ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ ހަފުތާގައި އެ ކުންފުނިން ވަނީ އެ މީހުން ފޯނުތައް ހުޅުވައި އޭގެ މައުލޫމާތު ނެގުމަށް ބޭނުންކުރާ ހާއްސަ އާލާތް އިނގިރޭސި ވިލާތުގައި ދައްކާލައިފަ އެވެ.


ބީބީސީގެ ޓެކްނޮލޮޖީ ކަރެސްޕޮންޑެންޓް ރޯރީ ސެލަން-ޖޯންސް އަށް ވަނީ ސެލެބްރައިޓްގެ މި ހާއްސަ އުފެއްދުން މަސައްކަތްކުރާ ގޮތް ދައްކާލައިފަ އެވެ. މިކަމާ ބެހޭ ގޮތުން އޭނާ ބީބީސީގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ ފޯނުތައް ހުޅުވަން ބޭނުންކުރަނީ ޓެބްލެޓެއް ފާޑުގެ ޑިވައިސްއެއް ކަމަށެވެ.

ސެލެބްރައިޓްގެ ޓީމުން ޖޯންސް އަތަށް ސެމްސަންގް އެސް5 ފޯނެއް ދިނުމަށް ފަހު އެ ހިފައިގެން ގޮސް އެއިން ފޮޓޯ ނެގުމަށާއި ޓެކްސްޓް މެސެޖެއް ކުރުމަށް ބުންޏެވެ. އަދި ސެކިއުރިޓީ ކޯޑު ވެސް ބަދަލުކުރުމަށް ބުންޏެވެ.

ފޯނު ގެނެސްދިނުމުން، އޭގެ ޗާޖިން ސޮކެޓަށް ކޭބަލެއް ޖަހައި، ޓެބްލެޓެއް ފާޑުގެ އެއްޗަކާ ގުޅާލި އެވެ. ދެތިން ފިތަކަށް ފިތާލުމަށް ފަހު އެ މީހުން ބުނި ކަމަށް ވަނީ ފޯނުގެ ލޮކް ކޯޑް މިހާރު ކަނޑާލާފައިވާ ކަމަށެވެ. އަދި ފޯނުގައި ހުރިނަމަ ހުރި ޑޭޓާއެއް ޔޫއެސްބީ ޑްރައިވަކަށް އެޅި އެވެ. ފޯނުން ނެގި ފޮޓޯ އާއި ކުރި މެސެޖު ވެސް ދެއްކި އެވެ.

"ފޯނުގައި ހުންނަ ހަމަ ހުރިހާ އެއްޗެއްހެން މިއިން ނަގާނެ،" އެކި ގައުމުތަކުގެ ސަލާމަތީ ބާރުތަކަށް ވިއްކާ މި ޑިވައިސްގެ ޑެމޮންސްޓްރޭޝަން ދެއްކި ބެން-މޯޝޭ ބުނެފައިވެ އެވެ.

މީގެ ޑިވައިސްތައް، ހުދުމުހުތާރު ސަރުކާރުތަކަށް ވިއްކާތޯ ސުވާލުކުރުމުން ޖަވާބު ދޭކަށް ސެލެބްރައިޓުން ބޭނުމެއް ނުވި އެވެ.

މިއިން، އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 7 ގެ މައުލޫމާތުތައް ނެގޭނެތޯ ސުވާލުކުރުމުން ބުނީ "ޔަގީން" ކަމަށެވެ.

ސެލްބްރައިޓްގެ ޑެމޮންސްޓްރޭޝަން

"އޭގެ ޑޭޓާ ވެސް ނެގޭނެ. އެކަމަކު ސުވާލަކީ ކޮން ޑޭޓާއެއްތޯ ބޭނުންވަނީ،" ބެން-މޯޝޭ ބުންޏެވެ.

ސެލެބްރައިޓްގެ މި ޑިވައިސް އިން ފޯނުގައި ބޭނުންކުރާ، ވަޓްސްއެޕް ފަދަ ސަލާމަތީ ފީޗާތައް ވަރުގަދަ ކަމަށް މަޝްހޫރު އެޕްލިކޭޝަންތަކުގެ ޑޭޓާ ވެސް ނަގަ އެވެ.

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ބުނީ ކަސްޓަމަރުންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ.