ކޮވިޑް-19: ޑަބްލިއުއެޗްއޯގެ އިންޒާރު މި ފަހަރު ޒުވާނުންނަށް

ޖެނީވާ (މާޗް 21) - މުޅި ދުނިޔޭގައި ވެސް މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ނުރައްކާ ޒުވާނުންނަށް ވެސް އެބައޮތް ކަމަށާއި ޒުވާނުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފި އެވެ.


"މިއަދު އަޅުގަނޑުގެ މެސެޖް އޮތީ ޒުވާނުންނަށް. ތިޔަ ބޭފުޅުންނަށް ވެސް މި ރޯގާ އިން ސަލާމަތެއް ނެތް. މި ވައިރަހުގެ ސަބަބުން ތިޔަ ޒުވާނުން ވެސް ހޮސްޕިޓަލުގައި ހަފުތާތަކެއް ހޭދަކުރަން ޖެހިދާނެ. ނޫނީ ބަލީގައި މަރުވެސް ވެދާނެ. ޒުވާނުން ބަލި ނުވި ނަމަވެސް ޒުވާނުން ގޮސް، އެއްވެ އުޅޭ ތަންތަނުގެ ސަބަބުން އެހެން މީހުންގެ ފުރާނަ ނުރައްކަލަަށް ވެއްޓިދާނެ،" ޖެނީވާގައި ކޮންމެ ދުވަހަކު ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ވިޔަސް، ޓެޑްރޯސް ވިދާޅުވީ ޒުވާނުންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ކޮރޯނާވައިރަސް މިހާރު ވަނީ 277،169 މީހުންނަށް ޖެހިފަ އެވެ. މަރުވެފައި ވަނީ 11،431 މީހުންނެވެ. ބަލިން ރަނގަޅުވީ 91،989 މީހުންނެވެ. ކޮރޯނާވައިރަސް މިހާރު އެންމެ ބާރަށް ފެތުރޭ އިޓަލީން އެއް ދުވަސްތެރޭ އިއްޔެ ވަނީ 627 މީހުން މަރުވެފަ އެވެ. އިޓަލީން 47،021 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެ ގައުމުން ވަނީ 4،032 މީހުން މަރުވެފަ އެވެ. މުޅި ދުނިޔޭގައި މަރުވި މީހުންގެ 36 ޕަސެންޓް ހިއްސާ ކުރަނީ އާބާދީގައި 60 މިލިއަން މީހުން ހިމެނޭ އިޓަލީ އެވެ.