އެޕަލްގެ އިވެންޓެއް މި މަހު 15 ގައި

އާ އުފެއްދުންތައް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ދައްކާލާ އެޕަލް އިން މި މަހުގެ 15 ގައި ވާޗުއަލް އިވެންޓެއް ބާއްވަން ނިންމައި ދައުވަތު ފޮނުވަން ފަށައިފި އެވެ.


މިއީ އެޕަލް އިން އައިފޯން 12 އަދި އެ ކުންފުނީގެ ފޯނެއްގައި ފުރަތަމަ ފަހަރަށް 5ޖީ ހިމަނައިގެން ތައާރަފްކުރާނެ އިވެންޓް ކަމަށް ވަނީ ބެލެވިފަ އެވެ.

އެޕަލް އަކީ އެއް އިރެއްގައި ވެސް އެ ކުންފުނީގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ކުރިން ހާމަކުރާ ބައެއް ނޫނެވެ. މި މަހު ބާއްވާ އިވެންޓްގައި އެޕަލްގެ އާ ގަޑި އާއި އާ އައިޕެޑެއް ވެސް ދައްކާލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކީ ކަށަވަރުވާ ކަންކަމެއް ނޫނެވެ.

ނަމަވެސް އެޕަލްގެ އާ ގަޑި ދައްކާލާނެކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. މިއީ އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން މިހާރު ވިޔަފާރި އެންމެ ރަނގަޅު އުފެއްދުމެވެ. އަލަށް ނެރޭ ގަޑީގައި ހެލްތު ފީޗާތައް އިތުރަށް ވަރުގަދަކޮށް ބެޓެރީގެ ބާރު ވެސް ގަދަކުރާނެ ކަމަށް ބެލެވިފައިވެ އެވެ. ހެލްތު އެޕަށް އިތުރުކުރާ ފީޗާތަކުގެ ތެރޭގައި ލޭގައި އޮކްސިޖަން ހުންނަ ވަރު ދެނެގަތުމާއި ނިދި މޮނިޓަކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އެޕަލްގެ އިވެންޓަށް ދައުވަތު ދީ އާންމުކުރި އެނިމޭޓެޑް ލޯގޯގައި ނޫކުލައިގެ ޝޭޑްތަކުން އެޕަލްގެ ލޯގޯގެ އިތުރުން، އިވެންޓް އޮންނަ ދުވަސް ކަމަށްވާ 9/15 ވެސް ދައްކާލަ އެވެ. އަދި ލޯގޯގެ ތިރީގައި "ޓައިމް ފްލައިސް" ޖަހާފައި އިނދެ އެވެ.

އެޕަލްގެ އިވެންޓް އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ރޭގަނޑު 10:00 ގަ އެވެ.