ޗައިނާގެ މޮބައިލް ޗިޕް މާކެޓުގައި ވާވޭގެ ހައިސިލިކަން ބާރުގަދަކުރަނީ

މޮބައިލް ޑިވައިސްތައް އުފައްދަން ބޭނުންވާ ޗިޕްތައް ކިތަންމެ ކުންފުންޏަކުން އުފައްދަ އެވެ. ނަމަވެސް، ލިސްޓް ތަރުތީބުކޮށްލާއިރު ކުރީގައި އުޅެނީ ކުއަލްކޮމް، ސެމްސަންގް އަދި ހައިސިލިކަން އެވެ. ކުއަލްކޮމް އަކީ އެމެރިކާ ކުންފުންޏެކެވެ. ސެމްސަންގް ނިސްބަތް ވަނީ ސައުތު ކޮރެއާ އަށެވެ. ހައިސިލިކަން ހުންނަނީ ޗައިނާގަ އެވެ. އެއީ ވާވޭގެ އަމިއްލަ ކުންފުންޏެކެވެ.


ޗައިނާގައި ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން ކުއަލްކޮމްގެ ޗިޕްތައް ބޭނުންކުރެ އެވެ. ސެމްސަންގުން ވެސް ޗިޕްތައް އުފައްދައިދެ އެވެ. ވާވޭ ވެސް މި ވާދަވެރިކަމުގައި ވެ އެވެ.

އެމެރިކާ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން މަނާކޮށްފައި އޮތް އޮތުން ވާވޭ އަށް ނަސީބަކަށް މި އޮތީ ވެފަ އެވެ. އަދި ކޮރޯނާވައިރަހާ ހެދި ގައުމުތައް ބަންދުވެފައި އޮތުމުން ވެސް ވާވޭ ވަނީ ފައިދާ ހޯދާފަ އެވެ. ޗައިނާ މާކެޓަށް މޮބައިލް ޗިޕްތައް އެންމެ ގިނައިން ފޯރުކޮށްދިނީ ކުއަލްކޮމް އިން ކަމަށް ވިޔަސް، ކުއަލްކޮމްގެ މައްޗަށް ހައިސިލިކަން ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ވާވޭ ފޯނުތަކުގައި މީގެ ކުރިން ވެސް ހައިސިލިކަން ޗިޕްތައް ބޭނުންކުރި އެވެ. އެހެން ނަމަވެސް، އަމިއްލަ ފައި މައްޗަށް ތެދުވަން ޖެހުމުން ވާވޭ މި ވަނީ ބުރަ މަސައްކަތުން ކާމިޔާބު ހޯދާފަ އެވެ.

މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ތަކުލީފެއް ނެތް ހާލަތެއްގައި ނޫނީ، އެހެން ކުންފުންޏަކުން ޗިޕް ހޯދުން ދެމެހެއްޓެނިވި ކަމަކަށް ވާވޭ ނުހަދާނެ އެެވެ. އޭގެ ބަދަލުގައި ހައިސިލިކަން ވަރުގަދަކޮށް ފުއްދުންތެރިވުމަށް އިންވެސްޓްކުރަން ވަނީ ނިންމާފަ އެވެ.