އޭއައިގެ އެހީގައި އީޖާދުކުރި ބޭހެއް ޓެސްޓްކުރަން ތައްޔާރުވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ބޭހެއް ތަޖުރިބާކާރުންގެ ޓީމަކުން އީޖާދުކޮށް އެ ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.


އިނގިރޭސިވިލާތުގެ ސްޓާޓަޕެއް ކަމަށްވާ އެކްސައިންޝާ އާއި ބޭސް އުފައްދާ ޖަޕާނުގެ ކުންފުނި ސުމިޓޯމޯ ޑެއިނިޕޮން ފާމާ ގުޅިގެން އީޖާދުކުރި މި ބޭހަކީ އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) ހުންނަ މީހުންގެ ފަރުވާ އަށް ބޭނުންކުރެވިދާނެ ބޭހެކެވެ. އެގޮތުން މި ބޭހުގެ ފުރަތަމަ ޓެސްޓް ޖަޕާނުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މީތި ކާމިޔާބު އެއްޗަކަށްވެއްޖެ ނަމަ، ދުނިޔޭގެ އެކި ހިސާބުތަކުގައި ޓެސްޓްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އޭއައިގެ އެހީގައި ތައްޔާރުކުރި ހާއްސަ އަލްގަރިދަމް "މޮލެކިއުލް" ގެ އެހީގައި "ޑޫއެސްޕީ-1181" އުފައްދަން ނެގީ އަހަރެއްހާ ދުވަސް ކަމަށް ވެސް މިކަން ކުރި ޓީމުން ބުންޏެވެ. އާންމުކޮށް ބޭހެއް އީޖާދުކޮށް، އެ ޓެސްޓްކުރުމާ ހަމައަށް ފަސްވަރަކަށް އަހަރުވަރު ނަގަ އެވެ. ނަމަވެސް އޭއައިގެ އެހީގައި 12 މަސް ދުވަހުގެ ތެރޭގައި ބޭހެއް ވުޖޫދަށް ގެނައުމަކީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އެކްސައިންޝާގެ ޗީފް އެކްޒެކެޓިވް އަދި ޕްރޮފެސަރު އެންޑްރޫ ހޮޕްކިންސް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ބޭހެއް އުފެއްދުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުން ސިއްހީ ދާއިރާ އަށް އޭއައި ބޭނުންކުރެވިދާނެ މިންވަރު ދައްކުވައިދޭ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް ބޭނުންވީ ބޭސް ތައްޔާރުކުރަން އެންމެ އެކަށޭނެ މޮލެކިއުލްއެއް ހޯދުން. އެހެންވީމަ ހަގީގަތުގައި ވަރަށް ޓެކްނިކަލް އަދި ޗެލެންޖިން ބޮޑު މަސައްކަތެއް،" ޕްރޮފެސަރު ވިދާޅުވި އެވެ.

އެކްސައިންޝާ އިން މިހާރު އަންނަނީ ކެންސަރާއި ހިތުގެ ބަލިތަކަށް ވެސް ހާއްސަ ބޭހެއް އޭއައި ބޭނުންކޮށްގެން އީޖާދުކުރަން މަސައްކަތްކުރަމުންނެވެ. އަދި މިހާރު މަސައްކަތްދާ ގޮތަށް ބަލާ އިރު އެ ބޭހުގެ ކްލިނިކަލް ޓްރައިލްތަކެއް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

"ހަގީގަތުގައި މި އަހަރު މި ލިބުނު ކާމިޔާބީ އަކީ އޭއައިގެ އެހީގައި މުޅިން އަލަށް އިންސާނީ ތާރީހުގައި ބޭހެއް އުފެއްދުން. އޭގެ މާނަ އަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ކުރިއަށް އޮތް ދިހަ އަހަރު އޭއައި އަދާކުރާ ދައުރު ވަރަށް ބޮޑަށް ފުޅާވެގެންދާނޭ،" ހޮޕްކިންސް ވިދާޅުވި އެވެ.