ރަޝިއާގެ ސޮފްޓްވެއާ ނުހުންނަ ޑިވައިސްތައް އެ ގައުމުގައި މަނާކުރަނީ

ސްމާޓްފޯނާއި ކޮމްޕިއުޓަރާއި ޓީވީ ފަދަ އާލާތްތައް ރަޝިއާގައި ވިއްކާ އިރު އޭގައި ރަޝިއާގެ ސޮފްޓްވެއާތައް އިންސްޓޯލްކޮށްފައި ނުހުންނަ އުފެއްދުންތައް ވިއްކުން މަނާކުރާ ބިލެއް އެ ގައުމުން ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ.


އެ ބިލް ގާނޫނަކަށްވެ، ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން ފާސްކުރި އާ ބިލްގައި ބުނާގޮތުން ޓެކްނޮލޮޖީގެ ޒަމާނީ އާލާތްތައް އެ ގައުމުގައި ވިއްކާ ނަމަ، އެފަދަ އުފެއްދުންތަކަކީ ރަޝިއާގެ ސޮފްޓްވެއާތައް ޕްރި-އިންސްޓޯލްކޮށްފައި ހުންނަ ތަކެއްޗަށްވުން ލާޒިމުވާނެ އެވެ. އަދި މިއީ ޑިވައިސްތައް ބޭނުންކުރާ މީހުންގެ ފަސޭހަ އާއި ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.

ބިލް ޑްރާފްޓްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މެމްބަރު އޮލޭގް ނިކޮލަޔޭޒް ވިދާޅުވި ގޮތުގައި މިފަދަ ބިލެއް އެކުލައިވުމުގެ މައިގަނޑު އެއް ބޭނުމަކީ ރަޝިއާގެ ޓެކްނޮލޮޖީތައް ޕްރޮމޯޓްކުރުން ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފަށާ ގާނޫނުގެ ދަށުން ޑިވައިސް/ގެޖެޓްތަކުގައި ކުރިއާލައި އިންސްޓޯލްކޮށްފައިި ހުންނަން ޖެހޭނެ ސޮފްޓްވެއާތަކުގެ ލިސްޓް ސަރުކާރުން އެކުލަވައިލާނެ ކަމަށް ވިދާޅުވި އެވެ.

"ހުޅަނގުގެ ގައުމުތަކުން ނެރޭ އުފެއްދުންތަކަށް ރަޝިއާ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް އަހުލުވެރިވާނީ ވެސް މިފަދަ ބަދަލުތަކެއް ގެނެސްގެން،" މެމްބަރު ވިދާޅުވި އެވެ.

މި ބިލަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ބުނީ މިކަމުގެ ސަބަބުން ނުކުންނާނެ މައިގަނޑު އެއް ނަތީޖާ އަކީ ބޮޑެތި ކުންފުނި/ބްރޭންޑްތައް ރަޝިއާގެ މާކެޓާ ދުރަށް ދިއުން ކަމަށެވެ. އަދި ބައެއް މީހުން ބުނީ މިއީ ޖާސޫސްކުރަން ރަޝިއާ އިން ކުރާ ކަމަކަށް ވެދާނެ ކަމަށެވެ.

ދި އެސޯސިއޭޝަން އޮފް ޓްރޭޑިން ކޮމްޕެނީޒް އެންޑް މެނުފެކްޗަރާ އޮފް އިލެކްޓްރިކަލް ހައުސްހޯލްޑް އެންޑް ކޮމްޕިއުޓާޒް އިކްޕްމަންޓް (އާރްއޭޓީއީކޭ) އިން ބުނިގޮތުގައި ރަޝީއާގެ ސޮފްޓްވެއާތައް، ކުންފުނިތަކުގެ ޑިވައިސްތަކުގައި ހިމަނަން ގާނޫނަކުން މަޖުބޫރު ކުރިޔަސް އެއީ ވާނެ ކަމެއް ނޫނެވެ.

ރައީސް ލަޑިމިއާ ޕުޓިންގެ ސަރުކާރަކީ ރަޝިއާގައި އިންޓަނެޓް ބޭނުންކުރުމުގައި ވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންދާ ގައުމެކެވެ.