5ޖީ ވިޔަފާރިން ޗައިނާ ބާކީކޮށްލަން 10 ގައުމެއްގެ އިއްތިހާދުވަނީ

ޗައިނާގެ ކުންފުންޏަކުން ހިންދެމިލައި ނޭވާއެއް ލުމަކީ ވެސް އެމެރިކާ އަށް ބޮޑު ހިތްދަތިކަމަކަށް މި އޮތީ ވެފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފިތި ޗިސްވަމުން ދަނީ ވާވޭ އެވެ.


ނެޓްވޯކިން ދާއިރާގައި ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަށް ވުރެ ބާރުގަދަ ކުންފުންޏެއް ނެތެވެ. ދުނިޔެ 5ޖީއާ އަރާ ހަމަކޮށްފައި ވާއިރު، ވާވޭ އުޅެނީ 5ޖީ ޓެކްނޮލޮޖީގައި، އެހެން ކުންފުނިތަކަށް ވުރެ ދޮޅު އަހަރު ކުރީގަ އެވެ. ވާވޭ މިހާރު އޮތް ހިސާބަށް އައުމަށް ވާދަވެރިން ނަގާނެ މުއްދަތެއް ވެސް ނޭނގެ އެވެ.

ގައުމުތަކުގައި 5ޖީ ނެޓްވޯކް އެޅުން ބިރު ބޮޑު ކަމަކަށް ވެއްޖެ އެވެ. ޕޮލިޓިކްސްއާ ހެދި އެވެ. އަނެއް ސަބަބަކީ މަސައްކަތްތަކުގެ ކުރީގައި ވާވޭ އޮތުމެވެ. ވާވޭ އަކީ ޗައިނާ ކުންފުންޏަކަށް ވުމެވެ.

އެމެރިކާގައި 5ޖީ ނެޓްވޯކް އެޅުމުގައި ވާވޭ އަށް ޒައްރެއްގެ މިންވަރު ވެސް ނެތެވެ. ރައީސް ޓްރަމްޕް ހުންނެވީ ފޫގަޅުއްވާފަ އެވެ. އަދި މި ވަރުން ވެސް ޓްރަމް ހިތްހަމަޖެހިވަޑައި ނުގަންނަވަ އެވެ. އެމެރިކާ ދައްކާ ފިޔަވަޅު ނޫން ތަނެއްގައި ފިޔަވަޅު އަޅަން ދަތި ގައުމުތަކަށް ވެސް ގޮވާލައްވަނީ، ވާވޭއާ ދުރުހެލިވުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ، ވާވޭ އަކީ ގައުމީ މަސްހަލަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ވާވޭ އަކީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އަށް ޖާސޫސްކޮށްދޭ ކުންފުންޏެއް ކަމަށެވެ. އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް އަދި ނެތެވެ.

އެމެރިކާ ބުނާ ގޮތުން ވާވޭ ޖާސޫސްކުރަނީ އެ ކުންފުނިން އުފައްދާ ނެޓްވޯކް އާލާތްތައް މެދުވެރިކޮށެވެ. އެ ބުނާ އާލާތްތަކުގެ ތެރޭގައި އިންޑަސްޓްރިއަލް އަދި ޑޮމެސްޓިކް ނެޓްވޯކިން ސްވިޗް، އޮޕްޓިކް/ ޔޫޓީޕީ ރައުޓާތައް އަދި ކޮމިއުނިކޭޝަން އެންޓަނާތައް ފަދަ ވާވޭ މަރުކާ ހިއްސާކުރާ ހާޑްވެއާ ހިމެނެ އެވެ.

އެމެރިކާގެ މި ގޮވާލުމަށް އިނގިރޭސިވިލާތުން ކުރިން ދެކޮޅު ހެދި އެވެ. އަދި އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް އެޅުމުގައި ވާވޭ އަށް ބައިވެރިވެވޭނެ ކަމަށް ވެސް ބުންޏެވެ. އެއީ އެކަމަކު ނެޓްވޯކްގެ ބޭރު ފަށަލަ ގާއިމުކުރުމުގަ އެވެ. އެ މަސައްކަތްތަކުން ވެސް ވާވޭ އަށް ދޭނެ ކަމަށް ބުނީ 35 ޕަސެންޓެވެ.

އިނގިރޭސިވިލާތުގެ މި ވިސްނުން، އެމެރިކާއާ ހެދި މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ބުނަނީ ވާވޭ އަށް ފުކެއް ވެސް ދެން ނުދޭނެ ކަމަށެވެ. މި ބުނުމާ އެކު އެކީގައި، އިނގިރޭސިވިލާތުން ގޮވާލާ އެހެން ކަމެއް ވެސް އެބަ އޮތެވެ. ދުނިޔޭގައި 5ޖީ ނެޓްވޯކް އެޅުމަށް، ޗައިނާ އަށް ބަރޯސާކުރުން ދޫކޮށްލައި، "ޑިމޮކްރެޓިކް 10 ގައުމެއް" (ޑީ10) އެކުލަވާލުމެވެ.

އިނގިރޭސިވިލާތުން ސުރުޚީއަޅާފައި އޮތް މި މައުލޫގައި، ޖީ7 ގައުމެއް ހިމެނެ އެވެ. އެއީ ޖަޕާން، ޖާމަން، އިޓަލީ، ޔޫއެސް، ޔޫކޭ، ކެނެޑާ، ފްރާންސް އެވެ. ޑީ10އެއް ހަމަކުރުމަށް ދެން ހިމަނާ ގައުމުތަކަކީ، ސައުތު ކޮރެއާ، އޮސްޓްރިއާ އަދި އިންޑިޔާ އެވެ.

މި ބުނި ޑިމޮކްރެޓިކް 10 ގައުމުން އެދޭ ފެންވަރަށް 5ޖީ ތަރައްގީކުރުމަށްޓަކައި، ކަމުކިޔަން ހުރި ކުންފުނިތަކުގެ ތެރޭގައި ސްވިޑްންގެ އެރިކްޝަން އަދި ފިންލޭންޑްގެ ނޮކިޔާ ހިމެނެ އެވެ. މިއީ ވާވޭއާ އަޅާކިޔާ ނަމަ، 5ޖީ ރޭހުގައި، ގިންތި ދަށް ދެ ކުންފުޏެވެ. އަނެއްކޮޅުން، 5ޖީ ނެޓްވޯކްތައް އެކުލަވާލުމަށް ވާވޭ ހުށަހަޅާފައި ހުރި ވަރުގެ ލުއިފަސޭހަތަކެއް މިއިން އެއްވެސް ކުންފުންޏަކަށް ނަންގަނެވެން ވެސް ނެތެވެ. މާލީ ފަސޭހަތަކުގެ އިތުރުން 5ޖީ ނެޓްވޯކް އަޅަން ނަގާ މުއްދަތަށް ބެލި ނަމަވެސް އެވެ.

ދުނިޔޭގައި 5ޖީ ނެޓްވޯކް އަޅަން ކުރާ މަސައްކަތްތަކުގައި ވާދަވެރިކަން، ކުރީގައި ޗައިނާގެ ވާވޭ

އެމެރިކާ ކުރީގައި އޮވެ 5ޖީ ވިޔަފާރި ހިސޯރުކުރުމަށް ވިސްނި ވިސްނުމުގައި، ނޮކިޔާ ކުންފުނި ގަނެވިދާނެތޯ ވެސް ވަނީ ބަލާފަ އެވެ. އެހެން ނަމަވެސް، މިއީ އެމެރިކާ ފަދަ ގައުމެއްގެ ސަރުކާރުން ކުރަން އެދެވޭ ކަމެއް ނޫން ކަމަށް އިސްވެރިން ދިން ޚިލާލާ އެކު މިކަން ވަނީ ހުއްޓާލާފަ އެވެ.

އެމެރިކާގައި ގާއިމުކުރެވޭ 5ޖީ ނެޓްވޯކަކީ އެމެރިކާގެ ކުންފުނިތަކުން ކުރާ މަސައްކަތަކަށް ހަދަން އެ ގައުމުން ބޭނުންވެ އެވެ. ނޮކިޔާ އަދި އެރިކްޝަން ހިމެނުނު ނަމަވެސް، މި ދެ ކުންފުންޏަކީ ވެސް އެމެރިކާގެ ކޮންޓްރޯލް ދަށުގައި އޮތް ދެ ކުންފުންޏަށް ވާތީ ނުތަނަވަސް ކަމެއް ނެތެވެ. މި މަސައްކަތްތަކުގައި، އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި، މައިކްރޮސޮފްޓް، އޭޓީއެންޓީ އަދި ޑެލް ވެސް ބައިވެރިވާނެ އެވެ.

އިނގިރޭސިވިލާތުން މިހާރު އޮތީ، ޑިމޮކްރެޓިކް 10 ގައުމުން ކުރަން ހުރި މަސައްކަތައް އެމެރިކާއާ އެކު ކުރުމަށް ތައްޔާރަށެވެ. މި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުމަށް އެމެރިކާ ސަރުކާރުން، ސިސްކޯ އަދި އޮރަކްލްގެ ކިބައިން ވެސް ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، މި ދެކުންފުނިން ވެސް ވަނީ އިންކާރުކޮށްފަ އެވެ. އެއީ ބުރަ ބޮޑު އަދި ހޭދަ ބޮޑު މަސައްކަތްތަކެއް ކަމަށް ބުނެ އެވެ.

ޗައިނާ އަށް އިގްތިސޯދީ ގޮތުން ދަތިކުރަން އެމެރިކާއިން ކުރާ މަސައްކަތްތަކުގައި، އަމާޒަކަށް ވެ ވާވޭ ތާށިވެފައި ވާއިރު، އެމެރިކާ މިހާރު ބޭނުން ވަނީ މައިކްރޮޗިޕް ވިޔަފާރިން ވެސް ވާވޭ ބާކީކޮށްލާށެވެ. އެމެރިކާގެ މަދަދުލިބިގެން ހިންގާ ޗިޕް ކުންފުނިތަކަށް އެމެރިކާއިން އަންގާފައި ވަނީ، ވާވޭގެ އުފެއްދުންތަކަށް ބޭނުންވާ ޗިޕްތައް ސަޕްލައިނުކުރުމަށެވެ. މިއީ ވެސް ވާވޭއިން ބާރުގަދަ ހާޑްވެއާ އުފެއްދިއަ ނުދިނުމަށް އަޅާފައި ވާ ފިޔަވަޅެކެވެ.