ފޭސްބުކަށް އަޑު ދީގެން 5 ޑޮލަރު

ފޭސްބުކްގެ ސްޕީޗް ރިކޮގްނިޝަން ޓެކްނޮލޮޖީ ތަރައްގީކުރަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން 5 ޑޮލަރު ހޯދިދާނެ ފުރުސަތެއް ހުޅުވާލައިފި އެވެ.


މާކް ޒަކަބާގްގެ ފޭސްބުކުން ބުނި ގޮތުގައި އެތަނުން ކުރިއަށް ގެންދާ "ޕްރަނައުންސިއޭޝަންސް އިން އިޓްސް ވިއުޕޮއިންޓްސް މާކެޓް ރިސާޗް އެޕް" ޕްރޮގްރާމްގެ ދަށުން ހުޅުވައިލި ފުރުސަތުގައި ކޮށްދޭން ޖެހޭ ކަމަކީ އެ މީހެއްގެ އަޑު ރެކޯޑްކުރަން އެއްބަސްވުމެވެ.

އެކަމަށް ކޮލިފައިވާ ބަޔަކު ކޮށްދޭން ޖެހޭ ކަމަކީ "ހޭ ޕޯޓަލް" އާ އެކު އެ މީހެއްގެ ފްރެންޑް ލިސްޓްގައި ހިމެނޭ މީހެއްގެ ފުރަތަމަ ނަން ރިކޯޑްކުރުމެވެ. އެގޮތުން ރިކޯޑްކުރަން އެ މީހަކު ބޭނުން 10 ފްރެންޑެއްގެ ނަން ބޭނުންކުރެވިދާނެ ކަމަށް ވެސް ފޭސްބުކުން ބުންޏެވެ. އަދި މިކަމަށް ހޮވޭ ބަޔަކަށް ޕޭޕަލް މެދުވެރިކޮށް އެ މީހެއްގެ އެކައުންޓަށް ފަސް ޑޮލަރު ޖަމާކޮށްދޭނެ ކަމަށް ފޭސްބުކުން ބުންޏެވެ.

ޝަރުތަކީ މިކަމަށް ޝައުގުވެރިވާ މީހުންނަކީ އެމެރިކާގައި ދިރިއުޅޭ 18 އަހަރުން މަތީގެ މީހަކަށްވުމާ އެކު، އެ މީހެއްގެ ފްރެންޑް ލިސްޓްގައި މަދުވެގެން 75 މީހުން ހިމެނުމެވެ.