ސިފައާ ކުޅެލެވޭ އާ އެޕެއް، މި ފަހަރު ގްރޭޑިއަންޓް

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިނު ފޭސްއެޕަށް ފަހު އަނެއްކާ ވެސް އަމިއްލަ ސިފައާ ކުލެވޭ އާ އެޕެއްގެ ވާހަކަ ގަދަވާން ފަށައިފި އެވެ. މި އެޕްގެ ނަމަކީ ގްރޭޑިއަންޓެވެ. ފޮޓޯތަކަށް އެކި ކަހަލަ ބަދަލުތައް ގެނެވޭ މި އެޕްގެ އެންމެ ހާއްސަ ފީޗާ އަކީ މަޝްހޫރު މީސްމީހުންނާ އަމިއްލަ ސިފަ އެއްގޮތް ކުރެވުމެވެ.


ވަރަށް ގިނަ ސެލެބްރިޓީން ވެސް މިހާރު ގްރޭޑިއަންޓް ތަޖުރިބާކުރަމުން އަންނަ އިރު، މިފަދަ އެޕްތަކުގެ ސަބަބުން ނިކުމެދާނެ ނުރައްކަލުގެ ވާހަކަތަކަކީ ވެސް މިހާރު ގިނަ މީހުން ދައްކާ ވާހަކަ އެވެ. ފޭސްއެޕަށް ވެސް އެންމެ ބޮޑަށް އަމާޒުވި ފާޑުކިޔުންތަކަކީ އެ އެޕްގެ ޒަރީރާ އިން މީހުންގެ ޒާތީ އަމިއްލަ މައުލޫމާތު ވެސް ދަމައިގަނެ، އޭގެ ނާޖާއިޒު ފައިދާ ނަގައިފާނެކަމުގެ ވާހަކަ އެވެ.

ގްރޭޑިއަންޓާ އެކު ވެސް މި ބަހުސް އެބައޮތެވެ. އެކަމަކު ޓިކެޓް ޓު ދަ މޫން އިންކް ކިޔާ ކުންފުންޏަކުން ތައްޔާޔާރުކޮށްފައިވާ ގްރޭޑިއަންޓްގައި އެކަހަލަ ރޭވިފައިވާ ކުޅިގަނޑެއް ނެތް ކަމަށް ބުނެފައިވެ އެވެ. އެގޮތުން އެ އެޕްގެ މެދުވެރިކޮށް ނަގާ ފޮޓޯތައް ރައްކާކޮށް، އެ އެއްޗެހީގެ ބޭނުން ނަހަމަގޮތުގައި ހިފައިފާނެ ކަމުގެ އެއްވެސް ބިރެއް ނޯންނާނެ ކަމަށް ބުންޏެވެ. އަދި ގްރޭޑިއަންޓަކީ އެއަށް ވުރެ ލުއިކޮށް، ބޭނުންކުރާ މީހުން ހިތްހަމަޖައްސައިލަ ދޭން ތައްޔާރު ކުރި "ސާފު" އެޕެއް ކަމަށް ބުންޏެވެ.

މި އެޕް އެޕަލް އާއި ގޫގުލް ސްޓޯރުން ވެސް ހިލޭ ޑައުންލޯޑްކޮށް، ތިން ދުވަހުގެ ޓްރައިލްއަކަށް ހިލޭ ބޭނުން ކުރެވުނަސް، ގްރޭޑިއަންޓުން މަހަކު 20 ޑޮލަރުގެ ޗާޖެއް ނަގާނެ އެވެ. އެހެންވީމާ އެއްގޮތަކީ މިކަހަލަ "ކޫސަނި" އެޕްތަކަށް ހަރަދުކުރަން ބޭނުންނުވާ ނަމަ އެކަމާ ނޫޅުމެވެ.

އެޕެއް މެދުވެރިކޮށް އަމިއްލަ ސޫރަ މަޝްހޫރު މީހަކާ ވައްތަރުކުރެވަމަކުން ވާނެ ވަކި ފައިދާއެއް އޮންނާނެ ހެއްޔެވެ؟ މިއީ ހަމަ ހުސް ވިޔަފާރީގެ އުކުޅުތަކެވެ. މިފަދަ އެޕްތައް ހަދާ މީހުން އެކަން ކުރަނީ އެ މީހުންނަށް ލިބޭ މާލީ މަންފާތަކާ ހެދި އެވެ. ބޭނުން ކުރުމާއި ނުކުރުމަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ.