަ ކުލަޔަކުން ލިބެން ހުންނާނެ

އައިފޯން 11 ގެ ހާއްސަ ފީޗާތައް

- ހަ ކުލައެއް؛ ބްލެކް، ޔެލޯ، ޕާޕުލް، ގްރީން އަދި ޕްރޮޑަކްޓް ރެޑް އެންޑް ވައިޓް

- އޭ13 ބަޔޮނިކް ޗިޕެއް

- 64 ޖީބީ، 128 ޖީބީ އަދި 512 ޖީބީ ސްޓޯރޭޖް ލިބޭ

- އައިފޯން އެކްސް އާރް އަށް ވުރެ ގަޑިއިރަކަށް ވުރެ ގިނައިރު ބެޓަރީގެ ބާރު ހުރޭ

- ފޭސް އައިޑީގެ އަޕްޑޭޓެއް

- ވައިފައި 6 ސަޕޯޓް ކުރޭ، އެކަމަކު 5ޖީ ނުލިބޭ

- ފަހަތު ކެމެރާގައި 12 މެގަޕިކްސެލްގެ ދެ ލެންސް ހަރުކޮށްފައިވޭ؛ ވައިޑް ލެންސަކާއި އަލްޓްރާ ވައިޑް ލެންސެއް

- ކެމެރާ ނައިޓް މޯޑެއް ވެސް އިނދޭ

- ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓެއް

- ކުރިމަތީ ކެމެރާގައި 12 މެގަޕިކްސެލް

- ފަހަތު އަދި ކުރިމަތީ ކެމެރާއިން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭ -- ކުރިމަތީ ކެމެރާއިން ފުރަތަމަ ފަހަރަށް ސްލޯމޯ ވީޑިއޯ ވެސް ނެގޭ

- އަގު، 699 ޑޮލަރަށް

އެޕަލް އިން އިއުލާނުކުރި އިތުރު އެއްޗެހީގެ ތެރޭގައި، އެޕަލް ޓީވީ ޕްލަސްގެ އަގު ވެސް ހިމެނެ އެވެ. މަހަކު 5 ޑޮލަރު ދައްކަން ޖެހޭ މި ހިދުމަތް ލިބޭނީ އަންނަ ނޮވެމްބަރު މަހު އެކަކުން ފެށިގެންނެވެ. ހިދުމަތް ފަށާއިރު ވެސް 100 އަށް ވުރެ ގިނަ ގައުމަށް ހިދުމަތް ލިބޭނެ އެވެ. އަދި އާ އައިފޯނާއި އައިޕެޑް އައި މެކް ގަންނަ އިރު އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ.

އެޕަލް ވޮޗް ސީރީޒް 5

މީގެ އިތުރުން އާ އައިޕެޑަކާއި އަދި އެޕަލް ވޮޗް ސީރީޒް 5 ހިމެނެ އެވެ. މި ގަޑީގެ އެންމެ ތަފާތު ފީޗާއެއްގެ ގޮތުގައި ފެންނަން ހުންނާނީ ޑިސްޕްލޭ ނުނިވުމެވެ. "އޯލްވޭޒް އޮން ޑިސްޕްލޭ" ހިމަނާފައި ވިޔަސް މީގެ ގަޑީގެ ބެޓެރީ 18 ގަޑިއިރު ހުންނާނެހެން އެހެން ފީޗާސްތަކަށް ވަނީ ފެންވަރު ރަނގަޅުކޮށްފަ އެވެ. މިފަހަރު އާ ކުލަތަކާއި ބޭންޑުތައް ވެސް ލިބޭނެ އެވެ.

އާ އައިފޯނުތަކާއި ގަޑި މި މަހުގެ 20 އިން ފެށިގެން ގަންނަން ލިބޭނެ އެވެ.

ސްޓީވް ޖޮބްސް ތިއޭޓަރުގައި ރޭގައި ކުރިއަށް ދިޔަ މި އިވެންޓުގައި ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އެޕަލްގެ އޮޕަރޭޓިން ސިސްޓަމްގެ އާ އަޕްޑޭޓް، އައިއޯއެސް 13 ވެސް ލޯންޗުކުރާނެ ކަމަށެވެ. އެކަމަކު އެ ލޯންޗުކުރުން މިހާރު ވަނީ މި މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.