ޓެސްލާ ވެހިކަލްތައް ޓްރެފިކް ލައިޓަށް ހުއްޓާނެ: އީލަން މަސްކް

އީލޮން މަސްކް ވިދާޅުވި ގޮތުގައި ޓެސްލާ ވެހިކަލްތައް އަމިއްލަ އަށް ޓްރެފިކް ލައިޓަށް ހުއްޓާ ދުވަސް އެބަ ގާތް ވެ އެވެ. ޓެސްލާ ވެހިކަލްތަކަށް އެ ވަރު ދެނެގަންނަން މިހާރު އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.


އީލޮން މަސްކް އެހެން ވިދާޅުވި ނަމަވެސް، އާންމު ދުއްވުތަކަށް މި ފަދަ ކާރުތަކެއް އަދި ނުނެރެ އެވެ. އެހެން ނަމަވެސް، ޓްރެފިކް ލައިޓްތައް އަދި ޓްރެފިކް ފުލުހުން ބޭނުންކުރާ ނިޝާންތައް ދެނެގަންނަން އެނގޭ ފެންވަރަށް ޓެސްލާ ވެހިކަލްތައް ދަނީ އުފައްދަމުންނެވެ. މިއީ އަދި ފެކްޓަރީގައި ޓެސްޓްކުރެވޭ ޓެކްނޮލޮޖީ އެކެވެ.

މަގުތަކުގައި ކާރުތައް މިހާރު ވެސް އަމިއްލަ އަށް ދުވެ އެވެ. މަގުތަކުގައި ކާރުބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ޑްރައިވަރެއް ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް، މިއީ އާންމުންނަށް މުޅިން ދޫކޮށްލެވޭ ފެންވަރުގެ ޓެކްނޮލޮޖީއެއް ނޫނެވެ.

ޓެސްލާގެ މަގުސަދަކީ އެއްގޮތަކަށް ވެސް ޑްރައިވަރަކަށް ބޭނުންނުޖެހުމެވެ. ތަންދޮރު ބަލައި އަމިއްލ އަށް ދުއްވައި، ޓްރެފިކް ލައިޓަށް ހުއްޓުމެވެ. ޓްރެފިކް ފުލުހުން ދޭ އިރުޝާދުތައް ބަލައިގަނެ އަމިއްލަ އަށް ދުވެލި ކޮންޓްރޯލްކުރާ ފެންވަރަށް ކާރުތައް އުފެއްދުމެވެ. ޓެސްލާ އަކީ އެ މީހުންގެ ކަރަންޓް ކާރުތަކުގައި ވަރަށް އުންމީދީ ޓެކްނޮލޮޖީ ގާއިމުކުރާ ކުންފުންޏެކެވެ.