ފޯނު އެޑިކްޝަނަށް ގޫގުލް ދޭ ހައްލަކީ "ޕޭޕަ ފޯން"

ސްމާޓްފޯނަށް ދެވިހިފައި އެއާ ނުލައި މިހާރު ހިނދުކޮޅަކަށް ވެސް ނޫޅެވޭ މީހުން ބައިވަރެވެ. އެކަމަކު މި އާދައިގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ކަންކަން ދަނީ ކުރިމަތިވަމުންނެވެ. ފޯނު އެޑިކްޝަން ނުވަތަ ޑިޖިޓަލް އެޑިކްޝަނުން މީހުން ސަލާމަތްކުރެވޭތޯ ގޫގްލް އިން މިހާރު މި ވަނީ އާ ގޮތެއް ތައާރަފުކޮށްފަ އެވެ. އެއީ "ޕޭޕަ ފޯން" އެވެ. މިއީ ކުރުކޮށް ސިފަކޮށްދޭ ނަމަ "ފޯނެއްގެ ގޮތުގައި" ބޭނުން ކުރެވިދާނެ ކަރުދާސްގަނޑެކެވެ.


މިކަމަށް ފުރަތަމަ ހަދަންޖެހޭ ގޮތަކީ ގޫގުލް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވެން އިން "ޕޭޕަ ފޯން" ޑައުންލޯޑްކޮށްފައި، އެ ދުވަހަކަށް ބޭނުންވާ ކަންކަން ހިމެނޭ ޝީޓެއް އެކުލަވާލައި އޭތި ޕްރިންޓްކޮށްލާނީ އެވެ. މިކަންކުރާ އިރު އެ ދުވަހަކަށް ބޭނުންވާ މުހިއްމު ފޯނު ނަމްބަރުތަކާއި މީޓިންތަކާއި އަދި އެ ނޫން ވެސް ބޭނުންތެރި އެހެން މައުލޫމާތުތައް އޭގައި ހިމަނާލާނީ އެވެ. އަދި ފޫހިފިލުވަން ސުޑޯކް ކަހަލަ ގޭމްތައް ވެސް "ޕޭޕަ ފޯން" ގައި ޕްރިންޓްކުރެވިދާނެ އެވެ.

ގޫގުލް އިން ބުނާގޮތުގައި "ޕޭޕަ ފޯން" ބޭނުންކުރަން ފެށުމުންގެން ގެންގުޅޭ ފޯނަށް ހުސްކުރާ ވަގުތުތައް މަދުކުރެވި، މުހިއްމު އެހެން ކަންކަމަށް ވަގުތު ހޯދޭނެ އެވެ. ފޯނު ގެންގުޅޭ ގޮތަށް ޕްރިންޓްކުރާ "ޕޭޕަ ފޯން" ފަތްޖަހާލައިގެން ޖީބުގައި ގެންގުޅޭނީ އެވެ. ބޭނުމެއް ޖެހުނީމާ ނަގާނީ އެވެ.

"ޕޭޕަ ފޯނު" ގެ ވީޑިއޯއެއް.

ގޫގުލް އިން "ޕޭޕަ ފޯން" ސިފަކުރަނީ "ޑިޖިޓަލް ވެލްނެސް" އަށް އޮތް ލުއި ހައްލެއްގެ ގޮތުގަ އެވެ.

ދިރިއުޅުމަށް ސްމާޓްފޯން ގެނައި އިންގިލާބާ އެކު، މިހާރު މުޅި ދުނިޔެ ވެސް އެންމެ ކަންވޮޑުވާ ކަމަކީ ފޯނަށް މީހުން ވަގުތުތައް ހުސްކުރާ މިންވަރު ގިނަވުމެވެ. ހާއްސަކޮށް އެކި ކަހަލަ ސޯޝަލް މީޑިއާ އެޕްތަކަށެވެ. މީގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް ބޮޑު އެއް މައްސަލައަކީ ފިޒިކަލް ސޯޝަލައިޒްވުން ކުޑަވެ، އެކި ކަހަލަ ނަފުސާނީ މައްސަލަތަކަށް ހުށަހެޅުމެވެ.