ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި

ބުލީއާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް ހާއްސަކޮށްގެން، އިންޑިއާގެ އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކު މޮބައިލް އެޕެއް ހަދައިފި އެވެ.


ވަރަށް އަވަހަށް ގޫގުލް ސްޓޯރުން ޑައުންލޯޑް ކުރެވޭ ގޮތަށް ދޫކޮށްލަން ނިންމާފައިިވާ މި އެޕް ހަދާފައި ވަނީ ގްރޭޑް 4 ގައި ކިޔަވަމުން އަންނަ މިއައިދާއީބަހޫން މަޖާވް އެވެ. އޭނާ ބުނީ ބުލީއާ ދެކޮޅު އެޕެއް ހެދުމުގެ ހިޔާލު އައީ އަމިއްލަ ތަޖުރިބާގެ ތެރެއިން ކަމަށެވެ.

އިންޑިއާގެ މެގަލާޔާ ސްޓޭޓްގެ ޝިލޯންގަށް ނިސްބަތްވާ ދަރިވަރު ބުނިގޮތުގައި އޭނާ އަކީ ނާސަރީ ސްކޫލުން ފެށިގެން ވެސް ބުލީއާ ކުރިމަތިލާން ޖެހިފައިވާ ކުއްޖެކެވެ. އަދި އެކަން ވަރަށް ހިތްދަތި ކަމަށް ބުންޏެވެ.

"އެހެންވެ ބޭނުންވީ އަހަރެން ކަހަލަ ބުލީއާ ކުރިމަތިލާން ޖެހޭ ކުދިންނަށް އެހިވާނެ ގޮތެއް ހޯދަން،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް މަޖާވް ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ވެސް އެއްވެސް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވާން."

އޭނާ ބުނީ އެޕް ފަރުމާކޮށްފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އެޕް މެދުވެރިކޮށް، ކުރިމަތިވާ ބުލީގެ މައްސަލަތައް ޓީޗަރުންނާއި ބެލެނިވެރިންނާއި ރައްޓެހިންނާ ވެސް ހިއްސާކުރެވޭ ގޮތަށެވެ. އެގޮތުން ބުލީކުރި ކުއްޖާ އާއި އެކަން ކުރި ތަނަކާއި ކުރިމަތިވި ބުލީގެ ހާދިސާ އެޕް މެދުވެރިކޮށް ކިޔައިދެވޭނެ އެވެ.

"އަހަރެން އުންމީދުކުރަން މީގެ ސަބަބުން ބުލީއާ ދެކޮޅަށް ކަމާ ބެހޭ ފަތާތްތަކުން ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް." މަޖާވް ބުންޏެވެ.

ދަރިވަރުގެ މި މަސައްކަތަށް މެގަލާޔާ ސްޓޭޓްގެ އެޑިއުކޭޝަން މިނިސްޓަރު ލަކްމެން ރީމްބުއީ ވެސް ވަނީ ތައުރީފުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މަޖާވާ ބުލީއާ ދެކޮޅަށް ތައްޔާރުކުރި އެޕަކީ ބޮޑުވެފައިވާ އިޖުތިމާއީ މައްސަލައަކަށް ލިބޭނެ ވަރަށް ރަނގަޅު ހައްލަކަށްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖާވް.

"އަހަރެން ދަރިވަރުގެ މައިންބަފައިންނަަށް ވެސް މަރުހަބާ ކިޔަން މިފަދަ މަސައްކަތެއް ކުރަން ހިތްވަރު ދިން ކަމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މަޖްވާގެ މަންމަ ދަސޫމްމާލިން މަޖާވް ކިޔައިދިން ގޮތުގައި ދަރިފުޅު ބުލީއާ ދެކޮޅަށް މަސައްކަތްކުރާ އެޕެއް ތައްޔާރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ އެޕްތައް ހަދަން ދަސްކޮށްދޭ ކޯހެއްގައި ވެސް ބައިވެރިވުމަށް ފަހު އެވެ. އަދި އެކި ކަހަލަ އެޕްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ދަރިފުޅު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އިންޑިއާގެ ޓީޗާޒް އެސޯސިއޭޝަނާއި ވިޕްރޯ އެޕްލައިން ތޯޓް އިން ސްކޫލްސް (ވަޓިސް) ގުޅިގެން 2017 ގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ ގައުމުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 42 ޕަސަންޓް ދަރިވަރުންނަކީ އެކި ބާވަތުގެ ބުލީއާ ކުރިމަތިލާން ޖެހިފައިވާ ދަރިވަރުންނެވެ.