ކޮވިޑް އެޕަކާ ވެސް ނުލައި އައިފޯނުން ކޮންޓެކްޓް ޓްރޭސިން ހެދިދާނެ

އައިފޯން ބޭނުންކުރާ ނަމަ ކޮވިޑް-19 ގެ ކޮންޓެކްޓް ޓްރޭސިން އެޕަކާ ނުލައި ވެސް ޓްރޭސްކުރެވޭ ގޮތަށް ހަދައި، އެ ފީޗާ ބައެއް ހިސާބުތަކުގައި ޓެސްޓްކުރަން ފަށައިފި އެވެ.


އެޕަލް އިން ބުނި ގޮތުގައި މިކަން ކުރެވޭނީ އެކަމަށް ހާއްސަ ސްކީމެއް ކަމަށްވާ އެކްސްޕޯޝާ ނޮޓިފިކޭޝަން އެކްސްޕްރެސް (އީއެންއީ) މެދުވެރިކޮށެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިން ހަދާކަށް ކޮވިޑަށް ހާއްސަ އެޕެއް ފޯނަށް ޑައުންލޯޑްކުރާކަށް މަޖުބޫރެއް ނުވާނެ އެވެ. ނަމަވެސް އެ ފީޗާ ބޭނުންކުރެވޭނީ އެ ސަރަހައްދެއްގެ ޕަބްލިކް ހެލްތު އޮތޯރިޓީއަކުން އެއަށް ތާއިދުކުރާ ނަމަ އެވެ.

ކޮންޓެކްޓްވާ މީހުންނާ ބެހޭ މައުލޫމާތު އީއެންއީގެ އެހީގައި ބުލޫޓޫތު މެދުވެރިކޮށް 14 ދުވަހަށް ރައްކާކޮށް، ފަހުން އެއިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނަމަ އެކަން ވެސް އަންގައިދޭނެ އެވެ. މިއާ އެކު ދެން އިތުރަށް ރައްކާތެރިކަން ހޯދަން އަޅަން ޖެހޭ ފިޔަވަޅުތަކައިގެން ކުރިއަށްދާން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދޭނެ އެވެ.

އީއެންއީ އަކީ އެޕަލް އިން އަލަށް ނެރުނު އޯއެސް 13.7 ގެ އަޕްޑޭޓަކާ އެކު ލިބެން ފެށި ފީޗާއެކެވެ. އައިފޯންގެ މެއިން ސެޓިން އަށް ގޮސްފައި ނިއު އެކްސްޕޯޝާ ނޮޓިފިކޭޝަން އީއެންއީ އަށް ސެޓްކޮށްލެވޭނެ އެވެ.

އައިފޯން މެދުވެރިކޮށް ކޮންޓެކްޓް-ޓްރޭސިން ފަސޭހަކޮށް ދީފައި ވަނީ އެ ކުންފުންޏާއި ގޫގުލް ގުޅިގެން ކޮންޓްރެކްޓް-ޓްރޭސިން އެޕެއް އުފައްދަން ވެސް ނިންމިކަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައި ވަނިކޮށެވެ. އަދި މިހާތަނަށް 20 އަށް ވުރެ ގިނަ ގައުމަށް ކޮންޓެކްޓް ޓްރޭސިން ފްރޭމްވޯކްގެ ދަށުން އެޕް ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި ސްވިޓްޒަލެންޑާއި ޖަޕާނާއިު ސައުދި އަރަބިއްޔާ، ގިބްރާލްޓާ، ރިޕަބްލިކް އޮފް އަޔަލެންޑް އަދި ނޯތު އަޔަލެންޑް ހިމެނެ އެވެ.

އެޕަލް އިން އީއެންއީ ތައާރަފުކު އިރު ގޫގުލް އިން ބުނީ މި މަހުގެ ތެރޭގައި އެތަނުން ވެސް އެފަދަ ސްކީމެއް އެންޑްރޮއިޑްގެ އަހުލުވެރިންނަށް ދޫކޮށްލާނެ ކަމަށެވެ.