ޔޫކޭ ކެބިނެޓް ބައްދަލުވުންތަކަށް އެޕަލް ވޮޗް ވެއްދުން މަނާ

އިނގިރޭސި ސަރުކާރުން ބަޔަކު ކިޔާހާ އެއްޗަކަށް ނުބަލަ އެވެ. ކެބިނެޓް ބައްދަލުވުންތަކަށް އެޕަލް ވޮޗް ވެއްދުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެއީ ރަޝިއާ ހެކަރުންގެ ކިބައިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފަ އެވެ.


ކެބިނެޓް ބައްދަލުވުންތަކަށް ފޯނު ވެއްދުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ބައްދަލުވުންތަކަށް އެޕަލް ވޮޗް ވެއްދުން މަނާކުރުމުން އެއީ ހެއްވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އިނގިރޭސިވިލާތުގައި ނޫނަސް މުހިންމު ބައްދަލުވުންތަކަށް ފޯނު ވެއްދުމަކީ ބައެއް އެހެން ގައުމުތަކުގައި ވެސް މަނާކަމެކެވެ. އެއީ އަޑާއި މަންޒަރު ދުރަށް ފޮނުވައި ނުވަތަ ރެކޯޑްކޮށްފާތީ އެވެ.

އެޕަލް ވޮޗަކީ ފޯނެއްގެ އެހީގައި ނޫން ގޮތަކަށް އިންޓަނެޓަށް ގުޅޭ އެއްޗެއް ނޫނެވެ. އަތުނުޖެހޭ ހިސާބު ދުރުގައި ނުވަތަ "ބްލޫޓޫތު" ފަދަ މުވާސަލާތީ ގުޅުމަކުން ނުގުޅޭ ފަށުގައި ފޯނު ބާއްވާފައި އޮންނައިރު، އިންޓަނެޓަށް ގުޅައިގެން ކުރެވޭ އެއްވެސް މުއާމަލާތެއް އެޕަލް ވޮޗަކަށް ނުކުރެވެ އެވެ.

އިނގިރޭސި ސަރުކާރުން އެއިން އެއްވެސް ކަމަކަށް ވިސްނާކަށް ބޭނުމެއް ނުވެ އެވެ. އެ މީހުން ދެކޭ ގޮތުގައި ހެކަރުން ކުރިން އެޕަލް ވޮޗަށް އަޅާފައި އިންނަ ޕްރޮގްރާމަކުން ވެސް ޖާސޫސްކޮށްފާނެ އެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ ބައްދަލުވުންތަކަށް އެޕަލް ވޮޗް ނުވެއްދުމެވެ.

އެމެރިކާ އާއި ރަޝިއާ މިހާރު ކުނިޖެހިގެން އުޅޭއިރު، މަޝްރަހު ފެންނަނީ ވަރަށް ބަނަކޮށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވާއިރު، ވޯޓުލުމާ ބެހޭ ނިޒާމުގެ ތެރެއަށް ރަޝިއާ ހެކަރުން ވަނުމުގެ ބިރު ވަރަށް ބޮޑު ކަމަށް ބުނެވެ އެވެ.

އެމެރިކާ ތުހުމަތުކުރާ ގޮތުގައި ރަޝިއާ ހެކަރުން މިހާރު ވެސް އެމެރިކާ ނެޓްވޯކްތަކަށް ވަދެ އެވެ. ރަޝިއާއިން އެ ތުހުމަތު ދޮގުކުރެ އެވެ. އެހެން ނަމަވެސް ދެ ގައުމުގެ ގުޅުމުގައި މިހާރު މަސްލަހަތެއް ނެތެވެ. އެހެންކަމުން އެއީ ހެކްކުރުން ކަމަށް ވި ނަމަވެސް، އެއް ގައުމުން އަނެއް ގައުމަށް ޖެއްސުންކުރާނެ ކަމަށް ބެލެވެ އެވެ.