އައިފޯން 11 އަށް ލޮކޭޝަން ބޭނުންވާ ސަބަބު އެޕަލް އިން ބުނެދީފި

އައިފޯން 11 ބޭނުންކުރާ މީހުންނަށް އަންގައި ވެސް ނުލައި، އައިފޯން 11ގެ މޮޑެލްތަކުން ލޮކޭޝަން ރެކޯޑްކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެއީ ކީއްވެގެން ވާ ކަމެއްކަން އެޕަލް އިން ބުނެދީފި އެވެ. އެ ކުންފުނިން ބުނީ އެހެން ވަނީ މި މޮޑެލްތަކުގައި ގާއިމުކޮށްފައި ހުރި "އަލްޓްރާ ވައިޑްބޭންޑް ޓެކްނޮލޮޖީ"ގެ ސަބަބުން ކަމަށެވެ.


އައިފޯން 11ގެ މޮޑެލްތަކުން "ލޮކޭޝަން ޓްރެކް"ކުރަނީ، ބޭނުންކުރާ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް ނޫން ކަމަށް އެޕަލް އިން ބުނެ އެވެ. ނަމަވެސް، މިކަން މައްސަލައަކަށް ވުމުގެ ކުރިން، މިކަން މި ގޮތަށް ހިނގައިފާނެކަން އެޕަލް އަކުން ނުބުނެވެ.

އެޕަލް އިން އައިފޯން 11ގެ ފޯނުތަކުގައި އާ ވައްތަރު ވައްތަރުގެ ޓެކްނޮލޮޖީ ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ "އަލްޓްރާ ވައިޑްބޭން ޓެކްނޮލޮޖީ" އައިފޯން 11 ގައި ބޭނުންކުރަނީ ފޯނުތައް ހޭވެރިކަންމަތީ ބޭއްވުމަށެވެ. މާނަ އަކީ ފޯނާ މާ ދުރު ނޫން ހިސާބެއްގައި މި ޓެކްނޮލޮޖީ ގާއިމުކޮށްފައި ހުރި އެހެން ޑިވައިސްއެއް އޮތްތޯ ބެލުމަށެވެ. އަނެއް ބޭނުމަނީ ފޯނު އޮތީ ދުނިޔޭގެ ކޮން ހިސާބެއްގައިތޯ ބެލުމެވެ. މީގެ ބޭނުމަކީ "އަލްޓްރާ ވައިޑްބޭން ޓެކްނޮލޮޖީ" އަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދި ޚާއްސަކޮށް ވަކި ސަރަހައްދުތަކެއްގައި ބޭނުންކުރުން މަނާ ޓެކްނޮލޮޖީއަކަށް ވުމެވެ. މި ފަދަ ހާލަތެއްގައި، ފޯނު އޮތްތަން ފޯނަށް ދެނެގަނެވިއްޖެ ނަމަ މި ޓެކްނޮލޮޖީ އަމިއްލަ އަށް މެދު ކަނޑާލެވެ އެވެ.

އައިފޯން 11ގެ މޮޑެލްތަކުގައި "އަލްޓްރާ ވައިޑްބޭން ޓެކްނޮލޮޖީ" ހިމަނާފައިވާ އަސްލު ބޭނުމަކީ ފައިލް "ޝެއާ"ކުރުމެވެ. މާނަ އަކީ މި ޓެކްނޮލޮޖީ ގާއިމުކޮށްފައި ހުރި އެހެން ޑިވައިސްއެއް ކައިރި ހިސާބެއްގައި އޮތްތޯ ބަލައި، އެ ޑިވައިސްއަކަށް ފައިލް ފޮނުވުން ފަސޭހަކުރުމެވެ.

އެޕަލް އިން ބުނީ "އަލްޓްރާ ވައިޑްބޭން ޓެކްނޮލޮޖީ" ބޭނުހިފުމަށް ލޮކޭޝަން ބަލާއިރު، ބޭނުންކުރާ މީހާ ހުރި ތަނަކާ ގުޅޭ ޒާތީ އެއްވެސް މައުލޫމާތެއް ރެކޯޑްނުކުރާނެ ކަމަށެވެ. މި ނޫން ގޮތަކަށް ލޮކޭޝަން ބެލި ނަމަވެސް، އެ މައުލޫމާތެއް އެ ޑިވައިސްއެއް ފިޔަވައި އެހެން ތާކަށް ނުދާނެ ކަމަށެވެ.