5ޖީ ނެޓްވޯކުން އިންސާނުންގެ ސިއްހަތަށް ނުރައްކަލެއް ނެތް

އިންޓަނެޓްގެ އިންގިލާބީ 5ޖީ ހިދުމަތް އާންމުވާން ފެށުމާ އެކު ބައެއް ގައުމުތަކުން އެންމެ ކަންބޮޑުވާން ފެށި އެއް ކަމަކީ މި ނެޓްވޯކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުރައްކާވެދާނެތީ އެވެ. އަދި މިކަމާ ގުޅުވައިގެން އެކިއެކި ދިމަދިމާލުން އެކި ކަހަލަ ތިއަރީތައް ވެސް ނެރެފައިވެ އެވެ.


މިކަމާ ގުޅިގެން އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން މި ވަނީ 5ޖީ ނެޓްވޯކަކީ އިންސާނުގެ ސިއްހަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ބުނެފަ އެވެ. މި ދިރާސާ ހެދި އެ ގައުމުގެ މުވާސަލާތީ ހިދުމަތް ރެގިއުލޭޓްކުރާ ކުންފުނި އޮފްކޮމުން ބުނިގޮތުގައި ޖީ5 ނެޓްވޯކްގެ ރޭޑިއޭޝަން ލެވެލް ހުރީ އިންސާނުންގެ ސިއްހަތަށް ނުރައްކާވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ކުޑަކޮށް ކަމަށެވެ.

އެތަނުން ބުނިގޮތުގައި އެ ނެޓްވޯކްގެ ރޭޝިއަން ލެވެލަށް އެކްސްޕޯޝާވާން އެންމެ މަތީ މިންވަރަކީ 0.039 ޕަސަންޓެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ. އިންޓަނެޝަނަލް ކަމިޝަން އޮން ނޮން-އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން (އައިސީއެންއައިއާރްޕީ) އިން ވެސް ރިކަމަންޑްކުރާ މިންވަރަކީ ވެސް އެއީ އެވެ. އެތަނުން ބުނާ ގޮތުގައި ރޭޑިއޭޝަން ލެވެލް 0.039 ޕަސަންޓްގައި ހުރުމަކީ އިންސާނާގެ ޑީއެންއޭ އާއި ސެލްތަކަށް ވެސް ގެއްލުންވާނެ މިންވަރެއް ނޫނެވެ.

އޮފްކޮމްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ 5ޖީ ނެޓްވޯކްތައް ޓެސްޓްކޮށްގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި އެ ނެޓްވޯކްގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ. އަދި ނެޓްވޯކްތައް ހުރީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

5ޖީ އާ އެކު ބައެއް ގައުމުތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި އެ ނެޓްވޯކްގެ ސަބަބުން މޫސުން ލަފާކުރަން ވެސް ދަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. މިކަމާ ބެހޭ އިންޒާރު ދެމުން އެމެރިކާގެ ނެޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފޮރިކް އެޑްމިނިސްޓްރޭޝަން (އެންއޭއޯއޯ) އާއި ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން މިދިޔަ އަހަރު ބުނެފައި ވަނީ 5ޖީ އިން، މޫސުން ލަފާކުރަން ބޭނުން ކުރާ ސެޓްލައިޓްތަކުގެ މަސައްކަތަށް ލޮޅުމެއް އަތުވެދާނެ ކަމަށެވެ.

މިފަދަ ކަންކަމާ ގުޅިގެން މިދިޔަ އަހަރު ބައެއް ގައުމުތަކުގައި 5ޖީއާ ދެކޮޅަށް މުޒާހަރާ ވެސްކޮށްފައިވެ އެވެ.