ފުލުހުން ރޮބޮޓް ކުއްތާ ބޭނުންކުރާތީ ކަންބޮޑުވުންތަކެއް

އެމެރިކާގެ ބޮސްޓަން ޑައިނަމިކްސް އިން އުފައްދައި އާންމުކޮށް ވިއްކަން ތައްޔާރުވަމުން އަންނަ "ސްޕޮޓް" ކިޔާ ރޮބޮޓް ކުއްތާ މެސެޗޫސެސްގެ ފުލުހުން ބޭނުންކުރާތީ ޖަމާއަތަކުން ކަންބޮޑުވުންފާޅުކޮށްފި އެވެ.


ފުލުހުން ރޮބޮޓް ކުއްތާ ބޭނުންކުރާ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ދި އެމެރިކަން ސިވިލް ލިބަޓީޒް ޔުނިއަން (އޭއެލްސީޔޫ) އިން ބުނީ ޓެކްނޮލޮޖީ ކުރިއަރާފައި އޮތީ "ދުނިޔެ އަދި ސޯޝަލް، ޕޮލިޓިކަލް އަދި ލީގަލް ސިސްޓަމް" އޮތް ހިސާބަށް ބަލާއިރު މާ ބޮޑަށް ވެސް ނުބައްދަލު ފެންވަރަކަށް ކަމަށެވެ.

އެހެންވެ ރޮބޮޓް ކުއްތާ ފަދަ ވަސީލަތްތަކަކީ މިހާރުގެ ހާލަތާ ނުބައްދަލު، މިހާރުގެ ހާލަތަށް އަދި އެކަށީގެން ނުވާ އެއްޗެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

"އެހެންވެ ސަރުކާރުގެ މުއައްސަސާތަކުން ވެސް އެބަޖެހޭ މިހާރަށް ވުރެ ޓްރާންސްޕޭރަންޓްކޮށް، އަދި އާންމުންނަށް ވެސް ވާނުވާ އެނގޭ ގޮތަށް ޓެކްނޮލޮޖީ ބޭނުންކުރަން،" އޭއެލްސީޔޫން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން މެސެޗޫސެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ރޮބޮޓް ކުއްތާ ފުލުހުންގެ މަސައްކަތްތަކުގައި ޓެސްޓްކުރަމުން އަންނަނީ ނުރައްކާތެރި ހާދިސާތަކުގައި މޮބައިލް ރިމޯޓް ޑިވައިސްއެއްގެ ގޮތުގައި ކަމަށެވެ.

"އިންސާނުންނަށް ވަރަށް ބޮޑަށް ނުރައްކާވާ ކަހަލަ ހާލަތްތަކުގައި އަހަރެމެން ރޮބޮޓް ކުއްތާ މި ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންނާއި ބޮސްޓަން ޑައިނަމިކާ އެކު ހަދާފައި އޮތް އެގްރިމަންޓްގައި ވެސް އޮންނާނެ އެކަން ފާހަގަކޮށްފައި."

"ސްޕޮޓް" ތައްޔާރުކޮށްފައި ވަނީ އިންސާނުންނަށް ނުރައްކާވާ ކަހަލަ މަސައްކަތްތައް ކުރަން ހާއްސަ އެއްޗެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ގޭސް ޕްލާންޓްތަކާއި ޕަވާ ޕްލާންޓް ފަދަ ތަންތަނުގައި ހުންނަ ނުރައްކާތެރި ބޮޑެތި މަަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. މިއީ ވާރެ އާއި އަވީގައި ވެސް މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތްތައް އަވަސް އެއްޗެކެވެ.

ބޮސްޓަން ޑައިނަމިކްސް އިން ބުނާ ގޮތުގައި "ސްޕޮޓް" އަކީ އަދި އިންސާނުންނާ އެކުއެކީގައި އަދި މަސައްކަތަށް ނެރެން ރަނގަޅު އެއްޗެއް ނޫނެވެ. އެއީ މި އެއްޗެހީގެ ހަރަކާތަކުން އިންސާނުންގެ ފުރާނަ އަށް ވެސް ގެއްލުމެއްވެދާނެތީ އެވެ.