އެޕަލް ސްޓޯރުން "ލައިކް ޕެޓްރޯލް" އެޕް ނަގައިފި

އިންސްޓްގްރާމުން ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެން، އެޕަލް ސްޓޯރުން "ލައިކް ޕެޓްރޯލް" އެޕް ނަގައިފި އެވެ.


ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ބުނެފައިވާ ގޮތުގައި އަހަރަކަށް 80 ޑޮލަރު ޗާޖްކުރަމުން ދިޔަ "ލައިކް ޕެޓްރޯލް" އަކީ ޖާސޫސްކޮށް، އެކަކު އަނެކަކުގެ ޒާތީ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރަން މަގުފަހިވާ އެޕެކެކެވެ.

އިންސްޓަގްރާމްގެ މި ކަންބޮޑުވުންތަކާ ގުޅިގެން އެ އެޕް މިހާރު ވަނީ ޑައުންލޯޑް ނުކުރެވޭ ގޮތަށް އެޕަލް ސްޓޯރުން ނަގައިފަ އެވެ. "ލައިކް ޕެޓްރޯލް" އަކީ އިންސްޓަގްރާމުން ފޮލޯކުރާ މީހުން އެކަކު އަނެކަކުގެ ފޮޓޯތަކަށް ލައިކްކޮށް ކޮމެންޓްކުރުމުން ނޮޓިފިކޭޝަން ފޮނުވައިދޭ އެޕެކެވެ.

މި އެޕް ގިނަ ބަޔަކު ސިފަކޮށްފައި ވަނީ "ފާރަލާ" އެޕެއް" ގެ ގޮތުގަ އެވެ. ސައިބަ ސޭފްޓީ އަށް ގޮވައިލާ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ފާޑުފާޑުގެ އެޕްތައް ޑައުންލޯޑްނުކުރުމަށް ވެސް އިލްތިމާސް ކުރަމުންނެވެ.

އިންސްޓަގްރާމުން މި ފަހަކަށް އައިސް އަންނަނީ އެ އެޕް ބޭނުންކުރާ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.