އެމެޒޯންގެ ވަގުތީ މުވައްޒަފުންނަށް ދާއިމީވުމުގެ ފުރުސަތު ދެނީ

ކޮރޯނާވައިރަހާ ހެދި އެމެޒޯންގެ އޮންލައިން ވިޔަފާރި އަށް އައި ބޮޑު ޑިމާންޑާ އެކު، އެމެރިކާ އިން ވަގުތީ ގޮތުން ނެގި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެ މީހުންގެ ވަޒީފާ ދާއިމީކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ


މިކަމާ ބެހޭ އޮތުން ކުންފުނީގެ ތަރުޖަމާނު ބުރާސްފަތި ވިދާޅުވީ ވަގުތީ ގޮތުން އެމެޒޯންގެ ވެއާހައުސްތަކަށް ވަގުތީ ގޮތުން ނެގި 125،000 މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން ބޭނުން ނަމަ ވަޒީފާގެ މުއްދަތު އިތުރުކޮށް، ދާއިމީކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އިތުރު 50،000 ވަގުތީ މުވައްޒަފަށް ވަނީ ކޮންމެ 11 މަހަކަށް "ސީޒަނަލް ކޮންޓްރެކްޓް" ހެދުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

އެމެޒޯން އިން ބުނި ގޮތުގައި މިގޮތަށް ދެވޭ ފުރުސަތަކާ އެކު، ވަގުތީ ގޮތުން ވަޒީފާތަކަށް ނެގި 70 ޕަސެންޓް މީހަކަށް ދިގު މުއްދަތަކަށް ކުންފުނީގައި މަސައްކަތްކުރެވޭނެ އެވެ. އެމެޒޯނުން ވަގުތީ މުވައްޒަފުން ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހިގެ ތެރޭގަ އެވެ. އެގޮތުން އެކި ފަހަރުމަތިން ވަޒީފާތަކަށް ހުޅުވައިލި އެވެ.

އެމެޒޯން އަކީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު އެންމެ ބާރު ބޮޑުވި ވިޔަފާރި އެވެ. މިއާ އެކު ކުންފުނިން ވަނީ އާންމުކޮށް ވިޔަފާރި ކުރަމުން ދިޔަ އުސޫލު ބަދަލުކޮށް، މި ހާލަތުގައި ދިރިއުޅުމަށް ބޭނުންވާނެ އެންމެ ޒަރޫރީ މުދާތައް ވިއްކަން އިސްކަން ދީފަ އެވެ. އޭގެ ބޭނުމަކީ ޑެލިވަރީގެ ހިދުމަތް ވީހާ ވެސް ބޮޑަށް އަވަސްކުރުމެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅަމުންދާތީ އެމެޒޯމުން ވަނީ ކުރިން ވިޔަފާރި ކުރި އުސޫލަށް ރުޖޫއަވާން ފަށައިފަ އެވެ.

މި ދަނޑިވަޅުގައި ބޮޑުތަނުން އުފުލު ޑިމާންޑާ އެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމެޒޯނަށް ވަނީ 75.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ދުނިޔޭގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި އެމެޒޯންގެ ވިޔަފާރި މިހާ ބޮޑަށް އުފުލި އާމްދަނީ އިތުރުވަމުންދާ ނަމަ، އެ ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް 2022 ގައި ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށްވާނެ އެވެ. އޭނާ އަކީ މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނެވެ.

ޖެފް، 56، ގެ މިލްކިއްޔާތު މިހާރު 151.6 ބިލިއަން ޑޮލަރަށް އަރަ އެވެ.