ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް ދާން ތައްޔާރުވެއްޖެ

ސީދާ އެމެރިކާގެ އުޅަނދުތަކެއްގައި އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރުނުކުރާތާ 10 ވަރަކަށް އަހަރު ފަހުން އެފަދަ ދަތުރަކަށް އެމެރިކާ އިން ތައްޔާރުވެފައިވާކަން އެ ގައުމުގެ ޖައްވީ އިދާރާ ނާސާ އިން އިއުލާންކޮށްފި އެވެ.


އެތަނުން ބުނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ ކްރޫ ޑްރަގަން ސްޕޭސް ކްރާފްޓާއި ފާލްކޮން ނައިން ރޮކެޓްގައި އެމެރިކާގެ ދެ އެސްޓްރޮނޯޓަކު އައިއެސްއެސް އަށް ދަތުރު ފަށާނީ އަންނަ މަހުގެ 27 ގައި ކަމަށެވެ.

ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން އުދުއްސައިލާ އުޅަނދުތަކުގައި އައިއެސްއެސް ދާނީ ބޮބް ބެންކެން އާއި ޑާގް ހާލީ އެވެ. ނާސާ އިން ބުނިގޮތުގައި އެ މީހުން ފަށާ ދަތުރާ އެކު އައިއެސްއެސް އަށް ފޯރަން ނަގާނީ 24 ގަޑިއިރެވެ.

އެތަނުގައި މި ވަގުތު ވެސް ތިން އެސްޓްރޮނޯޓަކު އެބަތިއްބެވެ. އެއީ އެމެރިކާ މީހަކާއި ރަޝިއާ ދެ މީހެކެވެ.

އީލޮންގެ އެހީއާ އެކު ނާސާ އިން އަލަށް ފަށައިގަންނަ މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ މި ޕްރޮޖެކްޓްވެގެން ދާނީ ޕްރައިވެޓް ކުންފުންޏަކާ ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ކާމިޔާބު މަސައްކަތަށެވެ. އެހެންވެ މިއީ ތާރީހުގެ ތެރެއިން އީލޮން އާއި ސްޕޭސް އެކްސް އަށް ވެސް ހާއްސަ މަގާމެއް ލިބޭނެ ކަމަކަށްވާނެ އެވެ.

އެމެރިކާގެ ސްޕޭސް ޝަޓްލް 2011 ގައި ބޭނުންކުރުން ހުއްޓައިލި ފަހުން ނާސާ އިން، އެސްޓްރޮނޯޓުން އައިއެސްއެސް އަށް ފޮނުވަމުން ގެންދިޔައީ ރަޝިއާގެ އުޅަނދުތަކުގަ އެވެ.