ކޮވިޑް-19 އާ ހެދި "އައިފޯން 9" ނެރުން ލަސްވެދާނެ

އެޕަލް އިން ނެރެން ނިންމާފައިވާ އަގުހެޔޮ އަދި ސައިޒްގެ ގޮތުން ކުޑަ މެދުފަންތީގެ އައިފޯން ކުރިން ނެރެން އޮތް މުއްދަތުގައި ނުނެރެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެޕަލް އިން ކުރިން އަމާޒު ހިފާފައި އޮތީ އައިފޯން އެސްއީ 2 ނުވަތަ އައިފޯން 9 އަންނަ މަހުގެ ފަހުކޮޅު ނެރޭށެވެ. ނަމަވެސް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ ޕްރޮޑަކްޝަން މަޑުޖައްސައިލަން ޖެހި، މަސައްކަތްތައް ވަނީ ރޭވި ތާވަލުން ކައްސާލާފައި ކަމަށެވެ.

އެހެންވެ އައިފޯން 9 ގެ ޕްރޮޑަކްޝަން މިހާރު ފެށޭނެ ކަމަށް ލަފާކުރެވެނީ މި މަހުގެ ނިމޭ ހިސާބަށްވެފައި، އަންނަ މަހާ ހަމައަށް ސަޕްލަޔަރުންނަށް ފޯނު އުފެއްދުމުގެ މަސައްކަތްކުރަން ޖެހޭނެތީ، ބާޒާރަށް ފޯނު އަންނާނެ އިރެއް މި ވަގުތު ބުނަން ދައްޗެވެ. ސަބަބަކީ ކޮރޯނާވައިރަހުގެ މައްސަލަ އެންމެ ބޮޑީ އެ ފޯނު އުފައްދުމުގެ މަސައްކަތާއި އެންމެ ބޮޑު މާކެޓެއް އޮތް ޗައިނާގައި ކަމަށްވުމެވެ.

އެޕަލް އިން ކުރިން ނިންމާފައި އޮތީ އަހަރުގެ ފުރަހަމަ ހަ މަސް ދުވަހުގެ ތެރޭގައި އައިފޯންގެ 9 ގެ 15 މިލިއަން ފޯނު ބާޒާރަށް ނެރޭށެވެ. މި މޮޑެލްގެ ފޯނު އުފައްދަން ނިންމާފައިވާކަން އެޕަލް އިން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅައިލުމް އެޕަލް އިން ލަފާކޮށްފައިވާ އާމްދަނީ ވެސް މި އަހަރު އެ ކުންފުންޏަށް ނިލިބޭނެ ކަމަށް ނިކީ އޭޝިއަން ރިވިއު އިން ބުންޏެވެ.