ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަކަށް، އެމެރިކާގެ ކުންފުނިތަކުން ވީޗެޓް ބަންދުކޮށްފި ނަމަ އައިފޯނުގެ ބަދަލުގައި އެހެން ފޯނެއް ހޯދާނެ ކަމަށް، 1.2 މިލިއަން މީހުން ބުނެފައި ވާ ކަމަށް، ޗައިނާގެ މައިކްރޮ ބްލޮގިން ވެބްސައިޓް، ވީބޯ އިން ދާދިފަހުން ކުރި ސާވޭއަކުން ދައްކައިފި އެވެ.


އައިފޯން ބޭނުންކުރާ ޗައިނާ މީހުންނަށް އައިފޯނަށް ވުރެ ވީޗެޓް މުހިންމު ކަމަށް 95 ޕަސެންޓް މީހުން އެ ވަނީ ބުނެފަ އެވެ.

ޗައިނާ މީހުންނަށް ވީޗެޓަށް ވުރެ ވަކިން މުހިންމު އެހެން އެޕްލިކޭޝަނެއް ނެތެވެ. ވީޗެޓް ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް ވުރެ ގިނަ އެވެ.

ޗައިނާގައި ވީޗެޓް ބޭނުންކުރެވެނީ ހަމައެކަނި މެސެޖްކުރާކަށް ނޫނެވެ. އޮންލައިން ވިޔަފާރި، ރައްޓެހިނާއި ގާތްތިމާގެ މީހުންނަށް ފައިސާ ފޮނުވުން އަދި ކާބޯތަކެއްޗަށް އޯޑަރުކުރުން ފަދަ ތަފާތު ބޭނުންތަކަށް ވެސް ވީޗެޓް ބޭނުންކުރެ އެވެ.

އައިފޯނަކީ ޗައިނާގައި މަގުބޫލް ސްމާޓްފޯނެކެވެ. އެމެރިކާގެ ކުންފުނިތަކަށް ވީޗެޓް ބަންދުކުރަން ޖެހިއްޖެ ނަމަ އައިފޯން ބޭނުންކުރާ މީހުންނަށް މި އެޕްލިކޭޝަން ބޭނުމެއް ނުކުރެވޭނެ އެވެ. ޗައިނާ މީހުން ބުނާ ގޮތުގައި އެމެރިކާގައި ދިރިއުޅޭ އެ މީހުންގެ އާއިލާ މީހުންނާ މުއާމަލާތުކުރުމަށް ވީޗެޓް ނޫން އެޕްލިކޭޝަނެއް ބޭނުންމެއް ނުކުރެ އެވެ. އެހެންކަމުން ވީޗެޓަށް ގޮތެއް ވެއްޖެ ނަމަ އެއީ ހިތާމަކުރަން ޖެހޭ ވަރުގެ ކަމަކަށް ވާނެ އެވެ.

ވީޗެޓް ބަންދުކުރުމަކީ ޗައިނާގެ އިލެކްޓްރޯނިކްސް ކުންފުނިތައް ދެކެ ޓްރަމްޕް ސަރުކާރުން އަންނަ ރުޅީގައި ކުރަން އުޅޭ ކަމެކެވެ. މިކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ޗައިނާ މީހުންނަނަށް ނޫނެވެ. އެޕަލް އަށް އަދި ގޫގުލް އަށް ވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެ އެވެ.

އެޕަލް އަށް ލިބޭ އާމްދަނީގެ 15 ޕަސެންޓް ޗައިނާ ހިއްސާކުރެ އެވެ. އެހެންކަމުން، ޗައިނާ މީހުން އައިފޯން ބޭނުންކުރުން ހުއްޓާލައިފި ނަމަ، އަނެއްކާ ވެސް އެޕަލުން ތަންގަނޑެއް ނައްޓައިގެންދާނެ އެވެ. މި ހިސާބުން ވައިޓް ހައުސް އަށް އޮތީ މި ކަމުގައި ހިކުމަތްތެރިވުމެވެ. އެއް ގޮތަކީ މި ޚިޔާލު ދޫކޮށްލުމެވެ. ނޫން ނަމަ ހަމައެކަނި އެމެރިކާގައި ބޭނުންކުރާ އައިފޯނުތަކަށް ވީޗެޓް ބަންދުކުރުމެވެ. ދުނިޔޭގައި ބޭނުންކުރާހާ އައިފޯނަކަށް ވީޗެޓް ބަންދުކޮށްފި ނަމަ ގާތީ އެޕަލް އަށް ދިޔަވުމެވެ.