ވީވޯ އިންޑިއާގެ ލޯގޯ ފަރުމާކޮށްގެން 7،000 ޑޮލަރު

މީގެ 10 އަހަރު ކުރިން ނެރެން ފެށި ޗައިނާގެ ވީވޯ ބްރޭންޑް ފޯނުތައް އިންޑިއާގައި ނެރޭތާ ފަސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވީވޯ އިންޑިއާ އަށް ހާއްސަ ލޯގޯއެއް ފަރުމާކުރަން 5،00،000 ރުޕީސް (7,089.98 ޑޮލަރު) އިނާމަކާ އެކު ހުޅުވާލައިފި އެވެ.


ވީވޯ އިންޑިއާ އިން ބުނީ "ދަ ވީވޯ މޭކް އިންޑިއާ ލޯގޯ" ފަރުމާކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ލޯގޯތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލޯގޯ ފޮނުވަން ޖެހެނީ submissions@talenthouse.co.in މި މެއިލަށެވެ.

ވީވޯ އިންޑިއާ އިން ބުނިގޮތުގައި ހުށަހަޅާ ލޯގޯތައް ބަލައި އެއް ވަނަ އަށް ދާ ލޯގޯއެއް ހޮވާނީ އެ ކުންފުނީގެ ކްރިއޭޓިވް ޓީމަކާއި ޓެލެންޓް ހައުސްއަކުން ބައިވެރިކުރާ ޑިޒައިނަރުންގެ ޓީމަކުންނެވެ.

އެއް ވަނަ ލޯގޯ އަށް 5،00،000 ރުޕީސް ދިނުމުގެ އިތުރަށް އެންމެ ރަނގަޅު އިތުރު 10 ލޯގޯއެއް ފަރުމާކުރާ މީހުންނަށް އެ މީހުންގެ ލޯގޯތައް ވީވޯ ސޯޝަލް ހޭންޑްލްތަކުގައި ޕްރޮމޯޓްކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ގަދަ 10 އަށް އިނާމެއްގެެ ގޮތުގައި ވީވޯގެ ފޯނުތައް ވެސް ހަދިޔާކުރާނެ އެވެ.

ބީކޭކޭ އިލެކްޓްރޯނިކްސްގެ ސަބްސިޑަރީއެއްގެ ގޮތުގައި ވީވޯ ވުޖޫދަށް އައީ 2009 ގަ އެވެ. ވީވޯ އަކީ އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބޮޑު މާކެޓް އޮތް ބްރޭންޑެކެވެ.

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ބްރޭންޑް އެ ގައުމުގައި އިޝްތިހާރުކޮށްދޭ މަޝްހޫރު މީހުންގެ ތެރޭގައި ފިލްމީ ތަރި އާމިރު ޚާން ހިމެނެ އެވެ. އޭނާ ފެންނަ ވީވޯގެ އިޝްތިހާރުތަކެއް އިންޑިއާގެ ޓީވީ ޗެނެލްތަކުން މިހާރު ވެސް ދައްކަ އެވެ.

މީގެ އިތުރުން ރަންވީރު ސިންގް އާއި ކަންގަނާ ރަނާވަތާއި ސާރާ އަލީ ޚާނާއި އަދިތިޔާ ސީލް ފަދަ ޒުވާން ތަރިން ވެސް ވީވޯ ފޯނު އިންޑިއާގައި އިޝްތިހާރުކޮށްދެ އެވެ.