މައިކްރޮސޮފްޓް 5ޖީ މާކެޓަށް

މައިކްރޮސޮފްޓަކީ މިހާރު ފޯނު އުފައްދާ ކުންފުންޏެއް ނޫނެވެ. އެހެންވެ، ސްމާޓްފޯނުތައް 5ޖީ އަށް ބަދަލުކުރާނެ ފުރުސަތެއް ނެތެވެ. ސާފަސް މަރުކާގެ ލެޕްޓޮޕްތައް އަދި ޓެބްލެޓްތައް، 5ޖީ ނެޓްވޯކަށް ފައްކާކުރި ނަމަވެސް، މައިކްރޮސޮފްޓުން ބޭނުންވާ ދަރަޖަ 5ޖީ މާކެޓުން ލިބޭކަށް ނެތެވެ.


މައިކްރޮސޮފްޓުން "އެފާމްޑް ނެޓްވޯކްސް" ގަނެފި އެވެ. މިއީ ނެޓްވޯކް އޮޕަރޭޓަރުންނަށް ލަފާދޭ ކުންފުންޏެކެވެ. މާލީ ތަނަވަސްކަން ހޯދަނީ ކޮންޓްރެކްޓް މަސައްކަތްތަކުން އަދި ޚަރަދު ކުޑަކުރާނެ ގޮތްފޮތްތަކަށް ލަފާދީގެންނެވެ.

މުޅި ދުނިޔެ 5ޖީ އަށް ބަދަލުވަމުން އަންނައިރު، 5ޖީ މާކެޓްގައި ދެމިއޮތުމަށް މައިކްރޮސޮފްޓުން މި އޮތީ ބޮލުން ކުޅެފަ އެވެ. މިއީ ވަރަށް މޮޅު ރޭވުމެއްގެ ތެރެއިން ހިންގާފައި އޮތް މުއާމަލާތެކެވެ. މިއީ މައިކްރޮސޮފްޓާ ނުލައި 5ޖީ ޚިދުމަތްތައް ފުރިހަމަނުވާނެ ކަމަށް ބުނުން ފަދަ ކަމެކެވެ.

"އެފާމްޑް ނެޓްވޯކްސް" ގަތުމަށް ފަހު، މައިކްރޮސޮފްޓުން ވިސްފާއި އޮތީ، އެ މީހުންގެ "ކްލައުޑް" ޚިދުމަތްތައް، "މައިކްރޮސޮފްޓް އެޒުއާ" އާ ގުޅުވާލުމަށެވެ. އެ ގޮތުގައި، މި އެޒުއާ ބޭނުންހިފާ ކުންފުނިތަކަށް ޚިދުމަތް ދެވެމުން ދާނީ، އެފާމްޑް ނެޓްވޯކްސް އަށް އޮތް އިތުބާރާ އެކު އެވެ.

މައިކްރޮސޮފްޓުން 5ޖީ މާކެޓަށް ވަދެގެން ދާއިރު، އަމިއްލަ ހާޑްވެއާ އަދި ސޮފްޓްވެއާ، ޚާއްސަކޮށް ޚިދުމަތައް ފަސޭހަކޮށްދިނުމަށް މޮބައިލް އެޕްލިކޭޝަން އުފައްދާނެ ކަމަށް ބެލެވެ އެވެ. މޮބައިލް އެޕްލިކޭޝަން ސްޓޯރުތަކުގައި މައިކްރޮސޮފްޓަކީ މިހާރު ވެސް ގަދަ އަޑެކެވެ.

މޮބައިލް އޮޕަރޭޓަރުން 5ޖީ ނެޓްވޯކް އަޅަމުން ދާއިރު، ފަންނީ ލަފާދޭ ކުންފުންޏެއް ގޮތުގައި މައިކްރޮސޮފްޓް ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެ އެވެ. މިއީ 5ޖީ މާކެޓުން މައިކްރޮސޮފްޓަށް ވަރަށް ބޮޑު ތަނަވަސްކަމެއް ހޯދޭ މަސައްކަތެއް ކަމަށް ބުނެވެ އެވެ.