އަބަދު ހެޑްފޯން އަޅައިގެން ނޫޅޭތި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ގިނަ ވަގުތު ހެޑްފޯނު ޖަހައިގެން އުޅޭތީ ދުނިޔޭގެ އާބާދީގެ 1.1 ބިލިއަން މީހުންގެ ކަންފަތަށް އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑެވެ.


ދިރިއުޅުމަށް އައި ސްމާޓް ބަދަލުތަކާ އެކު ވަރަށް ބަޔަކު މީހަކު އާންމުކޮށް ހެޑްފޯން ބޭނުންކުރެ އެވެެ. މޮބައިލް ފޯނާއި ޓެބްލެޓާއި އަދި ލެޕްޓޮފް ވަސީލަތްތައް ބޭނުންކުރާ އިރު، ހެޑްފޯނަކީ މިހާރު ވަރަށް މުހިއްމު އެއްޗެކެވެ. އެކަމަކު އަބަދު ހެޑް ފޯނު ޖަހައިގެން އުޅެންވެއްޖެ ނަމަ ދިމާވެދާނެ ސިއްހީ މައްސަލަތަކާ ދޭތެރޭ ފުންކޮށް ވިސްނައިލުން ރަނގަޅެވެ. ވަރަށް ގިނަ މީހުންނަކީ ކަސްރަތު ކުރާ އިރާއި އަދި އެ ނޫން ވެސް އެކި ކަންކަމުގައި ޝާމިލުވެގެން ގިނަ ވަގުތު އުޅޭ އިރު ކަންފަތަށް ހެޑްފޯނު ޖަހައިގެން އުޅޭ މީހުންނެވެ.

ހެޑްފޯން ބޭނުންކުރުން އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ އެވެ؟ މިކަމާ ބެހޭ ގޮތުން ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލްގެ އީއެންޓީ ކޮންސަލްޓަންޓް ޑރ. ސަންތޯޝް އެސް ވިދާޅުވި ގޮތުގައި ހެޑްފޯނު ބޭނުންކުރުމުގައި އެންމެ ރައްކާތެރި އެއްގޮތަކީ މާ އަޑުގަދަކޮށް ބޭނުންނުކުރުމެވެ. އަދި އެއްފަހަރާ ދެ ކަންފަތުގައި ހެޑްފޯނު ބޭނުންކުރުމުގެ ބަދަލުގައި ފަހަރަކު ކަންފަތެއް ބޭނުންކުރުން ބުއްދިވެރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެންމެ ގިނަވެގެން ވެސް 30 މިނިޓަށް ވުރެ ގިނަ އިރު ހެޑްފޯނު ޖަހައިގެން ނީނުމެވެ. އަދި ހެޑްފޯނު ބޭނުންކުރާ އިރު ކޮންމެ ބައިގަޑިއަރަކުން އަނެއް ކަންފަތަށް ބަދަލުކޮށްލުމަކީ މުހިއްމު ކަމެކެވެ. އޭނާ ވިދާޅުވީ ހެޑްފޯނު ބޭނުންކުރާ އިރު ދޭތެރެ ދޭތެރެ އިން އެ ނައްޓާލައި ކަންފަތަށް ބްރޭކް ދޭން ޖެހޭނެ އެވެ. އެހެން ނޫން ކަމަށްވާ ވަނަ އެކި ކަހަލަ މައްސަލަތައް ދިމާވާނެ އެވެ.

ހެޑްފޯން.

އޭގެ ތެރޭގައި ކަންފަތް ބައްވުމާއި އަބަދު ކަންފަތުގައި ގުގުމާހެން ހީވުމާ އެކު ބޮލުގައި ރިއްސުމާއި ކަންފަތުގައި އިންފެކްޝަން އުފެދި ވާޓިގޯއާ ކުރިމަތިލާން ޖެހުން ހިމެނެ އެވެ. އެހެންވެ އެންމެ މުހިއްމު ކަމަކީ ބައިގަޑިއިރަށް ވުރެ ގިނަ ވަގުތު ހެޑްފޯން ޖަހައިގެން ނީނުމެވެ. މިކަން އާދައަކަށް ހަދައިފި ނަމަ ކަންފަތަށް ދާއިމީ ބޮޑު ގެއްލުމެއް ލިބި، އިވުމުގެ ހިއްސު ވެސް ހަލާކުވެދާނެ އެވެ.

ސަންތޯޝް ވިދާޅުވި ގޮތުގައި ހެޑްފޯން ބޭނުންކުރުމުގައި ސަމާލުކަން ނުދޭ ނަމަ، ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ކަންފަތަށް ދިގު މުއްދަތަކަށް ބޭސްކުރަން ޖެހި، ފަރުމާކުޑަކޮށްލެވޭ ކަމަކުން އުމުރު ދުވަހުގެ ނުކުޅެެދުންތެރިކަމަކާ ކުރިމަތިލާން ޖެހިދާނެ އެވެ.