5ޖީ އައިފޯނުތައް ތާރީޚަށް ނެރެވޭނެ: ފޮކްސްކޮން

އައިފޯނުތައް މި އަހަރު ބާޒާރަށް ނެރެން ތާވަލުކުރި ގޮތަށް މަސައްކަތްތައް ނިންމޭނެ ކަމަށް ފޮކްސްކޮން އިން ބުނެފި އެވެ. އައިފޯނުތައް އުފެއްދުމުގައި އެޕަލް އެންމެ ބޮޑަށް އިތުބާރުކުރަނީ ޗައިނާގެ ފޮކްސްކޮން އަށެވެ.


ޗައިނާގައި ކޮރޯނާވައިރަސް ފެތުރިގެން ދިޔަ ބާރުމިނުގައި، ފެކްޓަރީތައް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ. އެހެންވެ، އިންވެސްޓަރުންނަށް ހީވެފައި އޮތީ، 5ޖީ އައިފޯނުތައް މި އަހަރު ނެރެން ކަނޑައެޅި ތާރީޚަށް ނުނިންމޭނެ ކަމަށެވެ.

އާންމު ހާލަތުގައި އެޕަލް އިން ކޮންމެ އަހަރަކު ވެސް އައިފޯނުތައް މާކެޓަށް ނެރެ އެވެ. ޖޫން މަހުން ފެށިގެން އޮގަސްޓާ ހަމަ އަށް އައިފޯނުތައް ފައްކާކޮށް ފުރިހަމަކުރެވެ އެވެ. އަދި ސެޕްޓެމްބަރުގައި ރަސްމީކޮށް އާންމު ވިޔަފާރި އަށް ނެރެ އެވެ.

އައިފޯނުތައް ނިމިދާނެ ކަމާ މެދު މީހުން އުފައްދަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުން ފޮކްސްކޮން އިން ބުނީ، ގެއްލިގެން ދިޔަ ދުވަސްތަކުގައި ކުރަން ރޭވި މަސައްކަތްތައް ފުރިހަމަކުރުމަށް މިހާރު ކުންފުނީގެ ދުވެލި ބާރުކޮށްފައިވާ ކަމަށެވެ. އައިފޯނުތައް ތާރީޚަށް ނިންމުމަށްޓަކައި، އިތުރު ކޮންޓްރެކްޓަރުން ހޯދާފައި ވާ ކަމަށް ވެސް ފޮކްސްކޮން އިން ބުންޏެވެ.