ގޫގުލުން ޓްވީޓާ ގަންނަން އުޅޭ ކަމުގެ އަޑުތަކެއް

އެކަހަލަ ވާހަކަތަކެއް އެބަ ދެކެވެ އެވެ. އެ ކަމާ ގުޅޭ ގޮތުން ގޫގުލުން އަދި އެކައްޗެއް ވެސް ނުބުނެ އެވެ. ނަމަވެސް ގަންނާނެ ބަޔަކު ވޭތޯ ޓްވީޓާއިން މަސައްކަތްކުރާކަން ވަނީ ފާޅުވެފަ އެވެ.


ރިޕޯޓްތަކުން އެނގޭ ގޮތުގައި ގޫގުލުން ޓްވީޓާ ގަންނަ ހިތް ވެ އެވެ. އެ ކަހަލަ ޕްލެޓްފޯމެއް ގޫގުލް އަތުގައި ނެތުމަކީ ވެސް ސަބަބަކެވެ. ގޫގުލް ޕްލަސް ވައިގައި ހިއްޕޭތޯ އުޅެއުޅެ މުސްކުޅިވި އިރު ވެސް އެކަމެއް ނުވި އެވެ.

ޓްވީޓާ ބޭނުންކުރާ މީހުން ވަރަށް ގިނަ އެވެ. އެ އުސޫލުން ބަލާއިރު ޓްވީޓާ އަކީ ބޮޑު މުދާގަނޑަކަށް ގޫގުލް އަށް ވާނެ އެވެ. ގޫގުލް ޕްލަސް ދުނިޔެއިން ފޮހެލައި، ޓްވީޓާގައި ގޫގުލްގެ ނަން ބޯޑު ހަރުކޮށްލެވުމުން، ޒަމާން ފެށުމަށް ގޫގުލް އަށް ފުރުސަތު ލިބުނީ އެވެ.

ގޫގުލް ނޫނަސް ޓްވީޓާ ގަތުމަށް ކުންފުނިތަކުން ޝައުގުވެރިވެ އެވެ. އެހެން ނަމަވެސް މިހާރަށް ވުރެ ހަރުދަނާކޮށް ހިންގޭ ބަޔަކަށް ނޫނީ ވިކޭކަށް ޓްވީޓާ ވެސް ބޭނުމެއް ނުވެ އެވެ. ޓްވީޓާ ނުވިކި ލަސްވަނީ ވެސް އެ ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.

އާންމުންގެ މެދުގައި ގޫގުލް މަޝްހޫރުވެފައި ވަނީ "ސާޗް އިންޖީން"ގެ ސަބަބުންނެވެ. އެންޑްރޮއިޑް އަކީ ވެސް ގޫގުލްގެ ބާރުގަދަ އުފެއްދުމެކެވެ. އެހެން ނަމަވެސް އާންމުންނަށް ކަމުދާ ކަހަލަ ސޯޝަލް އެޕްލިކޭޝަނެއް ގޫގުލް އަށް އުފެއްދިފައެއް ނުވެ އެވެ. ގޫގުލް ޕްލަސް ކަފުންކުރަން ތައްޔާރުވެފައި ވާއިރު، ހޭންގްއައުޓް އަކީ ވެސް ގިނަ ބަޔަކު ލޯބިވާ އެޕްލިކޭޝަނަކަށް ނުވި އެވެ.

ގޫގުލުން ދާދި ފަހުން އާންމުކުރި ވީޑިއޯ ޗެޓް އެޕްލިކޭޝަން، "ޑުއޯ" އަށް ތަރުހީބު އޮހޭތީ އަދި ނުފެނެ އެވެ. ގޫގުލް "އޭލޯ" ޗެޓް އެޕްލިކޭޝަން ހަމަ ނިކުތްތަކުން، އެޑްވާޑް ސްނޯޑަން އެ ވަނީ އެ އެޕްލިލޭޝަން ބޭނުންނުކުރަން ގޮވާލާފަ އެވެ. އޭލޯ އަކީ ފުލުހުންނަށާއި ސަލާމަތީ ބާރުތަކަށް ޖާސޫސްކޮށްދޭ އެޕްލިކޭޝަނެއް ކަމަށް ބުނެފަ އެވެ. އެހެންކަމުން، ޓްވީޓާ ގަތުމަށް ފުރުސަތު ލިބިއްޖެ ނަމަ ގޫގުލުން ދޫކޮށްލާނެ ކަމަކަށް ނުފެނެ އެވެ.