މޫސުން ބަލާ "ޑާކް ސްކައި" އެޕަލް އިން ގަނެފި

"ޑާކް ސްކައި" އަކީ މޫސުން ބަލައިދޭ އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑް އަދި އައިފޯނުގައި ވެސް ބޭނުންކުރެވެ އެވެ. މިއީ މޫސުން ބަލައިދޭ އެޕްލިކޭޝަންތަކުގެ ތެރެއިން ވެސް ނަންހިނގާ އެޕްލިކޭޝަނެކެވެ.


އެޕަލް އިން "ޑާކް ސްކައި" ގަތީ އެވެ. ހިތާމަވެރި ވާހަކަ އެކެވެ. އެޕަލް އިން އެޕްލިކޭޝަނެއް ގަނެފި ނަމަ، އެޕަލް ޑިވައިސްތަކުގައި ނޫނީ ބޭނުންކުރެވޭ ގޮތެއް ނޯވެ އެވެ.

ޑާކް ސްކައި އަކީ ކަށަވަރުކަމާ އެކު މޫސުން ބަލައިދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދަށް ބަލައިލުމުން ވެސް، އެޕްލިކޭޝަންގެ ހަރުދަނާކަން އެނގެ އެވެ. އެންޑްރޮއިޑް އެޕް ބޭނުންކުރާ އަދަދު މިލިއަން ފަހަނައަޅަ އެވެ.

އެޕަލް އިން ޑާކް ސްކައި ގަތުމުން، އެންޑްރޮއިޑް މާކެޓުން ވަނީ ގެއްލިފަ އެވެ. އެންޑްރޮއިޑް ފޯނެއްގައި މި އެޕްލިކޭޝަން ބޭނުންކުރާ ނަމަ، ބޭނުންކުރެވޭނީ ޖުލައި 2020 ލައިގަންނަންދެންނެވެ. އެ އަށް ފަހު، އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ޖެހޭނީ ބަދަލުގެ ބޭނުންކުރަން ކަމުދާ އެޕްލިކޭޝަނެއް ހޯދާށެވެ.

އެޕަލް އިން ޑާކް ސްކައިގެ "އޭޕީއައި – އެޕްލިކޭޝަން ޕްރޮގްރާމިން އިންޓާފޭސް" ވެސް ހުއްޓާލާނެ އެވެ. އެހެންކަމުން، މި "އޭޕީއައި" ބޭނުންކުރާ "ކެރޮޓް" ފަދަ އެޕްކޭޝަންތަކަށް ވެސް ޖެހޭނީ ކޮންމެވެސް އެހެން ދިމާއަކުން މައުލޫމާތު ހޯދާށެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ވެސް ކެރޮޓް ބޭނުންކުރެ އެވެ.

"ޑާކް ސްކައި"އާ މެދު އެޕަލުން ވިސްނާ ގޮތަކީ މި އެވެ. އެޕަލް ޑިވައިސްތަކުގައި މި އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް، 2021ގެ ނިޔަލަށް ބޭނުންކުރެވޭނެ އެވެ. އެ އަށް ފަހު އެޕަލް އެޕް ސްޓޯރުން ވެސް ޑާކް ސްކައި ގެއްލުވައިލެވޭނެ އެވެ.

އެޕަލް އިން ޑާކް ސްކައި ގަތުމުގެ ބޭނުމަކީ، އައިއޯއެސްގެ ރަސްމީ "ވެދާ އެޕް" ހަރުދަނާކުރުމެވެ. ޑާކް ސްކައިން އެއްކުރާ މައުލޫމާތު ދެން ވާނީ އެޕަލްގެ މުދަލަށެވެ. ކުރި އަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތައް ފުރިހަކުރުމަށް ފަހު، ޑާކް ސްކައި މުޅި ޖައްވުން ގެއްލިގެން ދާނެ އެވެ.