ނާސާ އިން އުފެއްދި ވެންޓިލޭރަށް ހުއްދަ ދީފި

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ދާދި ފަހުން އުފެއްދި ވެންޓިލޭޓަރު "ވައިޓަލް" އަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.


ގާތްގަނޑަކަށް 37 ދުވަހުގެ ތެރޭގައި ތައްޔާކުރި ވެންޓިލޭޓާ އިންޓަވެންޝަން ޓެކްނޮލޮޖީ އެކްސިސަބަލް ލޯކަލީ (ވައިޓަލް) އަކީ ބަލި މީހުންނަށް ހައި-ޕްރެޝަރުގައި އޮކްސިޖަން ފޯރުކޮށްދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. ނާސާ އިން ބުނި ގޮތުގައި އެ މީހުންގެ އުފެއްދުމަކީ އާންމުކޮށް ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ވެންޓިލޭޓަރުތަކަށް ވުރެ ރަނގަޅަށް އަދި ފަސޭހަކޮށް މަސައްކަތްކުރާނެ އުފެއްދުމެވެ. އަދި މި ވެންޓިލޭޓަރަށް ހުއްދަ ލިބި ވީހާ ވެސް އަވަހަކަށް ބޭނުންކުރަން ފަށައިފި ނަމަ ކޮވިޑް-19 އިން އެތައް ބަޔަކު ސަލާމަތްވާނެ ކަމަށް ބުންޏެވެ.

އެމެރިކާ އަކީ މި ވަގުތު ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑު ގައުމެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 1.18 މިލިއަނަށް އަރާއިރު، މަރުވި މީހުންގެ އަދަދު 68،270 އަށް ވުރެ ގިނަ އެވެ. ބަލިން މިހާތަނަށް 150،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވެ އެވެ.

"ވައިޓަލް" އާ ބެހޭ ގޮތުން އެފްޑީއޭގެ ކޮމިޝަނަރު ޑރ. ސްޓެފެން ހާން ވިދާޅުވީ ނާސާގެ ވެންޓިލޭޓަރަކީ އެތަނުގެ ތަޖުރިބާކާރުންގެ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށާއި މިފަދަ ވަގުތެއްގައި ނާސާގެ މި އުފެއްދުން ވެގެންދާނީ ކޮވިޑް-19އާ ދެކޮޅަށް އެމެރިކާ އިން ކުރާ ހަނގުރާމަ އަށް ވަަރަށް މުހިއްމު ވަސީލަތަކަށް ކަމަށެވެ.

"މިކަމުން ދައްކުވައި ދެނީ އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެކަން،" އޭނާ ވިދާޅުވި އެވެެ. "ވައިޓަލް ވުޖޫދަށް ގެނައިކަމަށްޓަކައި ނާސާ އަށް ފަށްފަށުން ޝުކުރު އަދާކުރަން."

"ވައިޓަލް" އަކީ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯރެޓަރީ (ޖޭޕީއެލް) ގެ އިންޖިނިއަރުންގެ ޓީމްގެ އުފެއްދުމެކެވެ. އެ އުފެއްދުމަށް ހުއްދަ ލިބުމާ އެކު އިތުރު ވެންޓިލޭޓަރުތައް އުފައްދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އަދި މި ވަގުތު ޖޭޕީއެލް މެނޭޖްކުރާ ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން އަންނަނީ އައުޓްސޯސްކޮށްގެން "ވައިޓަލް" އުފެއްދުގެ ހުއްދަ ކުންފުނިތަކަށް ދޭން ވެސް ތައްޔާރުވަމުންނެވެ.