ގެލެކްސީ އެސް10 ކޮންމެ މީހެއްގެ ފިންގަޕްރިންޓުން ވެސް ހުޅުވޭ

ސެމްސަންގުގެ ގެލެކްސީ އެސް10 ފޯނުތަކުގައި ސެކިއުރިޓީގެ ގޮތައި ފިންގަޕްރިންޓް ބޭނުންކުރުމުގައި ވަރަށް ބޮޑު މައްސަލައެއް އެބަ އުޅޭ ކަމަށާއި ފޯނަށް ހާއްސަކުރާ ފިންގަޕްރިންޓް ނޫނަސް، އެހެން ކޮންމެ މީހެއްގެ ފިންގަޕްރިންޓުން ވެސް އެ ފޯނު ހުޅުވޭ ކަމަށް ސެމްސަންގުން ބުނެފި އެވެ.


ސެމްސަންގުން މި މައްސަލަ ފާހަގަކޮށް ބުނީ މައްސަލަ ހައްލުކުރަން ސޮފްޓްވެއާ ޕެޗެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

މާޗް މަހު އެސް10 ނެރުނީ ފިންގަޕްރިންޓް ޓެކްނޮލޮޖީ އަށް އިންގިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް ސެންސަންގުން ބުނީ އެސް10 އާއި ނޯޓް 10 ގައި ވެސް ފިންގަޕްރިންޓުގެ ބޮޑު މައްސަލައެއް އުޅޭ ކަމަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ އިނގިރޭސި ވިލާތުގެ އަންހެނަކަށެވެ. އޭނާގެ ފޯނު ފިރިމީހާގެ ފިންގަޕްރިންޓުން ޖަހައިގެން ހުޅުވުނީ އެވެ. ފޯނު ހުޅުވީ ފެންވަރު ދަށް ކަވަރަކަށް ލާފައި އޮއްވައި ކަމަށް ވުމުން، މިހެން ދިމާވަނީ ދިމާވަނީ ފިންގަޕްރިންޓާއި ފޯނާ ދެމެދު ހުސް ޖާގައެއް ހެދުމުން ކަމަށް ވަނީ ބެލެވިފަ އެވެ.

އެސް10 ގައި ފިންގަޕްރިންޓް ދެނެގަތުމަށް ފޮނުވަނީ އަލްޓްރާސައުންޑެވެ.

ސެމްސަންގު އެސް10 ސީރީޒްގެ ފޯނު ވިއްކާ ބައެއް ތަންތަނުން، ފޯނުތަކުގެ ފިންގަޕްރިންޓް އޯފް ކޮށްލައިގެން ގެންގުޅުމަށް ކަސްޓަމަރުންނަށް އަންނަނީ ލަފާ ދެމުންނެވެ.

ފޯނުގެ މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނު އަންހެން މީހާ ބައެއް ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި ފޯނުގައި ސްކްރިން ޕްރޮޓެކްޓަރެއް އެޅުވުމަށް ފަހު، އޭނާ ފޯނުގައި ރެޖިސްޓަ ނުކުރާ އިނގިލިތަކުގެ ޕްރިންޓުން ވެސް ފޯނު ހުޅުވެން ފެށި އެވެ. އަދި އެ ސްކްރީން ޕްރޮޓެކްޓާ، އެހެން މީހެއްގެ ފޯނުގައި އެޅުވުމުން ވެސް ހަމަ އެ މައްސަލަ ދިމާވި ކަމަށް ބުނެފައިވެ އެވެ.