އެޕަލް އާއި ގޫގުލް ކޮންޓެކްޓް-ޓްރޭސިން ފަސޭހަކޮށްދެނީ

މުޅި ދުނިޔެ ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު މިކަމުގައި އެހީވުމަށް އެޕަލް އާއި ގޫގުލް ކުންފުނި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އެޕެއް އުފެއްދުގެ މަސައްކަތް ފަށައިފި އެވެ.


ކޮވިޑް-19 ޖެހޭ މީހުންނާ ކޮންޓެކްޓްވާ މީހުން ފަސޭހަ އިން ހޯދޭނެ އެލާޓިން ސިސްޓަމް އެޕެއް ހަދާއިރު، މިއީ ބަލި ކޮންޓްރޯލްކުރުމަށް މިހާރު ކުރާ އެންމެ މުހިންމު އެއް މަސައްކަތެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި އަރާހުރި މި ދެ ކުންފުނި ގުޅިގެން ކުރާ މި މަަސައްކަތް ވެގެންދާނީ ކޮރޯނާ ވައިރަހާ އެކު ކުރިއަށް ގެންދާ ކޮންޓެކްޓް-ޓްރޭސިން އަށް ވަރަށް ބޮޑު އެހީއަކަށެވެ.

އެޕަލް އާއި ގޫގުލް އިން ބުނިގޮތުގައި އެ މީހުން ތަރައްގީކުރާ އެޕް މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ ސްމާޓްފޯންތަކުގެ ބްލޫޓޫތުގެ އެހީގަ އެވެ. އަދި މީގައި އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) އާއި އޮޕަރޭޓިން ސިސްޓަމް-ލެވެލް ޓެކްނޮލޮޖީ ވެސް ބޭނުންކުރާނެ އެވެ.

ދެ ކުންފުނިން ދޭ ޔަގީން ކަމަކީ މީގެ ސަބަބުން ޕްރައިވެސީ ނުގެއްލޭނެ ކަމާއި އެޕް ޖީޕީއެސް ލޮކޭޝަން ޑޭޓާ އާއި ޑިވައިސްތައް ގެންގުޅޭ މީހުންގެ ޒާތީ އެއްވެސް މައުލޫމާތެއް ރިކޯޑްނުކުރާނެ ކަމެވެ. މިއިން ކުރާނެ މައިގަނޑު މަސައްކަތަކީ ބަލި ޖެހުނު މީހަކާ އެއްވެސް އިރެއްގައި އެއްވެސް ތާކުން ދިމާވެފައިވާ ނަމަ އެކަން ސަމާލުކަމަށް ގެނެސް، ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މަގުފަހިކޮށް ދިނުމެވެ.

"މި ސިިސްޓަމް މަސައްކަތްކުރާނީ ޕްރައިވެސީ އަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމުގެ ޔަގީންކަން ދެން." އެޕަލް އާއި ގޫގުލް ގުޅިގެން ނެރުނު ބަޔާނުގައި ބުންޏެވެ. "އަދި މި މަސައްކަތް ކުރިއަށް މި ގެންދަނީ ކަމާ ގުޅުން ހުރި ސްޓޭކްހޯލްޑަރުންގެ މަޝްވަރާތަކާއި ލަފާތަކުގެ ދަށުން."

ކޮވިޑް-19އާ ދިމާކޮށް ގައުމުތަކަށް އެންމެ ބޮޑަށް ދިމާވެފައިވާ ގޮންޖެހުމަކީ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ދެނެގަތުމެވެ. އަދި މީގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑް ނުވަތަ މުޖުތައުމައުތަކަށް ކޮންޓްރޯލެއް ނެތް ގޮތަށް ބަލި ފެތުރުމަކީ ގައުމުތަކުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެވެ. ގައުތަކުން އެންމެ ބޮޑަށް ފިޔަވަޅުތައް އަޅަނީ ވެސް މިކަމާ ގުޅުވައިގެންނެވެ. އެގޮތުން ކަރަންޓީނު ކުރުމާއި ލޮކްޑައުނާއި ކާފިއު ފަދަ ފިޔަވަޅު އަޅަމުން އަންނަނީ ބަލި ފެތުރުނަ ނުދިނުމަށްޓަކަ އެވެ.