އީލޮން މަސްކް އަބުރާ ބެހުނުކަން ސާބިތެއް ނުވި

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި މިދިޔަ އަހަރު ތާށިވި ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އިނގިރޭސި ޑައިވަރު ވާމަން އަންސްވޯތުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އެމެރިކާގެ ޓެކްނޮލޮޖީ ވިޔަފާރީގެ ބިލިއަނަރު އީލޮން މަސްކަށް ކުރި ދައުވާ އިން އޭނާ ސަލާމަތްވެއްޖެ އެވެ.


ވާމަން ޓެސްލާ އާއި ސްޕޭސް އެކްސްވެރިޔާ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދައުވާކުރި އިރު އޭނާގެ މައްޗަށް ކުޑަކުދިންނާ ބެހޭ މީހެއްގެ ތުހުމަތު އީލޮންކޮށްފައިވެ އެވެ. އެގޮތުން ވާމަން އަކީ "ޕީޑޯ ގާއި" އެއް ކަމަށް ބުނެ އީލޮން ކުރި ޓްވީޓެއްގެ މައްސަލަ ހޫނުވުމުން ފަހުން މާފަށް އެދި، އެ ޓްވީޓް ވަނީ ޑިލީޓްކޮށްލައިފަ އެވެ.

އީލޮންގެ ތުހުމަތާ ގުޅިގެން ވާމަން ދައުވާކުރީ ލިބުނު ގެއްލުމުގެ ބަދަލަށް 190 މިލިއަން ޑޮލަރު ހޯދުމަށެވެ.

ލޮސް އެންޖެލިސްގެ ފެޑެރަލް ކޯޓްގައި ހަތަރު ދުވަހަށް ދިގުދެމިގެން ދިޔަ އަޑުއެހުމުގައި، އީލޮންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުރު ދުވަހު ނިންމާފައި ވަނީ ވާމަން ކުރި ދައުވާގައި އޭނާގެ އަބުރާ އީލޮން ބެހުނު ކަމަށް އެއްވެސް ގޮތަކުން ސާބިތުވާ ވަރުގެއް ހެއްކެއް ފެންނަން ނެތުމުން ކަމަށް ކޯޓުން ބުންޏެވެ.

ވާމަން ވަކީލުންގެ ޓީމާ އެކު.

މިކަމާ ގުޅިގެން އީލޮން ބުނީ އޭނާ ދެއްކި ވާހަކައިގައި އެއްވެސް ގޯހެއް ނެތްކަން ސާބިތުވުމުން އިންސާނިއްތަށް އޭނާ އިހުތިރާމްކުރާކަން ވެސް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި "ޕީޑޯ ގާއި" އޭ ބުނުމަކީ މީހެއްގެ މައްޗަށް ތުހުމަތެއްކޮށް، އަނބުރަށް އަރައިގަތުން ނޫން ކަމަށާއި އެ ލަފުޒަކީ ދެކުނު އެފްރިކާގައި ވާހަކަ ދައްކާ އިރު އާންމުކޮށް ބޭނުންކުރާ ބަހެއް ކަމަށް ވެސް އީލޮން ކޯޓްގައި ބުނެފައިވެ އެވެ.

އީލޮން އަށް ކުރި ދައުވާ ކާމިޔާބު ނުވި ނަމަވެސް ކޯޓްގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި ވަކީލުންގެ ޓީމުން ކޮށްދިން މަސައްކަތް ވެސް ބަލައިގަންނަ ކަމަށް ވާމަން ބުންޏެވެ. ނަމަވެސް ކޯޓްގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް ވަކީލުންގެ ޓީމްގައި ހިމެނޭ ލިން ވުޑް ވިދާޅުވި އެވެ. އޭނާ އެ ނިންމުން ސިފަކުރީ މުޖުތަމަަށް ދެވޭ ނުބައި ސިގްނަލެއްގެ ގޮތުގަ އެވެ.

"މާނައަކީ ކޯޓްގެ މި ހުކުމުން ދައްކުވައި ދެނީ ކޮންމެ ފަދަ ތުހުމަތަކެއް ވެސް މީހެއްގެ މައްޗަށް ކުރެވިދާނެކަމާއި އެފަދަ ކަމަކުން ރެކެވިދާނެކަން،" އޭނާ ވިދާޅުވި އެވެ.

ޖޫން 23، 2018 ގައި ތައިލެންޑްގެ ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ތަމް ލުއާން ހޮހަޅަ އަށް ވަނީ އެ ދުވަހުގެ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. ނަމަވެސް އެ ކުދިން ހޮހަޅައަށް ވަން ފަހުން ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ.

އެ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އިނގިރޭސި ޓީމްގައި ވާމަން، 64، އަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރި މީހެކެވެ. އަދި އޭނާ ކުރި މަސައްކަތަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސްކޮށްފައިވެ އެވެ.